ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަހަރު ވެގެން ގޮސްފައި މިވަނީ އަނެއްކާވެސް ބޮޑު އަހަރަކަށެވެ. ހާއްސަކޮށް އެމްޑީޕީއަށް ބޮޑު އިމްތިހާނެއް ކުރިމަތި ކުރުވި އަހަރަކަށް މިއަހަރުވެސް މިވަނީ ވެފައެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ތިއްބެވި އެންމެ ވަރުގަދަ ދެ ޝަހުސިއްޔަތުން ކަމަށްވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުރިމަތިލުން ފެނިގެންދިޔަ ވަރުގަދަ އަހަރަކަށް މި އަހަރު މި ވަނީ ވެފައެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ނުތަނަވަސްކަމަކީ މިއަހަރު އަލަށް ފެނިގެންދިޔަ މަންޒަރެއް ނޫނެވެ. ދެ ބޭފުޅުންގެ ދެމެދުގައިވާ މައްސަލަތައް ނިއުޅެމުން، "ބޭޒާރު" ވަމުން އަންނަކަމީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަހަރު އެ ގުޅުމުގައި މިވަނީ ބޮޑު ރެނދެއްލައި، ހީނުކުރާ ވަރަށް ބޮޑުވެފައެވެ.

ދެ ރައީސުންގެ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިގެން އައި ހިސާބަކީ އަލުންބަލުން ކިޔައިދޭން ޖެހޭނެ ވާހަތަކެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ކަންކަން އެނގޭ އެންމެނަށްވެސް އެ ހުރިހާ މަންޒަރެއް ވަރަށް ސާފުކޮށްވަނީ ފެނިފައެވެ. ދެ ރައީސުންގެ ގުޅުން ހީނަރުވެގެން، އެމްޑީޕީ ދެފަޅިވަމުން ދިޔައީ އެންމެންގެ ލޯކުރިމަތީގައެވެ.

މިއަހަރުވެސް ފެނިގެންދިޔައީ އެމަންޒަރެވެ. ނަމަވެސް ކުރިއަށްވުރެ ބޮޑަށް މިއަހަރު ދެ ރައީސުންގެ ދެމެދު ލީ ރެނދުތައް ބޮޑެވެ. އޭގެ އެއް ސަބަބަކަށް ވެގެންދިޔަ އެއް ކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކެވެ. ދެ ރައީސުންގެ އަމާޒަކަށްވީ، "ފޫގަޅައިގެން" ވިޔަސް އެމްޑީޕީގެ ތާއީދު ބޮޑު ރައީސް، މެންބަރުންނަށް ދެއްކުމެވެ. އެކަން ފެށިގެން ދިޔައީވެސް ބޮޑު އިންތިހާބަކުންނެވެ.

އެގޮތުން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާއި ގޮފިތަކުގެ ރައީސުން ހޮވުމުގެ އިންތިހާބު ވެގެންދިޔައީ އެމްޑީޕީގެ ފުރަތަމަ އިމްތިހާނަށެވެ. ދެ ރައީސުންގެ ބާރުވެރިކަން އޮތް މިންވަރު ދައްކާލުމަށް ލިބުނު ފުރަތަމަ ފުރުސަތަށެވެ. ދެ ރައީސުންގެ ފަރާތުން އެ އިންތިހާބަށް ކެންޑިޑޭޓުން ނެރެ، މެންބަރުންނަށް ކުޅިބައިތައް ދައްކައިލިއެވެ. އެގޮތުން އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ ޗެއާޕާސަން ހޮވުމުގެ އިންތިހާބެވެ. ރައީސް ނަޝީދުގެ ތާއީދާއެކު ނުކުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. ރައީސް ސޯލިހުގެ ތާއީދާއެކު އެ އިންތިހާބަށް ނުކުމެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ފޯރިގަދަ ކެމްޕެއިނަކާއި ދެބަސްވުންތަކުގެ އިތުރުން ބަހުގެ ހަމަލާތަކާއެކު، އެމްޑީޕީ ރަނގަޅަށްވެސް ފަޅިކޮށްލިއެވެ. ދެ ބޭފުޅުންވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ދެބޭފުޅުންނަށް ވީ ވަރަކުން ދިޔައީ "ބިތުފަންގި" ނަގައި ދެބޭފުޅުން ބޭޒާރު ކުރަމުންނެވެ.

އެ އިންތިހާބު ވެގެންދިޔައީ އަނެއްކާވެސް ސިޔާސީ މައިދާނަށް ބޮޑު ލޮޅުމެއް ގެނައި އިންތިހާބަކަށެވެ. ހީނުކުރާ ގޮތަކަށް ކުޅިބައި ބަދަލުވެގެންދިޔަ އިންތިހާބަކަށެވެ. ހާއްސަކޮށް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ސިހުން ގެނުވި އިންތިހާބަކަށެވެ. ސަބަބުތައްވެސް ވަރަށް ސާފެވެ. އަހަރުގެ ފުރަތަމަ އިންތިހާބުގައި އެހާ ބޮޑު ނާކާމިޔާބީއެއް ނަޝީދަށް ކުރިމަތިވެވަޑައިގެންފާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

އިންތިހާބުގައި ރައީސް ސޯލިހު ފަޅި ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ. ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މަގާމުތައް ފުރާލީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންނާއެކުއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ނަތީޖާއަކަށްވީ، އެމްޑީޕީގެ އިސް ދެބޭފުޅުން ކަމަށްވާ ފައްޔާޒު އާއި އިންތިގެ ކުރިމަތިލުމުގެ ތަފާތު ބޮޑު ނަތީޖާއެވެ. ފައްޔާޒު، ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ 27،841 ވޯޓާއެކު 58 ޕަސެންޓް ހޯއްދަވައިގެންނެވެ. އިންތިއަށް ލިބިވަޑައިގެންފައި ވަނީ، 20،425 ވޯޓެވެ. އެއީ 42 ޕަސެންޓެވެ.

މި އިންތިހާބުގައި ދެވަނައަށް އެންމެ ވާދަވެރިކޮށް ކުރިއަށްދިޔައީ، އަންހެނުންގެ ރޫހުގެ ރައީސްކަމުގެ އިންތިހާބެވެ. އެ އިންތިހާބުވެސް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ ކެންޑިޑޭޓް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމެވެ. މި އިންތިހާބުގައި ރޮޒެއިނާއަށް ލިބިވަޑައިގެންފައި ވަނީ 11،921 ވޯޓެވެ. އެއީ 60 ޕަސެންޓެވެ. އޭނާއާ ވާދަކުރެއްވި، ސަފާއަތު އަހުމަދަށް ލިބިވަޑައިގަތީ 7،912 އެވެ. އެއީ 40 ޕަސެންޓެވެ.

އެ އިންތިހާބަށްފަހު، ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ މެންބަރުން ހިމޭންވެގެންދިޔައެވެ. ބަހުގެ ހަމަލާތައް މަދުވެގެންދިޔައެވެ. ނަމަވެސް ފަޅައިގެން ގޮސްފައިވާ ހުޅުގަނޑެއް މައިތިރި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އެމްޑީޕީގެ ދެ ފެކްޝަން ރަނގަޅަށްވެސް ވަކިވެ، ޒުވާބު ކުރުމާއި ފުރައްސާރަ ކުރުން ދިޔައީ އިތުރުވަމުންނެވެ.

ދެ ރައީސުންވެސް، ދޭތެރެއަކުން ގެންދެވީ ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ. ބައެއް ފަހަރު ސީދާކޮށެވެ. އަނެއްބައި ފަހަރު ނުސީދާކޮށް، ބޮޑެތި ބަސްފުޅުތަކުންނެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބި ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެ ދަނޑިވަޅު ދިމާވީ އަނެއްކާވެސް އެމްޑީޕީއަށް ބޮޑު އިމްތިހާނެއް ކުރިމަތި ކުރުވި ދުވަސްވަރަކަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަކީ ތަފާތު، އެކަމަކުވެސް ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށް އެމްޑީޕީގެ މެންބަރުން ސިފަކުރެއެވެ. އެއީ "އަސްލު" އެމްޑީޕީ ފެނުނު ކޮންގްރެހެއް ކަމަށް ބައެއް މެންބަރުން ބުނެއެވެ. ނަމަވެސް އެކަމާ ހިޔާލު ތަފާތު މެންބަރުންވެސް އެބަތިއްބެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވަނީ މުހިންމު ހުށަހެޅުންތަކެއް ހުށަހަޅައި ގިނަ ނިންމުންތަކެއްވެސް ނިންމައިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅިގެންދިޔަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އެންމެ ބޮޑު ބަހުސަކަށްވެސްވީ އެކަމެވެ.

ކޮންގްރެސްގެ އެންމެ ކުރީ ސަފުގައި ރައީސް ނަޝީދާއި ރައީސް ސޯލިހު އިންނެވިއިރު، ދެބޭފުޅުން ސަލާންގަލާން ކޮށްލައްވައި ހިނިތުންވެލެއްވުން ފިޔަވައި އެހެން މަންޒަރެއް ފެނިގެން ނުދެއެވެ. އަބަދުވެސް އެކުގައި މަޖާ ކުރައްވައި ވާހަކަދައްކަވާ ދެބޭފުޅުންގެ ފުށުން ފެނިގެންދިޔައީ ހިމޭންކަމެވެ. ދެބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅުދައްކަވައިލެއްވި މަންޒަރެއްވެސް ނުފެނެއެވެ. ފުރަތަމަ ދުވަހު ޕޯޑިއަމަށް އަރައިވަޑައިގެން ދެބޭފުޅުންވެސް ގެންދެވީ ބަހުގެ ހަމަލާތައް އެއްވެސް "ހުރަހެއް" ނެތި ބަދަލު ކުރައްވަމުންނެވެ. ދެ ބޭފުޅުން އެއް ގަލަކަށް އަރައިވަޑައިގަންނަވާނެ ކަމަށް އޮތީ އަންދާޒާ ކުރެވޭ ވަރަށްވުރެ ދުރުގައެވެ. ހާއްސަކޮށް ނިޒާމީ ވާހަކަ ވެގެންދިޔައީ އެ ހުޅުގަނޑަށް އެޅިގެންދިޔަ ޕެޓްރޯލަށެވެ.

ކޮންގްރެސްގެ ފަހުވަގުތާ ޖެހެންދެންވެސް ރައީސް ނަޝީދު ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ހަރުއަޑުން ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭ ކަމާއި ނިޒާމީ ވޯޓު ނަގަން ޖެހޭ ކަމަށެވެ. ވިދާޅުވެދެއްވަމުންގެންދެވީ ބަރުލަމާނީގެ ސިފަތަކެވެ. ތަފާސްހިސާބާއެކުގައި ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ގެންނަން މަސައްކަތް ނުކޮށްފިނަމަ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހްވެސް ހުންނެވީ ދޫދެއްވަން ނިންމަވައިގެން ނޫނެވެ. ނިޒާމީ ވޯޓަކަށް ދާން ނުޖެހޭ ކަމާއި ސަބަބުތައް ވަރަށް ސާފުކޮށް ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އެމްޑީޕީއަށް ކާމިޔާބު އޮތީ ރިޔާސީ ނިޒާމުން ކަމަށް ވިދާޅުވެ، ބަރުލަމާނީ ގެންނަން ދެކޮޅު ހެއްދެވިއެވެ.

ނިޒާމީ ވާހަކަތައް ވެގެންދިޔައީ ކޮންގްރެސް ހޫނުވެ، ދެ ފެކްޝަންގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ބަދަލުކުރެވިގެންދިޔަ ކަމަކަށެވެ. އެކަމަށް ހައްލެއް ހޯއްދެއްވުމަށް ދެ ރައީސުން އެއްތަންވެވަޑައިގެން މަޝްވަރާ ކުރައްވަން ފެއްޓެވިއެވެ. އެމްޑީޕީ މެންބަރުން އެބުނާ "އަސްލު" އެމްޑީޕީ ދައްކުވާލިއެވެ.

މަޝްވަރާއަށްފަހު ޕާޓީއަށް އެވަގުތަށް އެންމެ ރަނގަޅު ގޮތަކީ ނިޒާމީ ވޯޓްގެ ވާހަކަ އެއްފަރާތުގައި ބޭއްވުން ކަމަށް ދެ ރައީސުންނަށް އިއްތިފާގުވެވުނެވެ. އެހެންވެ ނަޝީދަށް ޖެހިވަޑައިގަތީ އެމައްސަލަ ޕާކްކޮށްފައި ބާއްވާށެވެ. ގިނަ ބަޔަކު ސިފަކުރި ގޮތުގައި އެއީ އެމްޑީޕީއަށް ލިބުނު ކާމިޔާބެކެވެ. ނަމަވެސް އެއީ ނަޝީދަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ. އެއީ ނަޝީދުގެ ބާރު އެމްޑީޕީން ފަނޑުވަމުންދާކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ހާއްސަކޮށް އެ ކޮންގްރެސްގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ބޮޑެތި ކަންތައްތައް ދިޔައީ ކޮޅެއްގައި ނުޖެހި، ކޮންގްރެސްގެ ތާއީދު ނުލިބިއެވެ.

ދެ ރައީސުންގެ ހާލަތަށް ބަދަލެއް ނައެވެ. ދެ ބޭފުޅުންގެ ދެމެދުގައިވާ ހިޔާލު ތަފާތުވުންތައް ކޮންގްރެސްގައި އެއްފަރާތް ކުރި ނަމަވެސް އޭގެ ފަހުންވެސް ދެ ބޭފުޅުންގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ބަދަލެއް ނައެވެ. ދެ އިންތިހާބުގައިވެސް ދެ ރައީސުން ދައްކުވައިދޭން ބޭނުންވީ ބާރުގަދަ ފަރާތެކެވެ. އެކަން ދެ އިންތިހާބުންވެސް ސާފުކޮށް ފެނިގެންދިޔައެވެ.

ދެ ޓެސްޓަށްފަހު ދެން އޮތީ ފަހު މަރުހަލާއެވެ. އެންމެ ބޮޑު އިމްތިހާނު ކަމަށް ބުނުމުން ދޮގަކަށް ނުވާނެއެވެ. ދެ ބޭފުޅުން ވެސް މި ހުރިހާ ދުވަހު ތައްޔާރުވަމުން، ދައްކަވަން ބޭނުންފުޅުވި ބޮޑު މަންޒަރަކީ އެއީއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއަކީ ދެ ރައީސުންގެ އެންމެ ފަހު އިމްތިހާނެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ. ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް އަބަދުވެސް ގެނަދަވަނީ ވިދާޅުވަމުންނެވެ. ރައީސް ސޯލިހް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް މުހިންމުކަމަށް އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވަނީ އެމްޑީޕީ އަށް ވެރިކަން ހޯދުމަށް އޮތް ހަމައެކަނި ޗޮއިހަކީ އެ މަނިކުފާނު ކަމަށެވެ.

ޕްރައިމަރީއަށް ދެ ބޭފުޅުންވެސް ގެންދަވަނީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ދެ ބޭފުޅުންވެސް ތިއްބެވީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް "ފޫގަޅައިގެން"ނެވެ. މީގެ ކުރިން ދެ ރައީސުންގެ ވާދަވެރިކަން ނުދެކޭ ވަރަށް މިހާރު ވަނީ ބޮޑުވެފައެވެ. ދެމުންގެންދާ ބަހުގެ ހަމަލާތައްވެސް ތަފާތެވެ. ބޮޑެވެ. ފަޅިފަޅިވެ، ރަނގަޅަށް ވަނީ ދެ ފަޅިއަށް އެމްޑީޕީ ބެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަނެއްކާވެސް މުހިންމު ސޮފުހާއެއް ލިޔެވިގެންދާނެ އިންތިހާބަކަށްވާނެއެވެ. އެއިންތިހާބުގެ ނަތީޖާއަށްފަހު ސިޔާސީ މައިދާނުގެ ކުޅިބައި އަލުން އަތުރަން ޖެހޭނެ އިންތިހާބަކަށްވާނެއެވެ. ދެ ބޭފުޅުންވެސް ފޯރިއާއެކު އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ފައްޓަވައިގެން ކުރިއަށް ގެންދަވާއިރު، މިއީ އެމްޑީޕީއަށް ވެސް އޮތް އެންމެ ބޮޑު އިމްތިހާނެވެ. އިންތިހާބުގެ ނަތީޖާއާއެކު އެޕާޓީއަށް ވެގެންދާނެ ގޮތަކާމެދު އެންމެންވެސް ތިބީ ސުވާލު އުފެދިފައެވެ. ރައީސް ސޯލިހް ވަނީ އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، އެބޭފުޅެއްގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. ދެން އޮތް ސުވާލަކީ އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީޕީ އެކުގައި އޮންނާނެ ހެއްޔެވެ؟ ނޫނީ ދެފަޅިއަށް ފަޅިވެ، އިތުރު އެމްޑީޕީއެއް އުފެދޭނީ ހެއްޔެވެ؟ މި އިންތިހާބަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ތިބެ "އަސްލު" އެމްޑީޕީ އަނެއްކާވެސް ރިޔާސީ އިންތިހާބުގައި ފެނިގެން ހިނގައިދާނެ ހެއްޔެވެ؟