ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާވެސް ވެރިކަމަށް ހޮވަން ޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން އިއާދަވިޔަ ނުދިނުމަށްޓަކައި ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ، އޭނާ ރައީސް ސޯލިހު ހޮވައިދެއްވުމަށް މަސައްކަތް ކުރައްވަން ނުކެމެވަޑައިގެންނެވީ ޔާމީންގެ ސަބަބުން ވީ ކަންކަން ހަނދާނުގައި ހަރުލާފައި ހުރުމުން ކަމަށެވެ. އަދި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ފެނުނު ބޭއިންސާފާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ސިފަތައް ތަކުރާރުވާން ބޭނުންވާ ނުވާ ކަމަށެވެ.

ތަސްމީން ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް އަނިޔާ ލިބިފައިވަނީ އޭރުގެ ސިޔާސީ ފަރާތްތަކަށް ނޫން ކަމަށާއި އެންމެ ބޮޑަށް އަނިޔާ ވެފައިވަނީ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންނާއި އެ މީހުންގެ އާއިލާތަކަށް ކަމަށެވެ. ދައުލަތުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުން އިދިކޮޅުގެ ޕާޓީތަކުގެ އެކްޓިވްސްޓުންނާއި އެ މީހުންގެ އާއިލާ މެމްބަރުން އެކަހެރި ކުރި ކަމަށް ތަސްމީން ވިދާޅުވިއެވެ.

އެ އަނިޔާވެރިކަން އަނބުރާ ބޭނުންނުވާ ކަމަށާއި ރައީސް ސޯލިހަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރަން ޖެހެނީ އެ ސަބަބުތަކަށްޓަކައި ކަމަށް ތަސްމީން ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ ހެޔޮވެރިކަމެއް ކޮށްދެއްވަމުންދާ ބޭފުޅެއް ކަމަށާއި އަދި އެ މަނިކުފާނަށް 2023 ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރަން ޖެހެނީ އަނިޔާވެރިކަން އިއާދަވިޔަ ނުދިނުމަށް ކަމަށް ތަސްމީން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަދި އަންނަން އޮތް އިންތިހާބުގާ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ރައީސް ޔާމީންގެ އަނިޔާވެރި، ހުދުމުހުތާރު، ކޮރަޕްޓް ސިފަތައް އަލުން އަޅުގަނޑުމެންގެ ތެރޭގައި އިއާދަވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އިހުތިޔާރު ކުރަންޖެހޭ ކެންޑިޑޭޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު،" ތަސްމީން ވިދާޅުވިއެވެ.

ތަސްމީން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އާރާއި ބާރުގައި އަދި ވެރިކަމުގެ ހުރިހާ ބާރުތަކެއް ބޭނުންކުރައްވަމުން ގެންދެވި އިރުވެސް، ރައީސް ސޯލިހު އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ތަސްމީން ވިދާޅުވިއެވެ.

ތަސްމީން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށާއި ރާއްޖޭގެ އިގުތިސޯދަށް އެތަކެއް ގޮންޖެހުންތަކެއް ދިމާވި އިރުވެސް ރައީސް ސޯލިހު ގެންދެވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެއްވައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ.

ރައީސް ސޯލިހާ އެކު 20 އަހަރު ދުވަހު މަޖިލިސްގައި މަސައްކަތް ކުރެއްވި ކަމަށާއި އެ ބޭފުޅާއަކީ ސިޔާސީ މައިދާނަށް ފަރިތަ އަދި ސިޔާސީ މޮޅު ލީޑަރެއް ކަމަށް ތަސްމީން ވިދާޅުވިއެވެ.