މިއަންނަ ދައުރުގައި ވެސް ބޭނުންވަނީ ތަފާތު ހިޔާލުތަކަށް ޖާގަ ދެވޭ ވެރިކަމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ރައީސް ސޯލިހުއަށް ތާއިދުކުރާ އެމްޑީޕީގެ ފަރާތްތަކުން ރޭ އެ ޕާޓީގެ ދަނޑިކޮށީ ޖަގަހައިގައި ބޭއްވި "ޖަގަހަ ޖަލްސާ" ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުރީ ސަރުކާރުގެ ވެރިކަމުގައި ފެނިގެން ގޮސްފައިވަނީ އިދިކޮޅު މީހުން ހައްޔަރުކުރާ މަންޒަރާއި ވަކި ބައެއްގެ މައްޗަށް އެކަނި ގާނޫނޫއަސާސީ ހިނގި މަންޒަރު ކަމަށެވެ.
ޝާހިދު ވިދާޅުވީ، ސިފައިން ފޮނުވައިގެން ރައްޔިތުން މަޖިލީހުގެ މެންބަރުން ތަޅުމުގައި ތިއްބަވަނިކޮށް ބޭރުކުރާ މަންޒަރު އަލުން ބަލަން ބޭނުންނުވާ ކަމަށާއި އެއިރުގެ ރައީސް އަބްދުﷲ ޔާމީން ޝަރުއީ މުއައްސަސާތަކަށް ވެސް އިހުތިރާމު ނުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ހަމަޖެހޭ ވެރިކަމެއް ބޭއްވުމަށް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ގާނޫނަށް އިހުތިރާމު ކުރާ ވެރިކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ހިޔާލު ތަފާތުވާ މީހުންނަށް ވެސް ޖާގަ އޮންނަ ވެރިކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ގާނޫނަށް އިހުތިރާމު ކުރާ ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އިހުތިރާމްކުރާ ވެރިކަމެއް" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރަށް ޝާހިދު ވިދާޅުވީ، މަސައްކަތް ކުރައްވާނީ މިހާރު މިއޮތް ރައީސް ސޯލިހުގެ ވެރިކަން އިތުރަށް ދަމަހައްޓަން ކަމަށެވެ. މީގެ ކުރިން އަބަދުވެސް ދައްކަނީ ރާއްޖޭގެ ޖީލެއް ހަލާކުވެގެން ދިޔަ ވާހަކަ ކަމަށާއި ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ޖީލެއް ބިނާކުރައްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެގޮތުން ރައީސް ސޯލިހު ވަނީ ހިލޭ ޑިގްރީ ޕްރޮގްރާމް ފަށްޓަވައި އެތަކެއް ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވައިފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރަށް އެފަދަ ހަރަދުތައް ނުކުރެވެންވީ ކީއްވެތޯ ވިދާޅުވެ ޝާހިދު ވިދާޅުވީ، އެ ފައިސާއަށް ވަނީ ހެންވޭރުގައި ހުރި ބޮޑު އިމާރާތެއް (ކުރީގެ ރައީސް ޔާމީންގެ ގެކޮޅު) ހަދާފައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު