އާޖެންޓީނާއަށް ތަށި ލިބުމާއެކު ކެޕްޓަން ލިއޮނަލް މެސީ ކުރި ޕޯސްޓަކީ އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ލައިކް ޖެހި ފޮޓޯއަށް ވެއްޖެއެވެ.
އާޖެންޓީނާއިން 36 އަހަރަށްފަހު ވޯލްޑް ކަޕްގެ ތަށި ހޯދީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޕެނަލްޓީގައި ކާމިޔާބުކޮށްގެންނެވެ. އާޖެންޓީނާއިން ތަށި ހޯދި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ހަތް ގޯލު ޖަހައި، ތިން އެސިސްޓް ހަދާފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ކެރިއަރުގައި އޭނާއަށް ލިބުނު ފުރަތަމަ ވޯލްޑް ކަޕެވެ.
މެސީއަށް ވޯލްޑް ކަޕް ލިބުމާއެކު އޭނާ ކުރި ޕޯސްޓުގައި އާއިލާއާއި ލޯބިކުރާ އެންމެންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އޭގެ އިތުރުން ވާނެކަމަށް ބުނި އެންމެންނަށް މެސީ ޕޯސްޓުގައި ޝުކުރު އަދާކޮށްފައިވާ އިރު، އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ފޮޓޯތަކަކީ ތަށްޓާއެކު ނަގާފައިވާ ތާރީހީ ފޮޓޯތަކެވެ. މެސީގެ އެ ޕޯސްޓަށް 58 މިލިއަން ލައިކަށްވުރެ ގިނައިން މިހާރު ލިބިފައިވާ އިރު، އެއީ ދުނިޔޭގެ ރެކޯޑެކެވެ. މީގެ ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ލިބިފައިވާ ފޮޓޯއަކީ "ވޯލްޑް ރެކޯޑް އެގް"ގެ ނަމުގައި ހަދާފައިވާ އެކައުންޓުން އަޕްލޯޑް ކޮށްފައިވާ ކުކުޅު ބިހުގެ ފޮޓޯއަށެވެ.
އެ ފޮޓޯއަށް 56 މިލިއަން ލައިކްސް ލިބިފައިވާ އިރު، މެސީގެ ފޮޓޯއަކީ އިންސްޓަގްރާމްގެ ރެކޯޑަށް ހެދުމަށް އޭނާގެ ސަޕޯޓަރުން ވަނީ ކުކުޅު ބިހުގެ ޕޯސްޓަށް ލައިކް މަދު ކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޕޯސްޓުން ލައްކައިން ލައިކް މަދުވެފައިވެއެވެ.
ވޯލްޑް ކަޕް ތަށްޓާއެކު އާޖެންޓީނާއިން މިއަދު އެގައުމަށް ގޮސްފައިވާ އިރު، އެތައް ލައްކަ ރައްޔިތުންނެއް ވަނީ ޓީމަށް މަރުހަބާ ކިޔައިފައެވެ. އެގައުމުގައި އުފާފާޅުކުރުންތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
މެސީގެ އިންސްޓަގްރާމް އެކައުންޓުގައި 402 މިލިއަން ފޮލޯވާސް ހިމެނެއެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓަކީ ތިންވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެވެ. އިންސްޓަގްރާމްގެ ޔޫސާއަށް 580 މިލިއަން މީހުން ފޮލޯކުރާ އިރު، ދެވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓަގްރާމް ކައުންޓަށް 519 މިލިއަން މީހުން ފޮލޯކުރެއެވެ.