ވ. އާރަށު މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކުރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

އާރަށު މައްސަލައިގައި ދައުވާކޮށްފައިވަނީ ޔޫސުމް ނައީމްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ. ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ޔޫސުމް ނައީމަށް އިއްވީ ރިޝްވަތު ދިނުމުގެ ކުށުގެ އަސާސީ އަބަދު ކަމަށްވާ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުލަތުން އެދިފައިވަނީ ޔޫސުފް ނައީމްގެ ހުކުމް ކުރާ އިރު އެއް ދަރަޖަ މަތިކުރުމަށްފަހު ހުކުމް ކުރުމަށެވެ. އެއީ ޔޫސުފް ނައީމް ރިޝްވަތު ދީފައިވަނީ އެއިރުގެ ރަައީސުލްޖުމްހޫރިއްޔާ ކަމަށްވާ ޔާމީންއަށް ކަމަށްވުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޔޫސުފް ނައީމްގެ ފަރާތުން އެދިފައިވަނީ ޖަލު ހުކުމުން ބައެއް ޖޫރިމާނާ އަށާއި ގޭ ބަންދަށް ބަދަލުކޮށް ދިނުމަށެވެ.

ނަމަވެސް ހުކުމުގައި ބުނީ ދައުލަތުން އެދުނު ގޮތަށް ދަރަޖަ މަތިކުރުމަށްފަހު ހުކުމް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި އަބަދުގެ މިންވަރު ދަށްކޮށް ވެސް ހުކުމްކުރާ ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.