ސިނަމާލެ ބުރިޖުގެ އެއާޕޯޓް ލައިޓް ކައިރިން މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ ތައިލެންޑުގައި ވިޔަފާރިކުރަމުންދިޔަ ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލު މޫސާ (ޖަމްބޯ އިއްސެ)އެވެ. ސޯޝަލް މީޑިއާގައި މިއަދު ވަނީ އިއްސެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވެފައެވެ. އެ ވީޑިއޯއަކީ ބުރިޖުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރުކޮށްފައިވާ ކެމެރާއަކަށް ރިކޯޑް ކުރެވިފައިވާ ވީޑިއޯއެކެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އިއްސެ ބުރިޖު ފައިބައިގެން ދިޔައީ ސިގްނަލް ރަތް ވެފައި ވަނިކޮށެވެ. އެވަގުތު ހުޅުމާލެއިން އެއާޕޯޓެއް ދިޔަ ވޭނަކުން އައިސް އިއްސެ ދުއްވަން އިން ސައިކަލުގައި ޖެހުނު މަންޒަރު ފެނެއެވެ.
އިއްސެއަށް ފަރުވާ ދިނުމަށް ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވީޑިއޯ ލީކުވި މައްސަލަ ބަލަމުންދާ ކަމަށާއި އެ ވީޑިއޯ ލީކުވި ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނީ، އެ ވީޑިއޯގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުކުރުމަކީ މަރުވި ފަރާތުގެ އާއިލާއަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށެވެ. އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާގެ ފަރާތުން ވަނީ ފުލުހުންނާ ހިއްސާކޮށްފައި ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަސީލަތްތަކުގައި ދައުރުނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު