އޮގަސްޓް 6ގެ ރޭގަނޑު 12:00 ޖަހަން ގާތްވީ ވަގުތެވެ. މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެރީ މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރާލާފައި އޮއްވައި ފެނުނު ހަބަރެވެ. ތަފުސީލުތަކާއި މަންޒަރުތައް ލިބެމުން ދިޔަ ވަރަކަށް މަރުގެ ބޮޑުކަން ހާމަވަމުންދިޔައެވެ. މިއީ މި އަހަރު އަދި ރާއްޖޭގައިވެސް ފަހުގެ ތާރީހެއްގައި ހިންގި އެންމެ އަނިޔާވެރި ގަތުލެވެ.

ހ. ޝީރީން ވިލާގެ ނުވަ ވަނަ ބުރީގައި ހުންނަ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ސިޓިން ރޫމް ތެރޭގައި ފުވައްމުލައް ސިޓީއަށް އުފަން އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތް އިރު, ބައެއް ގުނަވަންތައް ވަނީ ވަކިކޮށްލައިފައެވެ. މުޅިތަން އޮތީ ލެއިން ތަތްތެޅިފައެވެ. ޝިއާއުގެ ހަށިގަނޑު ގެއިން ނެރިގެން އެމްބިއުލާންސަށް އެރުވީވެސް ދެ ބޮޑީ ބޭގުގައެވެ.

ޝިއާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި ދިރިއުޅޭ އަންހެނަކަށެވެ. ބޭރުގައި އުޅެފައި އޭނާ ގެއަށް ވަން ވަގުތު ފެނުނު މަންޒަރުން އެކަން ފުލުހުންނަށް ރިޕޯޓްކުރީވެސް އޭނާއެވެ.

މި މައްސަލައިގައި ޝިއާގެ ހަށިގަނޑު ފެނުނު އެޕާޓްމަންޓުން ފ. ނިލަންދޫ/ ފިނިފެންމާގެ, އަލީ ޝާހިލް, 23އ. ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ޝާހިލް ދިރިއުޅެނީ އެ ގޭގެ ކޮތަރިއެއްގައެވެ. ސްކޭޓިންގައި މަޝްހޫރު ޝާހިލްއަކީ މީގެ ތިން މަސް ކުރިން ޝިއާއާ ބައްދަލުވި, އޭނާގެ ރަހުމަތްތެރިއެއް ކަމަށް ގާތް މީހުން ބުނެއެވެ. އެ ނޫން ގުޅުމެއް ދެ މީހުންގެ ދޭތެރޭގައި އޮތް ކަމެއް ނޭނގެއެވެ.

ޝިއާގެ ބައެއް ރަހުމަތްތެރިން "ވަން" އަށް އޭރު ބުނި ގޮތުން ޝިއާ, ޝާހިލްގެ ގެއަށް ދިޔައީ ޕީއެސް ކުޅޭށެވެ. އެއީ އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ 8:45 ހާއިރެވެ. ނަމަވެސް އޭގެ ފަހުން ޝިއާގެ ހަބަރެއް ނުވެއެވެ.

މަރުގެ މައުލޫމާތުތައް ތުންތުންމަތިން ފެތުރެމުންދަނިކޮށް ފުލުހުންގެ ޕްރެސް ކޮންފަރެންސެއް ބޭއްވިއެވެ.

އިސްކަންދަރު ކޮށީގައި އޮގަސްޓް 7 ވަނަ ދުވަހު ބޭއްވި ޕްރެސްގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި, ޝާހިލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. ނަމަވެސް ޝިއާގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށް ޓެސްޓު ކުރިއިރު, އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ.

ހަމަލާ ދޭން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެތަނުން މަސްކަނޑާ ވަޅިއެއްވެސް ފެނިފައިވެއެވެ.

މި މައްސަލާގައި ޝިއާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހެދިއެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް, ކަށުނަމާދު ބޭއްވީ އޮގަސްޓް 14 ވަނަ ދުވަހުގެ އިޝާ ނަމާދަށްފަހު އޭނާގެ އުފަން ރަށް, ފުވައްމުލަކުގައެވެ.

ފުލުހުން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑު، ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައިދު ވިދާޅުވީ، ޝިއާ މަރާލުމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް އެނގޭން ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ޝާހިލްގެ ފަރާތުން އެއްބާރުލުން ނުލިބުނު ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ޝިއާ މަރާލި ކަމަށް ޝާހިލް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް މަރުގެ މޯޓިވް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ފުލުހުން ބުންޏެވެ. މޯޓިވް ނޭނގި އޮއްވައި ޝާހިލްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ހިމެނޭހެން އިތުރު ހަތަރު ދައުވާ ޝާހިލްގެ މައްޗަށް ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އިތުރު ކޮށްފައިވާ ދެ ދައުވާއެއް އެ އޮފީހަކުން ހަމައެއް ނުކުރެއެވެ. ސަބަބެއް ކަމަށް ބުނީ، ޝިއާގެ އާއިލާއަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށެވެ. އެހެންވެ ދައުލަތުން ވަނީ މި މަރުގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށްވެސް އެދިފައެވެ.