ގަތަރު ވޯލްޑް ކަޕް 2022

މެސީގެ ހުވަފެން ހަގީގަތަކަށް، އާޖެންޓީނާ ތިންވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަމަށް

ގަތަރު ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދައިފިއެވެ.

ފްރާންސާ ދެކޮޅަށް އާޖެންޓީނާ މިރޭ ކުޅުނު ފައިނަލް ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ކޮށެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ފެނިގެން ފުރިހަމަ ފުޓުބޯޅަ ފައިނަލެކެވެ. ފުރަތަމަ އާޖެންޓީނާއިން ދެ ގޯލް ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕްގައި ބޭނުންކުރާނެ އެންމެ ހައިބަތު ބޮޑު، ޖާގަ ތަނަވަސް ސްޓޭޑިއަމް، ލުސައިލް އައިކަނިކް ސްޓޭޑިއަމަށް ގާތް ގަނޑަކަށް 90،000 ސަޕޯޓަރުން ވަދެއޮތް އިރު، ގިނަކޮށް ފެނުނީ އާޖެންޓީނާގެ ސަޕޯޓަރުންނެވެ. އަޑު ބާރުކޮށް ފެނުނީވެސް އާޖެންޓީނާގެ ސަޕޯޓަރުންނެވެ. ކުލަގަދަ ހަރަކާތްތަކަކާއެކު މިރޭގެ ފައިނަލް ފެށީ އީކާ ކަސިޔަސް ވޯލްޑް ކަޕްގެ ޝަރަފުވެރި ތަށި ދައްކާލުމާވެސް އެކުގައެވެ.

ދެޓީމުންވެސް ނުކުތީ ތިންވަނަ ވޯލްޑް ކަޕް ތަށި ހޯދުމަށެވެ. ފްރާންސުން މީގެ ކުރިން 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ހޯދާފައިވާ އިރު، 1978 ވަނަ އަހަރާއި 1986 ވަނަ އަހަރު އާޖެންޓީނާއިން ވަނީ ތަށި އުފުލާލައިފައެވެ. އޭގެ އިތުރުން ފްރާންސް ނުކުތީ 60 އަހަރަށްފަހު ވޯލްޑް ކަޕް ތަށި ދިފާއުކުރާ ފުރަތަމަ ގައުމަށްވެސްވުމުގެ އަޒުމުގައެވެ. އާޖެންޓީނާއިން އެންމެ ބޮޑު ހިތްވަރެއް ހޯދީ ކެޕްޓަން މެސީގެ ވޯލްޑް ކަޕް އަލްވަދާއު، ވޯލްޑް ކަޕް ތަށްޓަކުން ނިންމާލުމަށެވެ.

އާޖެންޓީނާއާއި މެސީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް ގޮސް، އެ ފައިނަލުގައި ޖަރުމަނު ކައިރިން ބަލިވެ މާޔޫސްވި ނަމަވެސް، މިރޭގެ ފެށުމުން ދެއްކި މަންޒަރަކީ އެ މާޔޫސްކަން ހަނދާން ނައްތާލަން ތިބި މަންޒަރެވެ.

މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި އާޖެންޓީނާއިން މެދުތެރޭގެ ކޮންޓްރޯލް ހޯދައި، މެޗުގެ ފުރިހަމަ ކޮންޓްރޯލްވެސް ހޯދިއެވެ. ފްރާންސަށް މެޗުގެ ކުރިން ރޯގާ ހުމުގެ އަސަރު ކޮށްފައިވާ އިރު، އެކަމުގެ ސަބަބުން ބައެއް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނުހެން ހީވިއެވެ. އެކަމުގެ ފައިދާ ނަގަން އާޖެންޓީނާއިން މެޗުގެ ކުރީކޮޅުގައި ހަމަލާތައް އުފެއްދިއެވެ.

އެގޮތުން މެޗުގެ ފުރަތަމަ ކޮޅުގައި އެލެކްސިސް މެކް އެލިސްޓާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ފްރާންސް ކީޕަރު ހޫގޯ ލޮރިސްއާ ދިމާއަށެވެ.

އޭގެ އިރުކޮޅެއް ފަހުން ރޮޑްރިގޯ ޑި ޕޯލް ފޮނުވާލި ހަަމަލާ، ފްރާންސް ޑިފެންޑަރު ރަފައެލް ވަރާންގެ ފައިގައި ޖެހި ބްލޮކް ވެގެން ދިޔަ އިރު، 21 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީ ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަންހެލް ޑި މަރީއާއަށް ފްރާންސްގެ އޮސްމާން ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއާއެކު ވޯލްޑް ކަޕް ފައިނަލްގައި މެސީ އޭނާގެ ފުރަތަމަ ގޯލް ޖެހިއެވެ. އެ ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް މެސީ ވަނީ ޖެހިލާފައެވެ.

މެސީގެ ކެރިއަރު ފުރިހަމަ ކުރުމަށް އާޖެންޓީނާއިން ކުރަމުންދިޔަ ދަތުރުގައި ކުޅުންތެރިންގެ ހިތްވަރު ފެނިގެން ދިޔައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ފްރާންސަށް ހަމަލާއެއްވެސް އުފެއްދިޔަ ނުދީ ހިފަހައްޓައި، ކިލިއަން އެމްބާޕޭގެ ނުރައްކާވެސް އާޖެންޓީނާއިން މައިތިރި ކުރީ ފުރިހަމައަށެވެ.

މޮޅަށް ކުޅެމުންދިޔަ އާޖެންޓީނާއިން މެޗުގެ 36 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ހިތްގައިމު ކައުންޓާ އެޓޭކިން ގޯލެއްގައެވެ. އެލެކްސިސް މެކް އަލިސްޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑި މަރީއާއެވެ.

ދެ ގޯލުގެ ލީޑަކާއެކު 36 އަހަރަށްފަހު އާޖެންޓީނާއިން ގައުމަށް ވޯލްޑް ކަޕް ގެންދިޔުމާ ފިޔަވަޅެއް ގާތަށް ޖެހި ހާފު ނިންމާލިއެވެ.

ދެވަނަ ހާފުގައިވެސް އާޖެންޓީނާއިން ދުލެއް ނުދެއެވެ. އާޖެންޓީނާއިން ދިޔައީ މާ ބޮޑަށްވެސް ފައިނަލެއްގެ ރޫހުގައި ކުޅެމުންނެވެ. ދެވަނަ ހާފުގެ ފުރަތަމަ ހަތަރު ވަނަ މިނެޓުގައި ޑި ޕޯލް ފޮނުވާލި ހަމަލާ، އަމާޒުވީ ފްރާންސް ކީޕަރު ހޫގޯ ލޮރިސްއާ ދިމާއަށެވެ. އަދި އޭގެ 10 ވަރަކަށް މިނެޓް ފަހުން، ޑި މަރީއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒް ފޮނުވާލި ހަމަލާވެސް ފްރާންސް ކީޕަރު ލޮރިސް ވަނީ މަތަކޮށްފައެވެ.

އާޖެންޓީނާއިން ހިތްހަމަ ޖެހުމާއެކު ކުޅެމުން ދަނިކޮށް އެޓީމަށް ކުރިމަތިކުރުވީ އެމްބާޕޭގެ ޖާދުލެވެ. ކުޑަ ވަގުތުކޮޅަކުން އޭނާ މެޗު އަނބުރާލީ ހައިރާން ކޮށްލައިފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ފްރާންސުން ގޯލް ޖަހައި ފަރަގުކުޑަކުރީ އެމްބާޕޭގެ ޕެނަލްޓީގައެވެ. އަދި އޭގެ 90 ސިކުންތުފަހުން އެމްބާޕޭގެ ދެވަނަ ގޯލާއެކު ނަތީޖާ ހަމަހަމަަވެސް ކުރިއެވެ.

މާކަސް ތުރާމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އެމްބާޕޭ ދެވަނަ ގޯލް ޖެހި އިރު، އެގޯލާއެކު އެމްބާޕޭ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އެއީ ހަތް ގޯލާއެކުގައެވެ.

ކުއްލިއަކަށް އައި ނަތީޖާގެ ބަދަލާއެކު ފްރާންސަސް ދިރުން ލިބިގެން ދިޔައެވެ. ހާއްސަކޮށް އެމްބާޕޭއަށެވެ. އޭނާގެ ބާރު ސްޕީޑުން މުޅި އާޖެންޓީނާގެ ޑިފެންސް ރޫޅާލިއެވެ. އޭގެ ފަހުންވެސް ދެ ހަމަލާއެއް އެމްބާޕޭގެ ފަރާތުން ފެނުނު އިރު، އިތުރު ވަގުތަށް މެޗު ދިޔައީ އާޖެންޓީނާ ހާސްކޮށްލައިފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ނުރައްކާ ފެނުނީ އާޖެންޓީނާގެ ފަރާތުންނެވެ. އެންމެ ނުރައްކާތެރި ދެ ހަމަލާވެސް ފެނުނީ ލައުޓާރޯ މާޓިނޭޒްގެ ފަރާތުންނެވެ. ފުރަތަމަ މެސީ ހުސްކޮށްލާފައި ދިން ބޯޅައިގައި އޭނާ ޖެހި ބޯޅަ ފްރާންސްގެ ޑިފެންޑަރު ޑަޔަޓް އުޕަމެކާނޯ ބްލޮކް ކުރި އިރު، ފަހުން އޭނާ ޖެހި ބޯޅަވެސް ފައިން ޖައްސާ ބޭރުކޮށްލީ އުޕަމެކާނޯއެވެ.

އެ ޕްރެޝަރުގައި އާޖެންޓީނާއިން އިތުރު ވަގުތުގެ ދެވަނަ ހާފުވެސް ފަށައި، މެސީ އޭނާގެ ވަގުތުކޮޅު ހޯދިއެވެ. 109 ވަނަ މިނެޓުގައި އާޖެންޓީނާއިން އަލުން ލީޑު ހޯދިއެވެ. މެސީ އޭނާގެ ޖާދުވީ ވަގުތު ކޮޅު ހޯދައި، ކަރުނައިގައި އުފާފާޅުކުރިއެވެ. އާޖެންޓީނާއިން ވޯލްޑް ކަޕް ތަށްޓާ ކުރިއަށްވުރެވެސް ގާތަށް ޖެހިލައި، ފައިނަލް އަނެއްކާވެސް ފޯރިގަދަވިއެވެ.

އެ ގޯލާއެކު މެޗު ނިމޭނެ ކަމަށް އުންމީދުކޮށްގެން ތިއްބާ އަނެއްކާވެސް ތާރީހީ ވަގުތުކޮޅެއް ފެނުނެވެ. 118 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު އިތުރު ޕެނަލްޓީއަކާއެކު އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަފާސްހިސާބު ރެކޯޑުކުރަން ފެށި ފަހުން ކުޅުންތެރިޔަކު ފައިނަލްގައި ހެދި ފުރަތަމަ ހެޓްރިކެވެ.

ޕެނަލްޓީގައި ފްރާންސްގެ ފުރަތަމަ ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކުރި އިރު، އާޖެންޓީނާގެ ކެޕްޓަން މެސީ ޖެހި ޕެނަލްޓީ އޭނާ ހަމަޖެހިލައިފައި ވައްދާލިއެވެ. ފްރާންސްގެ ދެވަނަ ޕެނަލްޓީ ކިންގްސްލީ ކޯމަން ޖެހި ނަމަވެސް އާޖެންޓީގެ ގޯލްކީޕަރު މާޓިނޭޒް މަތަކުރިއެވެ. އަނެއްކޮޅުން އާޖެންޓީނާގެ ދެވަނަ ޕެނަލްޓީ ޕައުލޯ ޑީބާލާ ވައްދާލައި، އެޓީމަށް އުންމީދު އާކޮށްދިނެވެ. އެ އުންމީދަށް ދިރުން ލިބުނީ ފްރާންސްގެ ޗުއެމެނީ ޖެހި ފްރާންސްގެ ތިންވަނަ ޕެނަލްޓީ ބޭރަށް ދިޔުމާއެކުގައެވެ.

އާޖެންޓީނާގެ ތިންވަނަ ޕެނަލްޓީ ޕަރަޑޭސް ވައްދާލުމާއެކު އެޓީމަށް ތަށްޓާ އަނެއްކާވެސް ގާތަށް ޖެހިލެވުނެވެ. ފްރާންސްގެ ހަތަރުވަނަ ޕެނަލްޓީ މުއާނީ ވައްދާލި ނަމަވެސް އާޖެންޓީނާއިން ތަށި ނެގީ މޮންޓިއަލްގެ ޕެނަލްޓީ ވައްދާލައިގެންނެވެ.