ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާ ތެރެއިން 16 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 16 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސެނެޓް މެމްބަރުން ވެސް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ މުޒާހަރާ ފަށާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިންނެވެ. ނަމަވެސް އެސްއޯ ފުލުހުން ގޮސް އެއްވުން ރޫޅާލަން މަސައްކަތް ކުރުމުން އެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެއާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ފަހުން މިސްރާބު ޖެހީ ޝާހިދުގެ ގެކޮޅު ކައިރިއަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ޝާހިދަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ފާޑު ކިޔައިފައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އާރަށުގެ މައްސަލައިގައި ދެ ދައުވާއެއް ކޮށްފައެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި ޔާމީނަށް އިއްވީ ހަތަރު އަހަރު ޖަލު ހުކުމެކެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ހަތް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ވަނީ ކޮށްފައެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ ބޭރުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޔާމީންގެ މައްސަލަ ނިންމެވުމުގައި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބޮޑެތި ގާނޫނީ ގޯސްތަކެއް ހައްދަވާފައިވާ ކަމަށެވެ. އިސްތިއުނާފީ ކޯޓަކުން އެ ގޯސްތަކަށް ނަޒަރު ހިންގާލައިފިނަމަ، ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޔާމީނަށް ކުރި ދައުވާތަކުގައި ގާނޫނީ ގޮތުން ބުރަދަނެއް ނެތް ކަމަށާއި ޔާމީންގެ މައްޗަށް ކުށް ސާބިތުކުރާނެ ހެއްކެއް ދައުލަތުގައި ނެތް ކަމަށެވެ. އެ ދައުވާ ކުރާނެ އަސާސެއް ވެސް ދައުލަތަށް ނެތި ޔާމީނަށް ކުރީ ސިޔާސީ ދައުވާއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.