އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ފްރާންސްގެ ޕީއެސްޖީގައި އިތުރަށް މަޑުކުރަން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ އަންނަ އަހަރު ޖޫން މަހަށް މެސީ ޕީއެސްޖީއާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށް އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަނީ އެއްބަސްވުން އާކުރުމަށް ސޮއިކުރުމަށް ވާން ޖެހޭ ތައްޔާރީތަކަށް ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މެސީއާއެކު ޕީއެސްޖީން ވަރަަށް އަވަހަށް އާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.
ފްރާންސްގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މެސީ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރާނެ ކަމަށް ބެލެވެނީ އިތުރު އެއް އަހަރަށެވެ. އެހެން ނަމަވެސް އެއީ އަދި ޔަގީން މައުލޫމާތެއް ނޫނެވެ. މެސީގެ އާ އެއްބަސްވުމުގެ ދިގުމިނާއި، އާ އެއްބަސްވުމުގައި ހިމަނާނެ މުސާރައިގެ އަދަދަށް އެއްބަސްވުމަށް އަދި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ދިޔައީ ބާސެލޯނާގައި އެތައް އަހަރެެއް ހޭދަކުރުމަށްފަހުއެވެ. މިހާރު އުމުރުން 35 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ.
ބާސާ ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.
ޕީއެސްޖީއަށް ގޮސް ފުރުތަމަ ސީޒަނުގައި މެސީއަށް އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މި ސީޒަނުގައި ފެންނަނީ އާދަޔާހިލާފު ފޯމެއްގައެވެ. އެގޮތުން އާޖެންޓީނާއާއެކު ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން ޕީއެސްޖީ ޖާޒީގައި މެސީ ކުޅުނު 13 ލީގު މެޗުގައި އޭނާ ހަތް ގޯލް ޖެހިއެވެ. އަދި ޗެމްޕިއަންސް ލީގުގައިވެސް ހަތަރު ގޯލް ޖަހައިފައިވެއެވެ.
އެ ފޯމުގައި އާޖެންޓީނާއާއެކު ވޯލްޑް ކަޕަށް ގޮސް، ވޯލްޑް ކަޕްގައި ހަތް ގޯލް ޖަހައި އާޖެންޓީނާއާއެކު އެ މުބާރާތް މެސީ ކާމިޔާބު ކޮށްފައިވެއެވެ. އެއީ މުބާރާތުގެ ރަން ބޯޅަވެސް ހޯދައިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ކެރިއަރުގައި ލިބުނު ފުރަތަމަ ވޯލްޑް ކަޕެވެ.