އިންގްލެންޑްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިފާގު ދޫކޮށް، ނެދަލޭންޑްސްގެ އަޔެކްސްއަށް ބަދަލުވީ، ސައުދީގެ ސަގާފަތާއި ދީނީ ކަންތައްތަކަށް ހިތްހަމަ ޖެހިގެން ނޫން ކަމަށާއި، ފުޓުބޯޅައިގެ ވިސްނުމުން ވިސްނައިގެން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ހެންޑަސަން، ސައުދީއަށް ދިޔައީ މިދިޔަ ޖުލައި މަހުއެވެ. 12 މިލިއަން ޕައުންޑްގެ ޑީލެއްގައި ހެންޑަސަން ސައުދީއަށް ދިޔައީ ގާތްގަނޑަކަށް ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ ބޮޑު މުސާރައެއްގައެވެ. އެ ޓްރާންސްފާއާއެކު ހެންޑަސަނަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެއީ ހެންޑަސަންއަކީ އިނގިރޭސިވިލާތުގައި އެއް ޖިންސުން ގުޅުންތައް ބާއްވަން ހިތްވަރުދީ، އެކަމަށް ވަކާލާތު ކުރި ކުޅުންތެރިއަކަށްވުމުންނެވެ.

އިންގްލެންޑް ގައުމީ ޓީމަށް މިހާތަނަށް 79 މެޗު ކުޅެފައިވާ ހެންޑަސަން، މީގެ ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅެދީ އެ ކްލަބުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިރު، ހެންޑަސަން އެ ކްލަބު ދޫކޮށް ސައުދީއަށް ދިޔުމުން ފާޑުކިޔުން އަމާޒުވީ އިންގްލެންޑް ސަޕޯޓަރުންގެ ފަރާތުންނެވެ.

އެއީ ސައުދީގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަމަށް ޖާގަ ނޯންނާތީ ކަމަށް ބުނެއެވެ. އެ މައްސަލަތަކުގައި އާންމުކޮށް އިނގިރޭސި ސަޕޯޓަރުން ގައުމުތަކުގެ ސަގާފަތާއި ދީނަށް އިހުތިރާމު ކުޑަކުރާތަން ފެނިފައިވާ އިރު، ބެލެވޭ ގޮތުގައި ހެންޑަސަނަށް ނުރުހުންވީވެސް އެހެންވެއެވެ.

އަޔެކްސްއަށް ދިޔުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެންޑަސަން އިއްޔެ ނޫސްވެރިންނަށް ބުނީ "އުންމީދު ތިކުރަނީ އަހަރެން ސައުދީއަށް ފާޑު ކިޔައި، އެ ލީގަށް ފާޑު ކިޔާނެ ކަމަށް ދޯ،" އެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ ގިނަ ބަޔަކު އުންމީދުކުރަނީ އަހަރެން ސައުދީއަށް ފާޑު ކިޔައި، އެ ލީގަށް ފާޑި ކިޔާނެ ކަމަށްހެން. އެކަމަކު އެ ލީގުގެ، ސައުދީގެ ކަމެއް ގޯސްވެގެން ނޫން އަހަރެން ބަދަލުވީ. އަހަރެން ޔޫރަޕަށް އެނބުރި އަންނަން ނިންމީ ފުޓުބޯޅައަށް ވިސްނާފައި. ސައުދީއާއި އަލް-އިއްތިފާގަށް އަހަރެންގެ ފުރިހަމަ އިހުތިޔާރު އެބައޮތް،" ހެންޑަސަން ބުންޏެވެ.

ހެންޑަސަން ބުނީ ސައުދީ ލީގު ދަނީ ކުރިއަރަމުން ކަމަށާއި، މަޝްހޫރު، މަގުބޫލު ކުޅުންތެރިން ސައުދީއަށް ގޮސް ގިނަ ދުވަސްތަކެއް ހޭދަކުރުމުން ދައްކުވައިދެނީ އެގައުމުގައި މައްސަލައެއް ނޫޅޭކަން ކަމަށެވެ.

ހެންޑަސަން މި ސީޒަނުގައި އަލް-އިއްތިފާގަށް ކުޅުނީ އެންމެ 17 މެޗެވެ. އޭނާއަށް އެކްލަބަށް އެންމެ ރަނގަޅު ފޯމެއްގައި ކުޅެވިފައެއް ނުވެއެވެ.