ކ. ގުޅިފަޅުގައި ހުންނަ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 12:31 އެހާކަންހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެކޮމޮޑޭޝަން ބްލޮކުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
އެ ހާދިސާގައި ޒަހަމްވި ގިނަ ބަޔަކު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގެ އެމަޖެންސީގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ.
އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިން ބުނީ އެމީހުންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 30 އަކަށް މީހުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ހާދިސާ ހިނގުމުން ސަލާމަތްވާން މަތީ ފަންގިފިލާތަކުން ބޭރަށް ފުންމާލުމުން ވެސް އަނިޔާތަކެއް ވެފައިވާ ކަމަށް އެމީހުންނާ ހަވާލާދީ "ވަން" ގެ ނޫސްވެރިން ބުނެއެވެ.
ޒަހަމްވި މީހުން މައުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.
އެ ހާދިސާގައި ޒަހަމްވި ބައެއް މީހުން ވަނީ އައިޖީއެމްއެޗްއަށް ވެސް ގޮންގޮސްފައެވެ. އެ ހޮސްޕިޓަލުގައި 12 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ އިންޑިއާގެ މީހުން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ މައުލޫމާތުދެއެވެ.
"ވަން" ގެ ނޫސްވެރިން ބުނީ ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ދެވަނަ ފަންގިފިލާއަށް އަލިފާންގަނޑު ފެތުރުނު ކަމަށް އެމީހުން މައުލޫމާތުދޭ ކަމަށާއި އަދި ތިންވަނަ ފަންގިފިލާގެ އިތުރުން އެހެން ފަންގިފިލާތަކުގައި އުޅޭ މީހުން ވެސް ބޭރަށް ފުންމާލި ކަމަށް މައުލޫމާތުދޭ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލަށް އިތުރު ބަޔަކު ގެންނަކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ހާދިސާއާ ގުޅިގެން ޓްރީޓޮޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފް ޑިއުޓީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ޑިއުޓީއަށް ނުކުމެފައެވެ.
ޒަހަމްވި ބައެއް މީހުން "ވަން" އަށް މައުލޫމާތުދޭ ގޮތުގައި އެކޮމޮޑޭޝަން ބްލޮކުގައި 500 އެއްހާ މީހުން ދިރިއުޅެއެވެ. ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބޭނެ ކަމަށްވެސް އެމީހުން އަންދާޒާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު