އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އަލުން އެމްޑީޕީ، އެ ޕާޓީގެ މެމްބަރުންނާ ހަވާލުކޮށްދެއްވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގެންނެވީ ގައިގައި ހުރި ލަކުނުތައް މަދުވެގެން ނޫން ކަމަށާއި އަދި ލިބިފައިވާ ގެއްލުންތައް ވެސް ކުޑަވެގެން ނޫން ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނު ކެމްޕޭން ޓީމުން މިދިޔަ ފަސް އަހަރު މަސައްކަތް ކުރެއްވީ އެމްޑީޕީގެ މެމްބަރުން ޕާޓީން ވަކިކުރައްވަން ކަމަށެވެ. އެ ބޭފުޅުން މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޖޯޝާއި ފޯރި ބޭނުންކުރައްވައިގެން އެ މަނިކުފާނު، ޕާޓީން އެއްކައިރިކުރައްވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ނުކުމެ ހުރީ ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވެއްޖެ ނަމަ މި ޕާޓީގެ ވޯޓުގެ ނިސްބަތަކީ 20 ޕަސެންޓަށް ވުރެ މަދު އަދަދެއް ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. އަޅުގަނޑު ނުކުމެ މި ހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ޕާޓީގެ މެމްބަރުންނާ ހަވާލުކުރުމަށް. މިއީ އަޅުގަނޑުމެން އެކެއްގެ އެއްޗެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށާއި ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ވަނީ 39،000 މެމްބަރުން ޕާޓީން ވަކިކޮށްފައި ކަމަށެވެ. އެ މެމްބަރުންގެ ވޯޓު ރައީސް ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އަލުން ވެރިކަމަށް އައުމަށް ކޯލިޝަން ހައްދަވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި 2018 ވަނަ އަހަރު ކޯލިޝަން ހެދި އިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި، އެހެން ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި ރާއްޖޭގެ ސިޔާސީ ތޮބިއްޔަތު އޮތް ގޮތުން އެ ޕާޓީތަކުގެ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު