Close
ޚަބަރު

ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ބޮޑު ހިނގާލުމެއް ބާއްވައިފި

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިނިވަން ކުރުމަށް ގޮވާލައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ޔާމީން އަބުދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ބޭއްވި "ސަބަބުވެރި ހިނގާލުން" ވަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ބޭއްވި އެ ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރުން ތިއްބެވީ ހިނގާލުމުގެ ކުރީ ސަފުގައި "ހަރާން ހުކުމް ބާތިލުކުރޭ، ރައީސް ޔާމީން މިނިވަންކުރޭ" ލިޔެފައިވާ ބެނާތައް ހިފަހައްޓައިގެންނެވެ. ހިނގާލުމުގެ ބައިވެރިން ތިބީ މޭމަތީގައި ޔާމީން މިނިވަން ކުރަން ލިޔެފައިވާ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

އެ ހިނގާލުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ލ. ގަން، ލ. ފޮނަދޫ، މ. ދިއްގަރު، ގއ. ގެމަނަފުށި، ގއ. ދެއްވަދޫ، ގއ. ކަނޑުހުޅުދޫ، ގދ. ފަރެސްމާތޮޑާ، ގދ. ތިނަދޫ، ރ. ދުވާފަރު. އއ. މަތިވެރި، ޅ. ނައިފަރު، ނ. ވެލިދޫ، ދ. މީދޫ، ތ. ގުރައިދޫ، ހއ. ބާރަށް އަދި ކުޅުދުއްފުށި ސިޓީގައި ވެސް ވަނީ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ހިނގާލުން ބޭއްވުމަށް ފުލުހުން ވަނީ އިދިކޮޅު ކޯލިޝަނަށް ހުއްދަވެސް ދީފައެވެ. ހިނގާލުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން ފުލުހުން ވަނީ ހިނގާލުން ކުރިއަށްދާ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓައިފައެވެ.

ހިނގާލުން ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި، ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޔާމީނަށް އޮތް ތާއިދު ހިނގާލުމުގެ ބައިވެރިންގެ އަދަދުން ސާފުވާ ކަމަށާއި އަދި އެކަން އިންޑިއާއަށް ވެސް ސާފުވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލާފައިވަނީ ހަރާން ހުކުމެއް ކޮށްގެން ކަމަށާއި އެ މަނިކުފާނުގެ ބައިވެރިވުމާ ނުލައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

"އެހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދޭންވެގެން ޖަލަށް ލާފައި އެ އޮތީ. ދިވެހިން ބުނީ ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އަންނަނީ މާލޭގައި ކޮންމެ ރެއަކުވެސް މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން އިދިކޮޅުގެ އިސް ފަރާތްތައްވެސް އަންނަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.