ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ ދިވެހި މަހުން ޑިއުޓީ ނެގުން ލަސްވެގެން މި އަންނަ ދެ މަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ކަމަށް އެމަނިކުފާނުގެ ރަހުމަތްތެރި، އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭ ވިދާޅުވެފައިވާ ކަމަށެވެ.
"މިއީ އުފާވެރި ހަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ މާފުކޮށްދިނުމާ ގުޅޭ ގޮތުން މި ސަރުކާރުން ވަނީ މަޝްވަރާތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ރާއްޖޭން އިނގިރޭސިވިލާތުގެ ސްޓޭޓް މިނިސްޓަރު ލޯޑް ތޯރިގް އަހުމަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަސްމީ ސިފައެއްގައި މަޝްވަރާތައް ކުރިއަށް ގެންދަން އެއްބަސްވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން ވަނީ އީޔޫގައި މީގެ ކުރިންވެސް ވަރަށް ގިނަ ފަހަރު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު