ސަރުކާރުން މި އަހަރަށް ކަނޑައެޅި 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލުވެއްޖެއެވެ.
މި އަހަރު ރާއްޖެ ޒިޔާރަތްކުރި 1.6 ވަނަ ފަތުރުވެރިޔާއަކީ ހަނީމޫނަށް ރާއްޖެ އައި އިންޑިއާގެ ތޭޖަސް ސަންޖޭ ކޮތާރީއެވެ. ތޭޖަސް އާއި އޭނާގެ އަންހެނުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އަމާޒު ހާސިލުވުން ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ވަނީ ބާއްވައިފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރުސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން އެމްއެމްޕީއާރްސީއާއި އެމްއޭސީއެލްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފުލާއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި އަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.
އުމުރުން 27 އަހަރުގެ ތޭޖަސް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި މިފަދަ ޝަރަފެއް ލިބޭނެ ކަމަށް ކުޑަކޮށްވެސް ހީނުކުރާ ކަމަށެވެ. އަދި ހަނީމޫން ހޭދަކުރުމަށް ރާއްޖެ އަންނަން ނިންމީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އަދި ވަކިން ހާއްސަކޮށް ބޮލީވުޑް ސްޓާރުންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވުމުން ކަމަށް ބުންޏެވެ.
އޭނާ ޗުއްޓީ ހޭދަކުރާނީ ރ. އަތޮޅުގައި އޮންނަ އެމެރަލްޑް މޯލްޑިވްސް ރިސޯޓުގައެވެ.
"އަހަރުމެން ހީވެސް ނުކުރަން މިކަހަލަ ކަމެއް ވާނެ ކަމަށް. ވަރަށް ހައިރާންވެ އަދި އުފާކުރަން މިކަން ދިމާވުމުން. އަހަރުމެންނަށް މިހާ ހޫނު މަރުހަބާއެއް ކީމަ ރާއްޖޭގެ އެންމެނަށް ޝުކުރު އަދާކުރަން" ތޭޖަސް ބުންޏެވެ.
މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލައި އިރު، 23.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، ހަ ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން ނުވަ އިވެންޓް ހިމެނޭ ގޮތަށް 171 އަށް ވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު