އުމުރުން 37 އަހަރުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ކުރާ މަސައްކަތުގައި ސައުދީ އަރަބިއާގެ އަލް ނަސްރުން މެޑިކަލްއަކަށް ތައްޔާރުވަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
ޕޯޗުގަލްއާއެކު ވޯލްޑް ކަޕް މާޔޫސީކޮށް ނިންމާލި ރޮނާލްޑޯ މި ވަގުތު ޗުއްޓީ ހޭދަކުރަމުންދާ އިރު، އޭނާ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ރޮނާލްޑޯއާއެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުން ވާހަކަދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާ އެ ކްލަބުގެ ސަޕޯޓަރުން ދެކެވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.
ރޮނާލްޑޯ ޔުނައިޓެޑާއެކު މި ސީޒަނުގެ ފުރަތަމަ ބައި ހޭދަކުރި ނަމަވެސް، އެ ކްލަބާއެކު އެއްބަސްވުން ބާތިލުކުރީ މައްސަލަތަކެއް ދިމާވެގެންނެވެ. ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައިވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގުރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަތައް ވޯލްޑް ކަޕް ތެރޭގައިވެސް ދެކެވިފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުން އަލް ނަސްރުން ރޮނާލްޑޯއަށް ހުށަހެޅީ އެންމެ މަދުވެގެން އަހަރަކު އޭނާއަށް 200 މިލިއަން ޔޫރޯ ޖެހޭނެ ބިޑެކެވެ. އެ ބިޑުގައި އެއްބަސްވާން އެދިފައި ވަނީ 2025 ވަނަ އަހަރާ ހަމައަށެވެ.
އެ ބިޑްގެ މުސާރައިގެ ބޮޑު ބައެއް ހިއްސާކުރާ ގޮތަށް އޮތީ ސްޕޮންސާޝިޕް އިތުރު ޑީލްތަކުގެ މައްޗަށެވެ.
އެ ބިޑާ ގުޅިގެން ފަހުން މާބޮޑު ވާހަކަތަކެއް ދެކެވިފައިނުވާ އިރު، އިއްޔެ ގޯލް.ކޮމް އިން ރިޕޯޓް ކޮށްފައި ވަނީ އަލް ނަސްރުން މިހާރު މެޑިކަލްއަކަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް ރޮނާލްޑޯގެ ފަރާތުން ވަކިގޮތެއް ނިމިފައި ނުވާ ކަމަށް ގޯލްއިން ބުނެފައިވާ އިރު، އެ ނޫހުން އިތުރަށް ބުނީ އަލް ނަސްރަށް ރޮނާލްޑޯ ހޯދޭނެކަމުގެ ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ.
ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮނާލްޑޯގެ ޓްރާންސްފާ ނިންމާނީ ޖެނުއަރީ ޓްރާންސްފާ ސީޒަނުގައެވެ. އެއީ ޔޫރަޕްގެ އެހެން ކްލަބެއްގެ ހުށަހެޅުމަށް ބަލާފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ރޮނާލްޑޯ ޓްރާންސްފާއަކަށް މަސައްކަތް ކުރަމުންދާއިރު، ވޯލްޑް ކަޕަށްފަހު ޗުއްޓީއަށް ދިއުމުގެ ކުރިން އޭނާ ވަނީ ކުރީގެ ކްލަބު ރެއާލް މެޑްރިޑްގެ ތަމްރީނު ހަދާ މަރުކަޒުގައި އެކަނި ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އެއީ ފިޓްނަސް ދެމެހެއްޓުމަށެވެ.
ކެރިއަރުގައި ފަސް ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ