ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ތެލަށް ބަރޯސާވާ މިންވަރު މިހާރުން ފެށިގެން ކުޑަ ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓަށް 73 އަހަރުން ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކަރަންޓުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާ އެކު ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލި، ހިދުމަތްތައް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ދިމާވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޮވިޑްގެ ސަބަބުންނާއި މިހާރު ހިނގަމުންދާ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެކަން ސާފުވެގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކު ވެސް ސްޓެލްކޯއިން ކުރައްވާފައިވާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތަކަކީ ފާހަގަ ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ވެސް ދަނީ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން ކަމަށާއި އެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަވިން ކަރަންޓު އުފެއްދުމަށް ރާއްޖޭގައި ހިނގަމުންދާ މަސައްކަތް ވެސް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބު ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރި ކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ ކަރަންޓުގެ ހިދުމަތާ ގުޅިގެން ކަމަށެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން އާއި ސްޓެލްކޯގެ މަސައްކަތުން 100 އަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، 300 އަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު