ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުން އިތުރު ކަށިތަކެއް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، ގުޅިފަޅު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ކުރުމުގެ ތެރެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.
އެ ކަށިތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގިތަނުން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައެވެ.
އެފަހަރު ފުލުހުންގެ ބުނެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުވާކަން އެތަނުގައި ދިރިއުޅުނު ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.
ފެނިފައިވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއްތޯއާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ އާދިއްތަ ދުވަހު އެފްކޮންސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި 457 މީހުން ދިރިއުޅެމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން 78 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ. ކުދިކުދި އަނިޔާ ލިބުނު 24 މީހަކުގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ބާކީ ތިބި މީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން އެ މީހުންނަށް ބޭނުންވާ އަންނައުނާއި ސޫޓް ކޭހައި މޯބައިލް ފޯނުގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދީފައިވާނެ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެފްކޮންސްއިން އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމަށާއި މުވައްޒަފުންނަށް ދިމާވާ ހުރިހާކަމެއް ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު