އެމްޑީޕީގެ ދަފުތަރުން ވަކިކުރި 39،000 މެމްބަރުންގެ ތެރޭގައި އަނިބަނބަލުން ލައިލާ އަލީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޮޑުފެންވަޅުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ދަފުތަރުން ވަކިކުރި 39،000 މެމްބަރުންނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕްރައިމަރީގައި ވޯޓު ނުދޭނެ ކަމަށް ބަލައިގެން ވަކިކުރި މެމްބަރުން ކަމަށެވެ. ނަޝީދު ވިދާޅުވީ 39،000 މެމްބަރުން ވަކިކުރުމުން އެ މެމްބަރުންނާ ގުޅިފައިވާ އިތުރު މީހުންނާއެކީ އެމްޑީޕީއަށް 70،000 ވޯޓު ގެއްލިގެންދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ވަކިކުރި މެމްބަރުންގެ ތެރޭގައި އެ މަނިކުފާނުގެ އާއިލާ ބައެއް ބޭފުޅުންނާއި އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރި މީހުން ހިމެނޭ ކަމަށެވެ.
"މިސާލަކަށް ވަކިކޮށްފައި ތިބި މީހުންނޭ މި ދަންނަވަނީ. ޑޭޒީމާގޭ އަހުމަދު އައްބާސް، ހާމިދު އަބްދުލްގަފޫރު، އަޅުގަަނޑުމެންގޭ ޑރ. ނާޝިދު (ނަޝީދު ބޭބޭފުޅު)، ޔާގޫތުގޭ ލައިލާ. އަޅުގަނޑަކަށް ނޭނގެ މި މީސްމީހުން ކައިރީގައި ދެން ނޫނެކޭ އަންނަން ވީނުހޭ، އެ ވާހަކަ ނޭނގެ ދައްކާކަށް އެ ވާހަކައެއް (ރައީސް ސޯލިހަށް) ނުވެސް ދެއްކޭނެ. އެހެންވީމަ ހުރިހާ މީހުން ކައިރީގައި ވެސް މި ދަންނަވަނީ ނެތޭ އެހެން ގޮތެއް އަޅުގަނޑު މޮޅުވުން ނޫނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިވަޑައިގެން ނޫޅުއްވާ ކަމަށެވެ.
"ވެރިކަމުގައި ރައީސް ސޯލިހު ހުންނެވީމައޭ އަޅުގަނޑާ ރައީސް ސޯލިހާ މައްސަލަ ޖެހިވަޑައިގެން އުޅުއްވަނީ. ނޫން އަޅުގަނޑު އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫން މިއުޅެނީ. އަޅުގަނޑު މިއުޅެނީ ހަމަ ސައްހަ އިންތިހާބެއްގައި ބައިވެރިވެ، އެ އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށް ބައްދަލުވި ގިނަ މީހުން ބުނެފައިވާ ކަމަށެވެ.
"އަދި ކޮންމެ ބޭފުޅަކުވެސް އެބަ ވިދާޅުވޭ އަޅުގަނޑު ބުންޏަސް ނުދޭނަމޭ. އަޅުގަނޑު ދަންނަވައިފިން އެބަ ނުބުނާނެނުންހޭ އަޅުގަނޑު ކުރިމަތިލައިހޭ މިހުރީ. ރައީސް ސޯލިހަކާވެސް އަދި އެހެން ބޭފުޅުކާވެސް ރައީސް ޔާމީނާކާވެސް، ރައީސް މައުމޫނާކާ ވެސް އަޅުގަނޑަކާ މައްސަލައެއް ހަމަ އެއްގޮތަކަށް ވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ޖަލުގައި ކަމަށާއި އެއީ އެއްވެސް ބޭފުޅަކު އުފާފާޅުކުރައްވަންވީ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޔާމީން ނެތަސް އެ ކޯލިޝަނުން ރިޔާސީ އިންތިހާބެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެއީ އެ މަނިކުފާނަށްވެސް ފެންނަ އެންމެ ބުއްދިވެރި ގޮތް ކަމަށާއި އަދި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންވެސް ބޭނުންވާނީ އެގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު