ބްރެޒިލްގައި މިވަގުތު ހުރި އެންމެ އުންމީދީ ތަރި، ޕަލްމޭރާސްގެ އެންޑްރިކް ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

އުމުރުން އެންމެ 16 އަހަރުގެ އެންޑްރިކް ރެއާލްއަށް ސޮއިކޮށްފައި ވަނީ ގާތްގަނޑަކަށް 60 މިލިއަން ޔޫރޯގެ އަގަކަށެވެ. ޓްރާންސްފާ ފީގެ ގޮތުގައި ރެއާލްއިން 25 މިލިއަން ޕައުންޑް ޕަލްމޭރާސްއަށް ދައްކަން އެއްބަސްވެފައިވާ އިރު، ބޯނަސް ފައިސާގެ ގޮތުގައި 25 މިލިއަން ޔޫރޯ ރެއާލްއިން ވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ޓެކްސްގެ ގޮތުގައި 12 މިލިއަން ޔޫރޯ ރެއާލްއިން ދައްކާނެ ކަމަށް ހަބަރުތައް ބުނެފައިވެއެވެ.

އަންޑްރިޗް ރެއާލްއަށް ސޮއިކޮށް ހުރިހާ ކަމެއް ނިންމާފައިވާ ނަމަވެސް، އޭނާ ސްޕެއިނަށް ގޮސް ރެއާލްއާ ގުޅޭނީ އުމުރުން 18 އަހަރު ވުމުންނެވެ. އެއީ ފީފާގެ އުސޫލުތައް އޮންނަ ގޮތުން، ޔޫރަޕުން ބޭރުގެ ކުޅުންތެރިޔަކު، ކްލަބަކަށް ސޮއިކުރި ނަމަވެސް އެ ކްލަބަކަށް ގޮސް ކުޅެވޭނީ 18 އަހަރުވުމުންނެވެ. އެއީ ޅަ އުމުރުގައި ދިމާވެދާނެ ބުލީކުރުމާއި އެހެނިހެން މައްސަލަތަކުން ކުޅުންތެރިން ސަލާމަތްކުރުމަށް ހަދާފައިވާ ހަރުކަށި އުސޫލެކެވެ.

ރެއާލްއަށް ސޮއިކޮށް އެންޑްރިކް ބުނެފައި ވަނީ ޕަލްމޭރާސްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ކްލަބު މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި 18 އަހަރު ވަންދެން ކްލަބުގައި ހޭދަކުރާ ކޮންމެ ދުވަހެއްގައިވެސް ފުރިހަމައަށް ކްލަބު ތަމްސީލުކޮށް، ތަށިތައް ހޯދައި، ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް އެންޑްރިކް ބުނެފައިވެއެވެ.

އެންޑްރިކްގެ ޓްރާންސްފާއާ ގުޅިގެން ޕަލްމޭރާސްގެ ރައީސް ލެއިލާ ޕެރޭރާ ވިދާޅުވެފައި ވަނީ "ބްރެޒިލްގެ އެންމެ އަގުބޮޑު، އަދި އެންމެ ބޮޑު ޓްރާންސްފާގެ މަޝްވަރާތައް ކާމިޔާބުވެފައިވާ،" ކަމަށެވެ.

އުމުރުން 16 އަހަރުގެ އެންޑްރިކަކީ ޕަލްމޭރާސްގެ ތާރީހުގައިވެސް އެ ކްލަބަށް ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި އޭނާ ކުޅުނު ހަތް މެޗުން ތިން ގޯލް ޖަހާފައިވެއެވެ. އެތައް ނޫސްވެރިންނަކާއި އެނަލިސްޓުންނެއް ސިފަކޮށްފައިވާ ގޮތުގައި އެންޑްރިކަކީ މުސްތަގުބަލުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް ވާނެ ކުޅުންތެރިއެކެވެ. ހާއްސަކޮށް ނޭމާއަށްފަހު ބްރެޒިލުން ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިޔަކީވެސް އެންޑްރިކް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.

ރެއާލް މެޑްރިޑުން މީގެ ކުރިންވެސް ބްރެޒިކްގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، ވިނީޝިއަސް ޖޫނިއާވެސް ގެންދިޔައީ 18 އަހަރުވުމުގެ ކުރިން ސޮއި ހޯދައިގެންނެވެ.