ކ. ގުޅިފަޅުގައި ހުންނަ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 12:31 ހާއިރު ކަމަށާއި ފަޔާ އެންޑް ރެކްސިއު (އެފްއާރުއެސް)ގެ ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ރޭ 1:52 ހާއިރު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން މިއަދު ހެނދުނު ފުލުހުން ބުނީ އެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާވެ، ހާލު ދެރަވި 76 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އެގޮތުން ޓްރީޓޮޕްގައި 63 މީހަކަށް އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ސީރިއަސް އަނިޔާވެފައިވާ ހަ މީހަކު ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި ސާޗް އޮޕަރޭޝަން ނިންމާލާފައިވާ އިރު، މީހަކު މަރުވެފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަނިޔާވި ބައެއް މީހުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި އެ ހާދިސާ ހިނގުމާއެކު ސަލާމަތްވުމަށް ގިނަ ބަޔަކު މަތީ ފަންގިފިލާތަކުން ފުންމާލި ކަމަށެވެ. އަދި ގިނަ ބަޔަކަށް ލިބިފައިވާ އަނިޔާތަކަކީ ވެސް ފުންމާލުމުގެ ސަބަބުން ލިބުނު އަނިޔާތަކެއް ކަމަށް އެމީހުން މައުލޫމާތުދެއެވެ.