ޚަބަރު

ޖަލަށް ލިޔަސް، އަޒުމަކަށް ބަދަލެއް ނާންނާނެ: ޔާމީން

މުހައްމަދު އިޝާން

ވ. އާރަށު މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޖަލަށް ލިޔަސް އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤްއްޔޫމް ވިދާޅުވެއްޖެއެވެ.

އާރަށު މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ހުރިހާ އަޑުއެހުމެއް ނިމި، ދެން އޮތީ ހުކުމް ކުރުމުގެ ޝަރީއަތެވެ. ކުރިމިނަލް ކޯޓުން އެ ޝަރީއަތް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލްގައި ރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތައް އިންޑިއާއިން ހޯދަމުންދާ އިރު، އިންޑިއާއަކީ ދުނިޔޭގެ އެންމެ ފަންނީ ގައުމު ނޫން ކަމަށެވެ. އެއީ ތިންވަނަ ދުނިޔޭގެ ގައުމެއް ކަމަށާއި އިންޑިއާއިން ޖައްވަށް ރޮކެޓް ފޮނުވިޔަސް އަދި ނިއުކިލިއާ ބާރަކަށް ވިޔަސް، އިންޑިއާއަކީ އެންމެ ތަހުޒީބީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިވަގުތު ދުނިޔޭގައި އެންމެ އަދާވާތްތެރި، އެންމެ ނަފުރަތު، އެންމެ ހަތުރުވެރި އަދި މުސްލިމުންނަށް އަނިޔާ ކުރާ ބަޔަކީ ހިންދޫންނާއި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކަމުނުދަނީ އެ ވާހަކަތައް ޕީޕީއެމް/ޕީއެންސީން ދައްކާތީ ކަމަށެވެ. އަދި މޯދީއަށް އެ ވާހަކަތައް ކަމު ނުދިޔަޔަސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިކަމުގައިވެސް ބައްލަވާ، ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދޭ ހައްގެއް ނޫންތޯ އެއްވެ އުޅުމާއި އަޅުގަނޑުގެ ހިޔާލު ފާޅުކުރުމުގެ ހައްގު. ކިހިނަކުންތޯ އަޅުގަނޑުގެ ހިޔާލު ފާޅުކުރުމުގެ ހައްގު ހިފަހައްޓާނީ މީހަކު. އަޅުގަނޑުގެ ޝުއޫރުތައް ކާކުތޯ ހިފަހައްޓާނީ. ޖަލަށްދާން ޖެހިދާނެ، މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއް ދުވަހު ޖަލަށްދާނެ. އެކަމަކު ރައީސް ޔާމީނުގެ އަޑެއް ކަނޑުވައި ނުލެވޭނެ. ރައީސް ޔާމީނުގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ. ރައީސް ޔާމީނުގެ އަޒުމަކަށް ބަދަލެއް ނާންނާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާއިން ކުރާ ކަންތަކަށް ނަފުރަތު ކުރާ ކަމަށާއި އިންޑިއާއިން ރާއްޖެއަށް ދެނީ އެހީތަކެއް ނޫން ކަމަށެވެ. އަދި އޭގެން ސަރުކާރުގެ އިސް މީހުން ދަނީ ބައި އަޅަމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަކީ ރާއްޖޭގެ އިސްތިގުލާލު ނަގާލި ސަރުކާރު ކަމަށާއި މިއީ ރާއްޖޭގެ ސިޔާސީ އިއްފަތްތެރިކަން ފޭރިގަތް ސަރުކާރު ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ހުރިހާ ކަމަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ ލިޔެކިޔުންތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކައިރީގައި ފައިސާ ދިނުމަށް ފުލުހުން ފޮނުވާފައިވާ މެސެޖުތައް އެބަހުރި ކަމަށާއި އެހެންކަމުން ފުލުހުންނަށް އަދުލުވެރި ތަހުގީގެއް ނުކުރެެވޭނެ ކަމަށެވެ. އަދި ފުލުހުންގެ އިސްވެރިން އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވިއެވެ.

"މުހައްމަދު ރިޔާޒް (ޕޮލިސް އޭސީޕީ)ގެ ހާލު ހުރި ގޮތް އެހުރީ ފެންނަން. ފްރޭމް ކުރަން މަސައްކަތްކުރޭ. ފަނޑިޔާރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަނޑިޔާރުންނަކީ ގާނޫނުއަސާސީގެ އެންމެ ވަރުގަދަ ބާރު. ސަރުކާރުން ކުރާ ކަންތައްތަކުގައި ކޮސް ކަންތައް ކުރާނެ. ދެކޮޅު ނުޖެހޭ ކަންތައް ކުރާނެ. މި ސަރުކާރަކީ އޭގެ ލާމަސީލު މިސާލެއް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަދުލުވެރި އިންސާފެއް އެންމެ ނިކަމެތި މީހާއަށް ވެސް ލިބިގެންދާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން ފަނޑިޔާރުން އެ އަމާނާތަށް އަރައިގަންނަ ކަމަށްވާނަމަ ފަނޑިޔާރުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަލީ ރަޝީދަށް އަޅުގަނޑު ދަންނަވާ ވާހަކައެއްމީ. އަލީ ރަޝީދު ނޫންތޯ އަޅުގަނޑަށް ވަގު ހުކުމެއް ކުރީ. ބަލަ އަލީ ރަޝީދު ތިއުޅޭ ސުޕްރީމް ކޯޓުންނޭ އަޅުގަނޑު މައްޗަށް އެއްވެސް ހެއްކެއް ނެތްކަމަށް ނިންމާފައި އެ އޮތީ. ދުނިޔޭގެ ސިޔާސީ މީހުންނާއި ފަނޑިޔާރުންނާއި އިލްމީ މީހުން މަގާމުތަކުގައި ތިބޭއިރު މިކަހަލަ ލަދުވެތި ކަންކަން ކުރިމަތިވީމަ އަމިއްލައަށް އިސްތިއުފާ ދޭނެ. ދިވެހިރާއްޖޭގައި ވެސް މިއީ ހަމަ އަށަގަންނަވަން ރަނގަޅު އުސޫލެއް. މި ސަގާފަތް އަޅުގަނޑުމެންގެ ތެރޭގައި އުފެދެން އެބަޖެހޭ. އަލީ ރަޝީދު ބޭރަށް ލާކަށް ނުޖެހޭ، މިވަރުގެ ހުކުމެއް ކޮށްފައި ސުޕްރީމް ކޯޓަށް ހައި ޖަމްޕެއް ޖަހާފައި އިންނަ މީހަކަށް އެ ބެންޗުގައި އޭނާ އަހުންގެ ތެރެއިން ތިން މީހުން ތިބެގެން މައްސަލަ ނިންމާ އިރު، ތިޔަ ބުނާ އިތުރު ހެއްކެއް ހުރިތޯ ބަލައިބަލައި ވެސް ތިމަންމެންނަކަށް ނުފެނުނޭ ބުނި. އެ ހިސާބުން އޭނަ އެބަޖެހޭ މަގާމުން ދުރަށް ދާން. އެއީ ނޫންތޯ އަދުލުވެރިކަމަކީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ލީޑަރުން އިންޑިއާއަށް ވިކުނަސް އިދިކޮޅު ކޯލިޝަންގެ ސިޔާސީ ލީޑަރުން އިންޑިއާއަށް ނުވިކޭނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ގައުމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ މޯދީގެ ބާރު ހިނގާ، އިންޑިއާގެ ޕްރޮވިންސެއް ނުވަތަ ސްޓޭޓެއް ވެސް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މޯދީއާއި އިންޑިއާ ސަފީރު އަޑުއައްސަވާނެ. ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުން ކަލޭމެންނަށް ވިކުނަސް ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ލީޑަރުންނަށް ކަލޭމެންނެއް ނުގަނެވޭނެ. އެހެންވީމާ މިރޭ ވެސް ތަކުރާރުކޮށް ބުނަން އޮތް ވާހަކައަކީ އިންޑިއާ ސަރުކާރަށް ދައްކަވާ ވާހަކައެއް މި ދަންނަވަނީ އިންޑިއާގެ އަސްކަރިއްޔާ މިތަނުން ބަލާ. އެ މީހުންނަކަށް ދިވެހިރާއްޖޭގެ ކަންކަން ކުރާކަށް ޖާގައެއް ނެތޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމުގެ ގާބިލުކަން ދިވެހި ސިފައިންނަށް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވާ ކަމަށާއި ނަމަވެސް ޝާހިދަށް ވިދާޅުވާން ނުކުރޭނީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެވަނީ ކޮން އައްސޭރިފަށަކުން ކަމަށެވެ. އަދި ޝާހިދަކީ އިންޑިއާ ސިފައިން ރާއްޖެއަށް ދޯޅު ކުރަން މަސައްކަތް ކުރާ މީހެއް ކަމަށާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމާއި ޓެރަރިޒަމް ހުއްޓުވުމަށް އިންޑިއާ ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.