ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިހާރު ބޭނުން ވަނީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ އަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މި މައްސަލައަކީ ޕާމަނަންޓް ސެކްރެޓަރީކަމުގެ މަގާމުގައި މުސްއަބު ހުއްޓައި، މުސާރަ ނުލިބޭ ގޮތަށް ދުވަސްތަކަކަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމާގުޅިގެން ހިނގައިދިޔަ މައްސަލައެކެވެ.
މުސްހަބު ޕީއެސްގެ މަގާމުގައި ހުންނަވަނިކޮށް، އިސްލާމިކް މިނިސްޓްރީންނާއި އާންމު ބައެއް ފަރާތްތަކުން، އޭނާގެ މައްޗަށް ހުށަހެޅި، އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒިފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވީޓާގައި އާއްމުކުރި މައްސަލަތަކެއް ތަހުގީގު ކުރުމަށް އޭނާ އެ މަގާމުން، ފުރަތަމަ ސަސްޕެންޑް ކުރީ 29 މެއި 2019 އިން ފެށިގެން 30 ދުވަހަށެވެ. އެއީ މުސާރަ ލިބޭ ގޮތަށެވެ. ނަަމަވެސް އޭނާގެ މައްޗަށް ބަަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފުރަތަމަ ސަަސްޕެންޑް ކުރި މުއްދަތު ހަމަވި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރި އެވެ.
އެ މުއްދަތު ފާއިތުވެ ދިޔައިރު ވެސް އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކުގެ ތަހުގީގު ނިމިފައި ނުވާތީ، ތިން ފަހަރެއްގެ މަތިން އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވުން، 10 ސެޕްޓެމްބަރު 2019 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.
އެކަމާ ގުޅިގެން މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދުނީ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަންޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.
އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ހުކުމް ކުރީ މުސްއަބު އެދުނު ގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން މިއަހަރުގެ އޯގަސްޓް މަހުގެ 28 ގައި ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، މުއްސަބުގެ މައްޗަށް ގިނަ މައްސަލަަތަކެއް ތަހުގީގު ކުރި ކަމަށް އޮތް ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ޗިޓުގައި ހަވާލާދީފައި ވަނީ ސިއްރު ލިޔުން ޓުވީޓާގައި އާއްމުކުރި މައްސަލައަށް އެކަނި ކަމަށެވެ.
ޓުވީޓާގައި ހާމަކޮށްފައިވަނީ ސިއްރު މައުލޫމާތު ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އިސްލާމިކް މިނިސްޓްރީން 13 ނޮވެމްބަރު 2018 ގައި އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވި، މައްސަލަ ނިންމި ގޮތް ކަމަށާއި އެ ލިޔުމަކީ އެއް ސިޓީއެއްގެ ގޮތުގައި މުސްއަބަށާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްފަހު އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ސަރުކާރުގެ އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް މުސްއަބު އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އޭނާ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކޮށްފައިވާ ކަމަަށް ބުނެ އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ސަަބަބު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، މުސާރަ ނުލިބޭ ގޮތަށް މުސްއަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 86333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުއްސަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރިހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުސްއަބް އަށް ދެއްކުމަށް ހައިކޯޓުން ސީއެސްސީގެ މައްޗަށް އަމުރު ކުރިއެވެ.
ނަމަވެސް އެ ހުކުމާ އެއްގޮތަށް ސީއެސްސީން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި، މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުސްވި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސީއެސްސީގެ މައްޗަށް ކުރި އަމުރުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެ ކޯޓަށް ދެއްކުމަށެވެ.
އޭރު ސީއެސްސީން ބުނަމުން އައީ އެ ފައިސާ ނުދެއްކީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ވިސްނަމުން ގެންދާތީ ކަމަށެވެ.
އެހެންމުން މިހާރު ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކީ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަކީ ގާނޫނާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ ސީއެސްސީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ސީއެސްސީގެ ވަކީލު ވިދާޅުވީ، ކޯޓަކުން ކުރާ އަމުރެއް ނިހާއީ ވެގެންދާނީ އެ މައްސަލައެއްގެ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ދިއުމުން ކަމަށެވެ. އެހެންކަމުން ހައިކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދުނެވެ.
ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވި ވަނީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހައިކޯޓުން ލިބުން ލަސްވެގެންކަން ފާހަގަކުރައްވައި ސީއެސްސީގެ ވަކީލު ވިދާޅުވީ، ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ހަމަވާނެ ކަމަށް ދެކެވަޑައިގަންނަވަނީ، މި މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. އެހެންކަމުން އެ ހުކުމް ނިހާއީ ވެގެންދާނީ އެ ތާރީހުން ފެށިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ މައްސަލައިގައި ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ އެ މުއްދަތުގެ ކުރިން ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައަށް ޖަވާބު ދެއްވަމުން މުސްއަބުގެ ދިފާއީ ވަކީލު ވިދާޅުވީ، މި މައްސައިގައި ސީއެސްސީން ދަނީ ގާނޫނުގައި އޮތް ޝަރީއަތުގެ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ކަމަށެވެ. އެ އިޖުރާއަތްތައް ނަހަމަގޮތުގައި ހިފާ ކަމަށް ބެލެވޭނެ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެ ކަންތައްތައް މި މައްސަލައިން ސާފުކޮށް ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ކަމަކީ ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ސީނިއާ ވަކީލުންތަކެއް ސީއެސްސީގައި ތިއްބަވަނިކޮށް ޖޫނިއާ ބޭފުޅަކު އެ މައްސަލަ ހުށަހެޅުއްވުމަށް ސީއެސްސީން ފޮނުވުން ކަމަށްވެސް ވިދާޅުވިއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ސީއެސްސީގެ ވަކީލު ވިދާޅުވީ އޭނާއަކީ ހައިކޯޓުގައި ވަކީލުކަން ކުރުމުގެ ހުއްދަ އޮތް މީހެއް ނޫން ކަމަށެވެ.
އެކަމަށް ރައްދުދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، އެކަމުން ދޭހަވަނީ އެފަދަ ކޮމިޝަނަކުން އެފަދަ މައްސަލައެއް، އިސްތިއުނާފު ކުރުމަށް ސީރިއަސްނޫންކަން ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެެއް ކަމަށެވެ.
ސީއެސްސީގެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ވާހަކަ ސީއެސްސީން ދައްކާއިރު، ކޯޓުން މައްސަލަ ނިމޭތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެ ކަމަށް އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުރަހެއް ނެތް ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
މައްސަލައިގެ ރިޕޯޓް ލިބުނު ގޮތުގެ ވާހަކަ ދައްކާއިރު، 28 އޯގަސްޓުގައި ކުރި ހުކުމާ ގުޅިގެން ސީއެސްސީން ރިޕޯޓަށް އެދުނީ 11 ސެޕްޓެމްބަރުގައި، އޭގެ 14 ދުވަސްފަހުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޕޯޓް ނިމުނުކަން 23 އޮކްޓޯބަރު ވީ އާދިއްތަ ދުވަހު އެންގި ނަމަވެސް ރިޕޯޓް ނަގާފައިވަނީ އެއް ހަފުތާފަހުން 30 އޮކްޓޯބަރުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންމުން މައްސަލަ އިސްތިއުނާފުކުރަން ސީއެސްސީންއަށް ލިބުނު 30 ދުވަހުގެ މުއްދަތުގެ ތެރެއިން 21 ދުވަސް ގަސްދުގައި ދޫކޮށްލާފައިވާ ކަމަށް ދިފާއީ ވަކީލު ވިދާލުވިއެވެ. އެއީ ރިޕޯޓަށް އެދި ހުށަހަޅަން ދުއްވާލި 14 ދުވަހާއި ރިޕޯޓު ނަގަން ލަސްކުރި ހަތް ދުވަސް ކަމާއި އެކެންކަމުން ދެން އޮތް ނުވަ ދުވަސް ތެރޭގައި އެ މައްސަލަ އިސްތިނާފު ނުކުރުމުން އިސްތިއުނާފުގެ މުއްދަތު ހަމަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސީއެސްސީން ބުނާގޮތަށް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ހަމަވާނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.
ހުކުމެއް ނިހާއީ ވާނީ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ހަމަވުމުން ކަމަށް ސީއެސްސީން ފާހަގަކުރި ނުކުތާގެ ޖަވާބުގައި ދިފާއީ ވަކީލު ވިދާޅުވީ، ހުކުމެއް ނިހާއީ ވުމާއި ތަންފީޒު ކުރުމުގެ މުއްދަތާ ގުޅުމެއް އޮންނަ ކަމަށް ދައްކާ ވާހަކައަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ދަންނަކަމެއް ނޫން ކަމަށެވެ.
ފައިސާގެ އަދަދެއް ދައްކަން ކޯޓުން ކުރާ ހުކުމެއް 14 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަންޖެހޭނެ ކަމަަށް ބަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ސިވިލް ކޯޓުގެ އަމުރަކީ ގާނޫނީ ތަރަހައިގެ ތެރެއިން ކޮށްފައިވާ އަމުރެއް ކަމަށްވެސް ވިދާޅުވިއެެވެ.
އަދި މައްސަލައެއް އިސްތިއުނާފު ކުރި އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ކޮށްފައިވާ ހުކުމުގެ ނަތީޖާ ނުވަތަ އެ ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްވެގެންނުދާނެ ކަމަށާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައިވެސް އެ ވާހަަކަ އެގޮތަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައި ވަނީ ހުކުމް ތަންފީޒުކުރުން ލަސްކުރެވޭނެ އެންމެ ހާލަތެއް ކަމަށާއި އެއީ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް މަތީ މަރުހަލާގެ ކޯޓަކުން ކުރާ ހާލަތުގައި އެކަނި ކަމަށްވެސް ވިދާޅުވިއެވެ.
ދިފާއީ ވަކީލު އިތުރަށް ވިދާޅުވީ، ޝަރީއަތުގެ އިޖުރާއަތު ނަހަމަ ގޮތުގައި ސީއެސްސީން ބޭނުންކުރާކަން އެކަންކަމުން ހާމަވާ ކަމަށާއި އެކަމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި އެ ބަދަލުގެ ތެރޭގައި ހިމެނޭ ޝަރީއަތުގެ ހަރަދު މުސްއަބަށް ނަގައި ދިނުމަށް އެދޭ ކަމަށެވެ.
އެއާއެކު ސިވިލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް ދިފާއީ ވަކީލު ކޯޓުގައި އެދިވަޑައިގެންނެވިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަހު ޝަރީއަތުގެ އަޑުއެހުން އެގޮތުގައި ކުރިއަށްދިޔަ ނަމަވެސް، މައްސަލައިގެ ދެވަނަ ދުވަހު ސީއެސްސީން ހައިކޯޓުގައި ފުރަތަމަވެސް ބުނީ، އެ މައްސަލައިގައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ސީއެސްސީން މިހާރު ބޭނުންވާ ކަމަށެވެ.
ސީއެސްސީގެ ވަކީލުގެ އެ ވާހަކައާ ގުޅިގެން ކޮމިޝަންގެ ސްޓޭންޑަކީ މައްސަލަ އަނބުރާ ގެންދިއުންތޯ ސާފުކޮށް ވިދާޅުވެ ދެއްވުމަށް ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ. އަދި އެފަދަ ނިންމުމެއް ނިންމިކަމުގެ ރަސްމީ ލިޔުމެއް ކޯޓަށް ލިބިފައިނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ވަކީލު ވިދާޅުވީ، ކޮމިޝަންގެ ސްޓޭންޑަކީ މައްސަލަ އަނބުރާ ގެންދިއުން ކަމަށާއި އެކަން ކޯޓަށް ނޭންގުނީ ވަގުތު ނެތުމުން ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރަން ނިންމީ އެކަމުގެ ދެއްކޭނެ ހުއްޖަތެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ސީއެސްސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ޝަރީއަތުގެ ހަރަދާއި ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން މައްސަލަ ރައްދުވާ ފަރާތުން ކަންތައްތަކެއް ފާހަގަކޮށްފައިވާތީ އެކަމަށް ސީއެސްސީން ޖަވާބު ދާރީވާންޖެހޭނެ ކަމަށެވެ. އެހެންކަމުން މައްސަލައިގެ އެންމެ ފަހު ދުވަހު ކުރިއަށް ގެންދިޔައީ އެ ދެ މައްސަލައަށް ސީއެސްސީން ޖަވާބުދާރީ ވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު