އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފައިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ހަރަކާތްތަކާ ގުޅިގެން، ޖަގަހަ ހަރަކާތްތައް އިސްވެ ހިންގަވާނެ ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީންގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ހަމަޖައްސަވައިފި އެވެ.
ރައީސް ސޯލިހުގެ އިސްނެންގެވުމަކަށް ސޯލްޓް ކެފޭގައި ރޭ ބޭއްވި ބައްދަލުވުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ. އެއީ އެ މަޖިލީހުގެ ގާތްގަނޑަކަށް 80 ޕަސެންޓު މެންބަރުންނެވެ.
ރޭގެ ޖަލްސާގައި އިބޫގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ލީގަލް ޑައިރެކްޓަރަކަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހަމަޖައްސަވައި އެކަން ވަނީ އިއުލާނުކުރައްވައިފައެވެ.
ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ތެރެއިން، އިސްވެ ޖަގަހަތައް ހިންގުމުގެ ކަންކަން ރީކޯ މޫސައާ ހަވާލުކުރެއްވި އިރު، މޫސައަކީ އެ މަނިކުފާނާ އެކު ރައްޔިތުންގެ މަޖިލީހުގައިވެސް ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އެވެ. ޕާޓީގެ ގައުމީ މަޖިލިސް، އަދި ލީޑާޝިޕުން މޫސަ ނުފެނުނު ނަމަވެސް، އޭނާ ފާހަގަ ކުރެވެނީ ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގަ އެވެ. ރައީސް ވަޑައިގަންނަވާ ދަތުރުފުޅުތަކުގެ ތެރެއިންނާއި ހާއްސަ ހަރަކާތްތަކުގެ ތެރެއިން މޫސަ ފެންނަމުންދެއެވެ. މޫސަ ވަނީ ދާދި ފަހުން އެމްޑީޕީއަށް ސޮއިވެސް ކުރައްވައިފައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، މޫސަ މިއަދު ވިދާޅުވީ ރައީސް ސޯލިހު އަދި އެމްޑީޕީ ޕްރޮމޯޓުކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ޖަގަހަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ޖަގަހަ ޖަލްސާ އޮންނާނީ ޗާނދަނީ މަގުގަ ހުންނަ ދަނޑިކޮށީ ޖަގަހައިގަ. އެއީ މައި ޖަގަހައިގަ ބައެއް ކަންކަން އަދި ނުނިމި ހުރީމަ. ދެވަނަ ޖަގަހަ ޖަލްސާ ރާވާނީ އަތޮޅުތެރެއަށް." މޫސަ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ ރިޔާސީ ރޭހަށް އިބޫ ޕްރޮމޯޓު ކުރުމަށް މި ފެއްޓެވި ހަރަކާތްތައް މެދުނުކެނޑި އަންނަ ރިޔާސީ އިންތިހާބާއި ހަމަޔަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.