އުމުރުން 37 އަހަރުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް ނަސްރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އަރަބި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޑުބާއީގެ އިންޓަނޭޝަނަލް ނޫހެއް ކަމަށްވާ އަލް އަރަބިއާއިން ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި ރޮނާލްޑޯގެ ޓީމާއި އަލް ނަސްރުގެ ޓީމެއް ބައްދަލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. ރޮނާލްޑޯ މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީވެސް ޑުބާއީގައެވެ. އެހެންކަމުން އެ ހަބަރަކީ އިތުބާރު ހަބަރެއް ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި އެ ޓްރާންސްފާގެ ހަބަރު އަދި ނޫސްތަކަށް އާންމުވެފައެއް ނުވެއެވެ.
ޕޯޗުގަލްއާއެކު ވޯލްޑް ކަޕް މާޔޫސީކޮށް ނިންމާލި ރޮނާލްޑޯ މި ވަގުތު ޗުއްޓީ ހޭދަކުރަމުންދާ އިރު، އޭނާ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ރޮނާލްޑޯއާއެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުން ވާހަކަދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާއި އެ ކްލަބުގެ ސަޕޯޓަރުން ދެކެވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.
ރޮނާލްޑޯ، ޔުނައިޓެޑާއެކު މި ސީޒަނުގެ ފުރަތަމަ ބައި ހޭދަކުރި ނަމަވެސް، އެ ކްލަބާއެކު އެއްބަސްވުން ބާތިލުކުރީ މައްސަލަތަކެއް ދިމާވެގެންނެވެ. ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައިވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގުރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަތައް ވޯލްޑް ކަޕް ތެރޭގައިވެސް ދެކެވިފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުން އަލް ނަސްރުން ރޮނާލްޑޯއަށް ހުށަހެޅީ އެންމެ މަދުވެގެން އަހަރަކު އޭނާއަށް 200 މިލިއަން ޔޫރޯ ޖެހޭނެ ބިޑެކެވެ. އެ ބިޑުގައި އެއްބަސްވާން އެދިފައި ވަނީ 2025 ވަނަ އަހަރާ ހަމައަށެވެ.
އެ ބިޑްގެ މުސާރައިގެ ބޮޑު ބައެއް ހިއްސާކުރާ ގޮތަށް އޮތީ ސްޕޮންސާޝިޕް އިތުރު ޑީލްތަކުގެ މައްޗަށެވެ. އަރަބި ނޫސްތަކުން ބުނެފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް ޖެހޭނީ 70 މިލިއަން ޔޫރޯ ކަމަށެވެ.
ރޮނާލްޑޯ އަލް ނަސްރުގެ މެޑިކަލް މިދިޔަ ދެ ދުވަހެއް ތެރޭގައި ހެދިކަމަށް ބައެއް ނޫސްތައް ބުނެފައިވެއެވެ. އެހެންކަމުން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ.
ރޮނާލްޑޯ ޓްރާންސްފާއަކަށް މަސައްކަތް ކުރަމުންދާއިރު، ވޯލްޑް ކަޕަށްފަހު ޗުއްޓީއަށް ދިއުމުގެ ކުރިން އޭނާ ވަނީ ކުރީގެ ކްލަބު ރެއާލް މެޑްރިޑްގެ ތަމްރީނު ހަދާ މަރުކަޒުގައި އެކަނި ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އެއީ ފިޓްނަސް ދެމެހެއްޓުމަށެވެ.
ކެރިއަރުގައި ފަސް ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.