ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް ކުރި ނަމަވެސް އިސްތިއުނާފީ މަރުހަލާ ނުނިމި އޮތިއްޔާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވި އިރު، ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ދައުވާތަކުގެ ހުކުމް އިއްވުން، ކުރިމިނަލް ކޯޓުގައި މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
އެކަމާ ގުޅިގެން ތޯރިގު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިހު މުއްދަތުގެ ހުކުމެއް ކުރި ނަމަވެސް، އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދު ނުވާނެ ކަމަށެވެ. އެ ހާލަތުގައި، ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާ ހަމައަށް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
"ކުރިމިނަލް ކޯޓުން ހުކުމެއް ކުރާ ހާލަތެއްގައި ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާ ހަމައަށް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ،" ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިލާފު އުފެދިއްޖެނަމަ، ގޮތް ނިންމުމުގެ ބާރުވެސް އޮތީ ހަމައެކަނި ސުޕްރީމް ކޯޓުގައި ކަމަށެވެ.
ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނާނެކަމަށް އިއުލާންކުރާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުުމުގައި ދިމާވާ ކަމަކާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ.
މިސާލެއްގެ ގޮތުގައި، މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްގެ ގަޒިއްޔާ ތޯރިގުގެ ބަޔާނުގައި ވަނީ ސަމާލުކަމަށް ގެނަސްފައެވެ.
އެއީ މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިސްމާއީލް އަބްދުލްހަމީދުގެ މައްސަލައެވެ.
އެ މައްސަލައިގައި ސުޕްރީމު ކޯޓުން ކަނޑައަޅާފައިވަނީ، އެއް އަހަރާއި ހަ މަހަށް އަރުވާލަން އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވާ ހުކުމެއް ކަމަށާއި، ގާނޫނީ ހުރިހާ މަރުހަލާތަކެއް ނިމި، މައްސަލައިގައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމަކަށް ވާސިލުވުމާ ހަމައަށް އޭނާގެ މެންބަރުކަމުގެ ޝަރުތު އުނި ނުވާނެ ކަމަށާއި، ކާށިދޫ ދާއިރާގެ ގޮނޑީ ހުސް ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު