ކޮވިޑާއި ރަޝިއާ ޔުކްރޭން ހަނގުރާމައާއެކުވެސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހުން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑަށްފަހު އިރުމަތީ ޔޫރަޕުގައި ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެ އުނދަގޫތައް ހުރަސްކުރުމަށް ރާއްޖެއަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.
"އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން އިތުރަށް ފައިސާ ހޯދަން ޖެހުނު. އެހެންނަމަވެސް މުސްތަގުބަލު ފެންނަނީ އުޖާލާކޮށް. އަހަރު ނިމިގެންދާ އިރު، ރާއްޖޭގެ އިގުތިސޯދީ ހާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިގުތިސޯދު ކޮވިޑު 19 ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެ. 2022 ނިމޭއިރު 12.3 އިންސައްތައިން އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރުގެ އަންދާޒާއަކީ 7.6 އިންސައްތަ ކުރިއަރާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގުތިސޯދު ރަނގަޅުވި މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން ކަމަށާއި މިހާރު ކޮވިޑުގެ ކުރިން ފަތުރުވެރިން އައި އަދަދަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ ކަމަށެވެ. އަދި ކޮވިޑަށްފަހު، ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި އިގުތިސޯދު ކުރިއަރާ ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"2021 އަދި 2022 ވަނަ އަހަރުގެ އެންމެ ކުރިއަރައިދިޔަ ފަސް އިގުތިސޯދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. އަންނަ އަހަރަކީ ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް އަޅުގަނޑުމެން ޔަގީންކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ދަރަނި ނަގަން ޖެހުނީ ދައުލަތުގެ ރިޒާވްގައި އެވަރަށް ފައިސާ ނެތުމުން ކަމަށާއި އޭރު އެންމެ އިސްކަމެއް ދެއްވީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ކަމަށެވެ. އަދި ދައުލަތުން ނަގާފައި ހުރި ދަރަނި ދެއްކުމުގައި ބޮޑު ރިސްކެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.