ގަތަރު ވޯލްޑް ކަޕް 2022 އަށްފަހު ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަލަޑޮލިޑް ކައިރިން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ރެއާލްއިން ވަލަޑޮލިޑް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ފަރާތުން ފެނުނު ދެ ގޯލުވެސް ފެނިގެން ދިޔައީ ފަހު ވަގުތުގައެވެ. ރޭގެ މޮޅާއެކު 15 މެޗުން 38 ޕޮއިންޓް ހޯދައި، ރެއާލް އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާއިން ލީޗުގައި 14 މެޗު ކުޅެފައިވާ އިރު، އެ ޓީމު ދެވަނައިގައި އޮތީ 37 ޕޮއިންޓާ އެކުގައެވެ. ބާސާއިން މި ހަފުތާގައި ކުޅޭ ލީގު މެޗުގައި މިރޭ ނުކުންނާނީ އެސްޕަނިޔޯލާ ދެކޮޅަށެވެ.

ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ފްރާންސްގެ ދެ މިޑްފީލްޑަރުން ކަމަށްވާ އޮރެލިއަން ޗުއަމެނީއާއި އެޑުއާޑޯ ކަމަވިންގާ ރޭގެ މެޗު ފަށާފައި ނުވާއިރު، ކްރޮއޭޝިއާއާއެކު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ފުރަތަމަ 11 އިން ފެނުނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ގިނަކޮށް ފެނުނު އިރު، ދެ ގޯލްކީޕަރުންގެ ތަފާތު މޮޅު ކުޅުން ބޮޑަށް ފާހަގަވިއެވެ. އެގޮތުން ވަލަޑޮލިޑްގެ ގޯލްކީޕަރު ޖޯޑީ މަސިޕްގެ ގިނަ ސޭވްތަކެއް ކުރި އިރު، ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާވެސް ގިނަ ސޭވްތަކެއް މެޗުގައި ފެނިގެންދިޔައެވެ.

މެޗުގައި ރެއާލުން ލީޑު ނެގީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން ހާވީ ސަންޗޭސް އަތުގައި ބޯޅަ ޖެހުނު ކަމަށް ރެފްރީ ނިންމުމާއެކު އެކަމާ ވަލަޑޮލިޑްގެ ކުޅުންތެރިން ޝަކުވާ ކޮށްފައިވެސް ވެއެވެ. އެ ޝަކުވާތަކުގެ ތެރެއިން ވަލަޑޮލިޑްގެ ފޯވަޑް ސާޖިއޯ ލެއޮޮންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުންވެސް ފޮނުވާލައިފައެވެ.

އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލުނު ބެންޒެމާ ރެއާލްގެ ޕެނަލްޓީ ކާމިޔާބު ކޮށްދިން އިރު، މެޗު ނިމެން ދަނިކޮށް، 89 ވަނަ މިނެޓުގައި ބެންޒެމާގެ އިތުރު ގޯލެއް ފެނިގެންދިޔައެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތުގައި ޖެހި ގޯލެކެވެ.