އުމުރުން 35 އަހަރުގެ ލިއޮނަލް އަންދްރޭއާސް މެސީއަށް ދައްކާނެ ވާހަކައެއް ނެތެވެ. ކްލަބު ފުޓުބޯޅައިގެ ޗެމްޕިއަނެކެވެ. ރެކޯޑު ހަތް ފަހަރު ބެލޮންޑިއޯ ހޯދައިފިއެވެ. ކެރިއަރުގައި 750 އަށްވުރެ ގިނަ ގޯލް ޖަހައިފިއެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާއާއެކު ހޯދައިފިއެވެ. ރޭ ވެގެން ދިޔައީ ދުނިޔޭގެ ޗެމްޕިއަނަކަށެވެ. ދެ ވޯލްޑް ކަޕެއްގެ ރަން ބޯޅަ ހޯދި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މުޅި އާޖެންޓީނާ އުފަލުން ރޮއްވާލައިފައެވެ. ކެރިއަރުގައި އެންމެ އުންމީދު ކުރި ތަށި، ފަހު ވޯލްޑް ކަޕަށް ނުކުމެ އުފުލާލީ، "ފެއަރީޓޭލް" އުފާވެރި ނިމުމެއްއްގެ މަންޒަރުތަކާއެކުގައެވެ.
މެސީ މިފަހަރު ނުކުތީ ފަހު ވޯލްޑް ކަޕަށެވެ. މާ ކުރިން އެކަން އިއުލާނުވެސް ކުރިއެވެ. އެއީ މި ވޯލްޑް ކަޕް އޭނާއަށް ހާއްސަވި އެއް ސަބަބުވެސް މެއެވެ. ފަހު ވޯލްޑް ކަޕްގައި މެސީގެ ކެރިއަރުގައި ހުރިހާ ހިތްދަތިކަމެއް ހަނދާނުން ފޮހެލަން އޭނާއަށް ކުރަން އޮތް ކަމަކީ ތަށި ކާމިޔާބުކުރުންކަން އާޖެންޓީނާއިން ދަތެވެ. ހުރިހާ ކުޅުންތެރިންނާއި މުޅި ގައުމުވެސް މެސީއަށް އެތަށި ހޯދައިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މާ ކުރިޔާލައި ތައްޔާރުވިއެވެ. އެއީ 2014 ގެ ވޯލްޑް ކަޕް ފައިނަލްގައި މެސީއަށް ކުރިމަތިވި ނާކާމިޔާބީވެސް ހަނދާން ނައްތާލެވެން އޮތް ހަމައެކަނި ގޮތް ކަން މާކުރިންވެސް އެނގެއެވެ. މެސީގެ ކެރިއަރު ފުރިހަމަކުރަން ލިބުނު އެންމެ ފަހު ފުރުސަތުގައި އެކަން ފުރިހަމަ ކޮށްފިއެވެ. އުފަލުގެ ކަރުނައިގެ ނިމުމެކެވެ. މުޅި އާއިލާ އުފާފާޅުކުރީ މެސީގެ އެތަކެއް ހިތްދަތިކަމެއް ހަނދާން ނެތުނީތީއެވެ. ދަނޑު މައްޗަށް މަންމަ އަރައި މެސީ ގައިގައި ބައްދާލި މަންޒަރުން ފެށިގެން ގޮސް، އަންހެނުންނާއި ދަރީން އޭނާއަށް ދިން ލޯބީގެ މަންޒަރުތައް ހިތްގައިމެވެ.
ފައިނަލަކީ އެނބުރި އައުމެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފެށުން އާޖެންޓީނާއަށް ދިޔައީ ގޯހުން ގޯހަށެވެ. ސައުދީ އަރަބިއާ އަތުން ބަލިވެ، އެތައް ފާޑުކިޔުމަކާ ކުރިމަތިލިއެވެ. އެ މެޗަށްފަހު ކެޕްޓަން މެސީ ވައުދުވީ "އެނބުރި އަންނާނެ ކަމަށާއި، ސަޕޯޓަރުން ކެތްކޮށްފިނަމަ، ތަފާތު ދައްކާނެ،" ކަމަށެވެ. އެ ވައުދު ރޭ މެސީ ފުއްދައިދީފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ވޯލްޑް ކަޕް ލިބުމަށް އެދުނު އެތައް ބަޔަކަށް ހިނިތުންވުން ގެނެސްދީފިއެވެ. އެތައް ކުދީންނަކަށް އުންމީދު ގެނެސްދީފިއެވެ. މެސީގެ ވާހަކައަކީ ފުޓުބޯޅަގައި ތާ އަބަދަށް ދެކެވޭނެ ވާހަކައެއްކަން ޔަގީނެވެ. ފުޓުބޯޅައިގައި އެންމެ ރަން އަކުރުން ލިޔެވިގެންދާނެ އެއް ނަމަކީވެސް މެސީގެ ނަންކަން ޔަގީން ކޮށްދީފިއެވެ.
ރޭގެ ފައިނަލް އިންތިހާއަށް ފޯރިގަދަކޮށް ދިޔަ އިރު، މެސީގެ ދައުރު ފައިނަލްގައިވެސް ފެނުނީ ބޮޑުކޮށެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި 90،000 އެއްހާ ސަޕޯޓަރުން ކުރިމަތީގައި މެސީއަށް އޮތް ސަޕޯޓް ގުގުމަމުން ދިޔައިރު، ފައިނަލް ވެގެން ދިޔައީ ފުރިހަމަ ފުޓުބޯޅަ ފައިނަލަކަށެވެ. އާޖެންޓީނާއިން ފުރަތަމަ ދެ ގޯލް ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މެސީ ދެ ގޯލް ޖަހައި އާޖެންޓީނާއަށް އުންމީދު ހޯދައިދިނެވެ. ފުރަތަމަ ޕެނަލްޓީއަކުންނެވެ. ދެން އިތުރު ވަގުތުގެ ތެރޭގައެވެ. ޕެނަލްޓީއަށް ގޮސް އޭނާގެ ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، މެސީ ވަނީ މި ވޯލްޑް ކަޕްގައިވެސް ހަތް ގޯލް ހަމަކޮށްފައެވެ. ރަން ބޯޅަ މެސީ ހޯދީ އުމުރަކަށް ނުބަލައި، ތަފާތު ވޯލްޑް ކަޕެއް ކުޅެގެންނެވެ. މުޅި އާޖެންޓީނާ އޭނާއަށް ބަރޯސާވެ އޮތް އިރުވެސް، ހަމަޖެހިލައިފައި ނަތީޖާ ނެރުނެވެ.
މީގެ ކުރިން 1978 ވަނަ އަހަރު ޑެނިއެލް ޕަސަރެއްލާއެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއެވެ. ދެން މިއަހަރު، މެސީއެވެ. ގައުމަށް ތަށި ގެނެސްދިން އެ ކެޕްޓަނުންގެ ލެގަސީ ރޭ މެސީ އަލުން ލިޔެލައިފިއެވެ. މަރަޑޯނާގެ މޭސްތެރިކަމުގައި ހޯދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް ގެނުވައިފައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު 1986 ވަނަ އަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތައް އަދިވެސް ފަނޑުވުމެއް ނެތެވެ. އެ ވާހަކަތަކަށް މިހާރު މެސީގެ ބާބެއްވެސް އިތުރުވާނެއެވެ. މި ވޯލްޑް ކަޕް މެސީ ހޯދީ ބަޔަކަށް ޖަވާބުދީ، ސާބިތުކޮށްދީފައެވެ. 2016 ވަނަ އަހަރު ހިތްދަތިކަމުގެ ރިޓަޔާމަންޓްގެ ހަނދާން ފަސްއަޅައި ފޮރުވާލައިފައެވެ.
1986 ވަނަ އަހަރު ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައިގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާއިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާގެ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ. މެސީ މި ވޯލްޑް ކަޕްގައި ހަތް ގޯލް ޖަހައި ތިން އެސިސްޓް ފުރިހަމަ ކޮށް، މުޅި ޓީމް ލީޑުކުރީ ނަމޫނާ ދައްކާފައެވެ.
ތަށްޓާއެކު ސާޖިއޯ އަގުއޭރޯގެ ކޮނޑުމަތީގައި މެސީ އިށީންދެލައިގެން އިނދެ އާޖެންޓީނާ ސަޕޯޓަރުންނާއެކު އުފާފާޅުކުރަމުން ދިޔަ އިރު، އެތައް ބަޔަކަށް ސިފަވީ މަރަޑޯނާގެ މަންޒަރެވެ. އެ އިހުސާސްތައް އަލުން ގެނެސްދިނެވެ. ފުރިހަމަ ފޮޓޯއެކެވެ. ފުރިހަމަ މަންޒަރެކެވެ. މެސީ "ގޯޓް"ގެ ޑިބޭޓް ނިންމައިފިއެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ވޯލްޑް ކަޕް އުފުލާލައި ކެރިއަރު ފުރިހަމަ ކޮށްފިއެވެ.