އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަނެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަނެވެ. ފައިނަލީސިމާގެ ޗެމްޕިއަންވެސްމެއެވެ. މިހުރިހާ ޗެމްޕިއަނަށްވުމާއެކުވެސް އާޖެންޓީނާއަކީ ފީފާގެ އެންމެފަހު ރޭންކިންގައި ދުނިޔޭގެ އެއްވަނަ ޓީމެއް ނޫނެވެ. ދެވަނަ ޓީމެވެ. މިހެން ދިމާވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ރޭންކިންގައި ހިސާބުޖެހޭ އުސޫލަށް ފީފާއިން ވަނީ 2018 ވަނަ އަހަރު ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރީގައި ބަލަމުން އައީ ވަކި މުއްދަތެއްގައި ލިބިފައިވާ ޕޮއިންޓްގެ އަދަދަށް އެކަންޏެވެ. މިހާރު ޕޮއިންޓް އިތުރުވުމާއި މަދުވުމުގައި ބަލަނީ ހަމައެކަނި މޮޅަކަށް ނޫނެވެ. މޮޅުވިގޮތާއި އިދިކޮޅު ޓީމުގެ ފެންވަރަށް ބެލުންވެސް އޮވެއެވެ. މިހެންގޮސް އަދިވެސް ތަފާތު ކިތަންމެ ކަމަކަށް ބެލުން އޮވެއެވެ. މިއީ ޒާތެއްގެ ސައިންޓިފިކް ފޯމިއުލާއެކެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ސެމީފައިނަލްގައި 2019 ވަނަ އަހަރު ބްރެޒިލް އަތުން ދޭއްސުމަކުން ބަލިވުމަށްފަހު ފުޓްބޯޅަ ދަނޑެއްގައި ނާކާމިޔާބުގެ ހިތި ރަހަ ތަޖުރިބާނުކޮށް ތިން އަހަރުގެ ދިގު މުއްދަތެއް އާޖެންޓީނާ ވަނީ ހޭދަކޮށްފައެވެ. ލަޔަނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުގައި މި މުއްދަތުގެ ތެރޭގައި އާޖެންޓީނާ ވަނީ މޮޅުވުން ސަގާފަތަކަށްވެސް ހަދައިފައެވެ. ބަލިވާގޮތް ހަނދާނެއްވެސް ނެތެވެ. މޮޅުވުމުގެ ދިގުދެމިގެންވާ ސިލްސިލާއަކަށް ބޮޅަކަށްފަހު ބޮޅެއް އިތުރުކުރަމުންއައިސް އެ ސިލްސިލާ މެދުކެނޑުނީ މިފަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ ބުރުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައޫދީ އަރަބިޔާ އަތުން ބަލިވުމުންނެވެ. އޭގެފަހުން އެއްވެސް މެޗަކުން ބަލިނުވެ އާޖެންޓީނާ ވަނީ ވޯލްޑްކަޕްގެ ތަށިވެސް ހޯދައިފައެވެ.

ވޯލްޑްކަޕަކީ ކުރިން ދެންނެވި ތިން އަހަރުގެ ތެރޭގައި އާޖެންޓީނާގެ ތިންވަނަ ތަށްޓެވެ. އަނެއް ދެ ތަށްޓަކީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާޔާއި 2022 ވަނަ އަހަރުގެ ފައިނަލީސިމާއެވެ. ކޮޕާ އެމެރިކާގެ ތަށި ހޯދީ ފައިނަލްގައި ބްރެޒިލް ބަލިކޮށްފައެވެ. ފައިނަލީސިމާ ހޯދީ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައެވެ. ކުރިން ދެންނެވި ތިން އަހަރުގެ ތެރޭގައި ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ހުރިހާ ތަށްޓެއް ހޯދައި މޮޅުވުމުގެ ދިގު ރިކޯޑެއް ގާއިމްކޮށް ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުކަމަށް ސާބިތުކޮށްދިނީމާވެސް ފީފާގެ އެންމެފަހުގެ ރޭންކިންގައި އާޖެންޓީނާ ލައްވައިލީ ދެވަނައިގައެވެ. އެއްވަނައިގައި ދެންވެސް ބްރެޒިލްއެވެ. އެކަމަކު ފާއިތުވި ތިން އަހަރުގެ ތެރޭގައި ބްރެޒިލްއަށް ކާމިޔާބު ކުރެވުނު މުބާރާތެއް ނެތެވެ. އެންމެފަހުންވެސް ލިބިފައިއޮތީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާއެވެ.

މިފަހަރުގެ ވޯލްޑްކަޕަށްފަހު ފީފާއިން ނެރުނު އައު ރޭންކިންގައި ބްރެޒިލްއަށް ދެންވެސް އެއްވަނަ ލިބިފައިވާއިރު ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލް ފަހަނަޅައި ކުރިއަކަށްވެސް ދެވިފައެއް ނުވެއެވެ. ކްރޮއޭޝިޔާއަތުން ކެޓީއެވެ. ގްރޫޕް ފިޔަވަހީގައި ކެމެރޫން އަތުން ވަނީ ބަލިވެސް ވެފައެވެ. މިކަންކަން މިހެންހުރީމާ އާޖެންޓީނާއަށް އެއްވަނަ ނުލިބި ބްރެޒިލްއަށް ރޭންކިންގެ އެއްވަނަ ލިބެންވީ ސަބަބާމެދު ވަރަށް ގިނަބަޔަކު ވަނީ ހައިރާންވެފައެވެ. މި ރޭންކިންއަކީ ކޮންކޮން ކަންތަކަށް ބަލައިގެން ހިސާބުޖަހައިގެން ނެރޭ އެއްޗެއްހޭ އަހައި ސުވާލުކުރުންވެސް ވަނީ އިތުރުވެފައެވެ. މިކަން މިހެންވުމުގެ ސިއްރަކީ ޕޮއިންޓް ދިނުމުގައި ރިއާޔަތްކުރެވޭ ކަންކަމާއި އެކަންކަން ތަރުތީބު ކުރެވިފައިވާ ގޮތެވެ. އެގޮތަށް ހިސާބުޖެހީމާ ބްރެޒިލްއަށް ކުރިލިބެނީއެވެ. އިސްލާހު ކުރަން ޖެހިފައިވަނީ މި އުސޫލެވެ.

ފީފާއިން އެއްވެސް ގޮތަކުން އާޖެންޓީނާއަށް ހައްގު މަގާމެއް ނުދީ ބާތިލް ގޮތަކަށް ބްރެޒިލްއަށް އެއްވަނަ ދިނީއެއް ނޫނެވެ. މިކަމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކުރީމާ ދިމާވި ގޮތަކީއެވެ. ނިޒާމުގެ މައްސަލަޔަކީއެވެ. އާޖެންޓީނާއަކީ ފީފާގެ ރޭންކިންގައި އެއްވަނަ ނުލިބޭ ޓީމެއްވެސް ނޫނެވެ. ކިތަންމެ ފަހަރަކު އެމަގާމު ލިބިފައިވެއެވެ. އެއްވެސް ތަށްޓެއް ލިބުމަކާނުލައިވެސް 2015 ވަނަ އަހަރުގެ ބޮޑުބައެެއް އާޖެންޓީނާ ހޭދަކުރީ ރޭންކިންގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދުނިޔޭގެ ޗެމްޕިއަން ޖާރމަނީ އެއަހަރު އޮތީ ރޭންކިންގެ ތިންވަނާގައެވެ. ޔޫރަޕުގެ ޗެމްޕިއަން ސްޕޭނު އެއަހަރުގެ ބޮޑުބައެއް ހޭދަކުރީ އެގާރަވަނައިގައެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އޮތީ ރޭންކިންގެ 8 ވަނައިގައެވެ. މަޝްހޫރު ބްރެޒިލް އެއަހަރުގެ ފަހުބައި ހޭދަކުރީ ރޭންކިންގެ ފަސްވަނައިގައެވެ.

ވޯލްޑްކަޕް ނިމުނުތާ ހަތަރު ދުވަސްފަހުން ޑިސެމްބަރު ބާވީހުގައި ފީފާއިން ނެރުނު އައު ރޭންކިންގައި ބްރެޒިލްއަށް އެއްވަނަ ލިބެނީ ޖުމްލަ 1840 ޕޮއިންޓާއެކުގައެވެ. އާޖެންޓީނާއަށް ދެވަނަ ލިބެނީ ޖުމްލަ 1838 ޕޮއިންޓާއެކުގައެވެ. ދެގައުމުގެ ތަފާތަކީ އެންމެ ދެ ޕޮއިންޓެވެ. ގްރޫޕް ފިޔަވަހީގައި ސައޫދީ އަރަބިޔާއަތުން މިފަހަރު ބަލިނުވިނަމަ ރޭންކިންގެ އެއްވަނަ އާޖެންޓީނާއަށް ލިބުން އެކަށީގެންވެއެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓަކަށް ދާންނުޖެހި ކުއާޓަރ ފައިނަލުގައި ހޮލެންޑް ބަލިކުރެވުނު ނަމަހީވެސް އެއްވަނަ ލިބުން އެކަށީގެންވެއެވެ. އަދި ފައިނަލް މެޗުވެސް ޕެނަލްޓީއަށް ނުގޮސް ކާމިޔާބުކުރިނަމަ އެއްވަނައިގައި އޮންނާނީ އާޖެންޓީނާއެވެ. އެމަގާމު މިފަހަރު ނުލިބުމުގައި މިކަހަލަ ކަންކަން ވަރަށް ބޮޑު ދައުރެއް ވަނީ އަދާކޮށްފައެވެ. ޕޮއިންޓް ލިބުމުގައި ރިއާޔަތްކުރެވޭ ކަންކަން ތަފާތުކަމުންނެވެ.