ފްރާންސުން ތައްޔާރުވަނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާށެވެ. އެކަން ކުރަން ފްރާންސަށް މިހާރު ކުރަން އޮތް ހަމައެކަނި ކަމަކީ އާދީއްތަ ދުވަހުގެރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗުގައި އާޖެންޓީނާ ބަލިކުރުމެވެ. އެ ފައިނަލަށް ދާން ފްރާންސަށް އަނިޔާގެ ތަކުލީފުތައް ކުރިމަތިވި ނަމަވެސް، ތާރީހު ލިޔެލަން އެޓީމުން، އެތައް އުނދަގޫ މަރުހަލާއެއް ކަޑައްތު ކޮށްފިއެވެ. ޔަގީނުންވެސް މިހާރު ފްރާންސްގައި އޮތް ޖީލަށް އުންމީދު ބޮޑެވެ. އެޓީމުގެ ހުނަރުވެ ކުޅުންތެރިންނަށް އެކަންވާނެ ކަމަށް ގަބޫލުކުރެވޭނެ އެތައް ސަބަބެއް ދެއްކިދާނެއެވެ.
ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ފައިނަލްގައި ކުޅުމަކީވެސް މަދު ގައުމަކަށް ނޫނީ ލިބިފައި ނެތް ޝަރަފެކެވެ. ތާރީހުން ހެކި ދެނީ އެއީ ފުޓުބޯޅައިގެ އެންމެ ގަދަ ބާރުތަކަށް އެކަނި ލިބިގެން ދިޔަ ޝަރަފެއްގެ ގޮތުގައެވެ. ނެދަލޭންޑްސްއިން 1974 ވަނަ އަހަރާއި 1978 ވަނަ އަހަރުގެ ފައިނަލްގައި ކުޅެ، ދެ ފައިނަލުންވެސް ވީ ބައްޔެވެ. ނެދަލޭންޑްސް ފުރަތަމަ ބަލިވީ ވެސްޓް ޖަރުމަނު އަތުންނެވެ. ދެން ޖެހުނު ފައިނަލްގައި އާޖެންޓީނާ އަތްދަށުވީ އިތުރު ވަގުތުގެ ތެރޭގައެވެ.
އެ ތާރީހަށް އިތުރަށް ނަޒަރު ހިންގާލާ އިރު، ވެސްޓް ޖަރުމަނުން 1982 އިން 1990 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގެ ފައިނަލްގައި ވާދަކުރިއެވެ. އޭގެ ތެރެއިން ކާމިޔާބުކުރެވުނީ 1990 ވަނަ އަހަރު ފައިނަލް އެކަންޏެވެ. ވެސްޓް ޖަރުމަނުން އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. 1982 ވަނަ އަހަރުގެ ފައިނަލްގައި ވެސްޓް ޖަރުމަނު އިޓަލީ އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި 1986 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
ފްރާންސާ ދެކޮޅަށް މިފަހަރުގެ ފައިނަލްގައި ނުކުންނަ އާޖެންޓީނާއަކީވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމުގެ ޝަރަފު ހޯދާފައިވާ ޓީމެކެވެ. 1986 ވަނަ އަހަރާއި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއިން ކުޅެފައިވާ އިރު، އެޓީމަށް ހޯދުނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެއީ ޑިއޭގޯ މަރަޑޯނާގެ ވިދުން އެންމެ ގަދަވި ވޯލްޑް ކަޕްވެސް މެއެވެ. އޭގެ އިތުރުން ބްރެޒިލުން ވަނީ ފަހުގެ ތާރީހެއްގައިވެސް ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގެ ފައިނަލްގައި ކުޅެފައެވެ. އެއީ 1994 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ދެމެދު އޮތް ތިން ވޯލްޑް ކަޕްގައެވެ.
ބްރެޒިލުން 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕް ކާމިޔާބުކުރީ ޕެނަލްޓީގައި އިޓަލީ ބަލިކޮށްފައެވެ. 1998 ވަނަ އަހަރު ފައިނަލްގައި ފްރާންސް އަތުން ބަލިވި އިރު، އެއީ ފްރާންސްގެ ފުރަތަމަ ވޯލްޑް ކަޕް ތަށްޓެވެ. އެ މުބާރާތް އޮތީވެސް ފްރާންސްގައެވެ. އެ މެޗު ފްރާންސުން ކާމިޔާބުކުރީ 3-0 އިން ބްރެޒިލް ބަލިކޮށްފައެވެ. ދެން ބްރެޒިލުން 2002 ވަނަ އަހަރު ފައިނަލްގައި ޖަރުމަނު 2-0 އިން ބަލިކޮށް، އަނެއްކާވެސް ތަށި ހޯދިއެވެ. އެއީ ބްރެޒިލްގެ ތާރީހުގައި ރެކޯޑު ފަސްވަނަ ވޯލްޑް ކަޕެވެ.
އެއީ ފައިނަލްތައް ކުޅެ، އެކަން ނުކުރެވުނު ޓީމުތަކާއި، އެކަން އެގޮތަށް ނުހިނގައި ދިޔަ އަހަރުތަކުގެ ވާހަކައެވެ. ދެން އޮތީ މީގެ ކުރިން ވޯލްޑް ކަޕް ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދި ޓީމުތަކުގެ ވާހަކައެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރި ހަމައެކަނި ދެގައުމަކީ އެންމެ ކާމިޔާބު ބްރެޒިލާއި ހަތަރު ފަހަރުގެ ޗެމްޕިއަން އިޓަލީއެވެ. އެންމެފަހުން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ޓީމަކީ ބްރެޒިލެވެ. އެއީ 1962 ވަނަ އަހަރު، މީގެ 60 އަހަރު ކުރީންނެވެ. އެހެންކަމުން ފްރާންސަށް ލިބިފައި ވަނީ 60 އަހަރުގެ އެ ތާރީހު އަލުން ލިޔެލުމުގެ ފުރުސަތެވެ.
އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދީ އިޓަލީންނެވެ. އެއި 1934 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިގެންނެވެ. އިޓަލީން އެ ދެތަށިވެސް ހޯދީ ޔޫރަޕްގައެވެ. ފުރަތަމަ މުބާރާތް އަމިއްލަ ގައުމުގައި ކާމިޔާބުކުރި އިރު، އަނެއް މުބާރާތުގެ ތަށި އުފުލައިލީ ފްރާންސްގައެވެ. އެ ދެމުބާރާތުގައިވެސް އިޓަލީގެ ކޯޗަކީ ވިޓޯރިއޯ ޕޯޒޯ އެވެ.
އިޓަލީން ފުރަތަމަ އުފުލައިލި މުބާރާތުގައި ޖުމުލަ 16 ޓީމަކުން ވާދަކުރި އިރު، ފެށީވެސް ގަދަ 16 އިންނެވެ. އިޓަލީ ތަށި އުފުލައިލީ އެމެރިކާ، ސްޕެއިންގެ އިތުރުން އޮސްޓްރިއާ އަދި ޗެކޮސްލޮވާކިއާ ބަލިކޮށްފައެވެ. އެޓީމުގައި ޖިއެސޭޕޭ މިއާޒާއާއި ޖިއޮވާނީ ފެރާރީ ފަދަ ކުޅުންތެރިން ހިމެނެއެވެ. އިޓަލީން ދެން ހޯދި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރީ 15 ޓީމެވެ. އެއީ ފަހުވަގުތު އޮސްޓްރިއާއިން މުބާރާތުން ވަކިވުމުންނެވެ. އެފަހަރުވެސް ގަދަ 16 އިން މުބާރާތް ފެށި އިރު، އިޓަލީ ވަނީ ނޯވޭ އާއި ފްރާންސް، ބްރެޒިލްގެ އިތުރުން ހަންގޭރީ ބަލިކޮށްފައެވެ.
ޓީމުގެ ކެޕްޓަނަކީ މިއާޒާއެވެ. ސިލްވިއޯ ޕިއޯލާ އާއި ފެރާރީ އެޓީމުންވެސް ފާހަގަ ކޮށްލެވުނެވެ.
ދެން ތަށި ދިފާއުކުރި ބްރެޒިލުން އެކަން ކުރީ 1958 ވަނަ އަހަރު، އަދި 1962 ވަނަ އަހަރުއެވެ. 1958 ވަނަ އަހަރު ބްރެޒިލް ތަށި އުފުލައިލީވެސް 16 ޓީމުން ވާދަކުރި ވޯލްޑް ކަޕެއްގައެވެ. އެހެން ނަމަވެސް އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅެ، ދެން ކުޅުނީ ކުއާޓާއެވެ. ބްރެޒިލް ވަނީ ނޮކްއައުޓްގައި ވޭލްސް އާއި ފްރާންސް، އަދި ފައިނަލްގައި ސްވިޑެން ބަލިކޮށްފައެވެ. އެ މުބާރާތުގެ ތަރިއަކީ ޕެލޭއެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާ ވޯލްޑް ކަޕް އުފުލައިލީ ތާރީހު ލިޔެލައިފައެވެ. ކުއާޓާ ފައިނަލްގައި ވޭލްސް ކޮޅަށް ގޯލް ޖަހައި، ޕެލޭ ވަނީ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ހެޓްރިކް ހަދައިފައެވެ. ފައިނަލްގައި ސްވިޑެން ކޮޅަށް ޕެލޭ ދެ ގޯލް ޖަހައި، ބްރެޒިލުން ތަށި ނެގީ 5-2 ގެ ނަތީޖާއަކުންނެވެ.
އެ ވޯލްޑް ކަޕްގައި ޕެލޭ ކުޅުނު ކުޅުމަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކު ދެއްކި އެންމެ ތަފާތު މޮޅު އެއް ކުޅުންވެސް މެއެވެ. ބްރެޒިލުން 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލައިލީވެސް 16 ޓީމުގެ މުބާރާތަކުންނެވެ. އެފަހަރުގެ ނޮކްއައުޓް ސްޓޭޖުގައި ބްރެޒިލުން އިންގްލެންޑާއި ޗިލީ، އަދި ޗެކޮސްލޮވާކިއާ ބަލިކުރިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕެލޭއަށް އަނިޔާވެ އޭނާއަށް މުބާރާތް ގެއްލުނު ނަމަވެސް ގަރިންޗާ ފަދަ ތަރިންނާއެކު ބްރެޒިލް ފަސޭހަކޮށް ތަށި އުފުލައިލިއެވެ.
އެއީ ވޯލްޑް ކަޕް ދިފާއުކުރި ޓީމުތަކުގެ ވާހަކައެވެ. މީގެ ކުރިން އެންމެ ދެގައުމަކަށް ހޯދުނު ޝަރަފެއް ހޯދަން ފްރާންސަށް އޮތީ ބޮޑު އުންމީދެކެވެ. ފައިނަލް ކާމިޔާބުކޮށް، 60 އަހަރު ފަހުން ވޯލްޑް ކަޕް ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދަން ފްރާންސަށް އެބައޮތެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022