Close
ޚަބަރު

އީސީގެ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ވައްކަންކޮށްފި

މުހައްމަދު އިޝާން

އިލެކްޝަން ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ވައްކަން ކޮށްފިއެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކޮމިޝަންގެ ސެކިއުރިޓީ ރޫމަށް އިމާރާތުގެ ބޭރުން ވަދެ ފަޅާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު އަރަބިއްޔާ ސްކޫލުގައި ހުންނަ އެކޮމިޝަނުގެ ގުދަނެއް ފަޅާލާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

އެ ދެ މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ، ސެކިއުރެޓީ ރޫމް ފަޅާލި އިރު، އިންތިހާބަކާ ގުޅުން ހުރި ލިޔުމެއް އަދި އެކަމާ ބެހޭ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާ ކަމަށެވެ.

"އެހެންނަމަވެސް، އެ ތަނުގައި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުންކޮށްފައިވާ ފަސް ނެޓްބުކް ގެއްލިފައިވުމުގެ އިތުރުން، އެ ތަނުގައި ހުރި އެއްވެސް އެއްޗެއް އަޅާފައިނުވާ ބާ ތިޖޫރީއަކަށް ވަނީ ގެއްލުންތަކެއް ދީފަ. އަދި ހަމައެހެންމެ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ބާ އިމާރާތުން 11 ޔޫޕީއެސް އާއި 65 އިންޗީގެ ދެ ޓީވީ އާއި ދެ ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަނީ ވަގަށް ގެންގޮސްފަ،" އީސީން ބުންޏެވެ.

އެ ދެ ހާދިސާއާ ގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް އެއްވެސް ވަރަކަށް އަސަރު ނުކުރާނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ ވައްކަމުގެ އެ ދެ ހާދިސާއާ ގުޅިގެން ކުރިއަށް ހުރި އިންތިހާބުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތްތައް ހިންގާ އިމާރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.