އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް މުހައްމަދު ނަޝީދު ރަށުގައި ނޫޅުއްވަނީސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވަން ނިންމައި، އެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.

އެކަމަށް ބޭނުންވާ ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހެއް ކަމަށް، އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

އެކަމަށް ނުރުހުން ފާޅުކުރައްވައި އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަނިކޮށް، އެ މަނިކުފާނު ރަށުގައި ނޫޅުއްވަނީސް ޕްރައިމަރީއަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ފަސް ދުވަހުގެ މުއްދަތެއް ކަމަށެވެ.

"ކޮންމެ ކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅެއް ނުވާނެ،" އާޒިމް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު، އާޒިމަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރެކެވެ.