އެއްބަސްވުން އުވާލައި ޑަލޭ ބްލިންޑް، އަޔެކްސް ދޫކޮށްލައިފިއެވެ.
އުމުރުން 32 އަހަރުގެ ޑިފެންޑަރު ބްލިންޑް އަޔެކްސް ދޫކޮށްލަން ނިންމާފަައި ވަނީ ދެފަރާތް އެކުގައި ވާހަކަ ދެއްކުމަށްފަހުއެވެ. މިހާތަނަށް އަޔެކްސް ޖާޒީގައި 333 މެޗު ކުޅެފައިވާ ބްލިންޑް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އޭގެ ކުރިން އެއްބަސްވުން އުވާލީ ޖެނުއަރީގެ ޓްރާންސްފާއަކަށް ކަމަށް ބެލެވެއެވެ.
ގައުމީ ޓީމަށް 99 މެޗު ކުޅެދީފައިވާ ބްލިންޑް އަޔެކްސްގެ ކެރިއަރު ފުރަތަމަ ފެށީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން އެއް ސީޒަން ލޯން އެއްބަސްވުމެއްގައި ބްލިންޑް އެފްސީ ގްރޮނިންގެންއަށް ކުޅެފައިވާ އިރު، 2014 ވަނަ އަހަަރުގެ ވޯލްޑް ކަޕްގައި ވިދާލައި، އެއަހަރު އިންގިރޭސި ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވެއެވެ. ޔުނައިޓެޑަށް ހަތަރު ސީޒަނެއްގައި ކުޅުމަށްފަހު ބްލިންޑް އަލުން ޑަޗް ލީގުގެ އަޔެކްސްއަށް ބަދަލުވެފައިވެއެވެ.
އަޔެކްސްގައި ބްލިންޑް ވަނީ ހަތް ފަހަރު ލީގު ކާމިޔާބުކޮށް، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ކުޅެފައެވެ.
އަޔެކްސްގައި މިދިޔަ އަހަރު ހުރި ކޯޗު، އެރިކް ޓެން ހާގް މި ސީޒަނަށް ޔުނައިޓެޑާ ހަވާލުވުމާއެކު އަޔެކްސްއަށް ގެންދިޔަ ކޯޗު، އަލްފްރެޑް ޝްރޫޑާގެ ކޯޗުކަމުގެ ދަށުގައި ބްލިންޑަށް ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އަޔެކްސްއަށް ފުލްކޮށް ނުކުޅެވުނު ނަމަވެސް، ބްލިންޑް ވަނީ ނިމިގެން ދިޔަ ވޯލްޑް ކަޕްގައި ނެދަލޭންޑްސްގެ ފަހަތުން މުހިއްމު ކުޅުމެއް ދައްކައިފައެވެ.
ބްލިންޑްގެ އެއްބަސްވުން އުވާލުމާއެކު އަޔެކްސްގެ ޖެނެރަލް މެނޭޖަރު އެޑްވިން ވެން ޑާ ސާ ބުނެފައި ވަނީ ބްލިންޑްގެ ކާމިޔާބު ކެރިއަރުގައި ކުރިއަށް އޮތް ޗެލެންޖް ކާމިޔާބުވާނެ ކަމަށް އުންމީދުކުރާ ކަމަށާއި މިހާރުވެސް ބްލިންޑްގެ ކެރިއަރަކީ ފުރިހަމަ، ކާމިޔާބު ކެރިއަރެއް ކަމަށެވެ.
ބެލެވިފައިވާ ގޮތުގައި ބްލިންޑް ދިޔުން އެންމެ ގާތީ ބެލްޖިއަމްގެ އަންޓްވާޕަށެވެ. އެ ޓީމުގެ ކޯޗަކީ ކުރިން ނެދަލޭންޑްސް ގައުމީ ޓީމަށް ކުޅުނު މާކް ވެން ބޮމެލްއެވެ.
އަޔެކްސް
އަޔެކްސް
އަޔެކްސް
އަޔެކްސް