ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނިންމަވައިފިއެވެ.
ރިލްވާންގެ މަރުގެ ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށްފަހު އެ ކޮމިޝަނުން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްބާހް ވިދާޅުވީ، ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު މުނާޒް ސީރިއާއަށް ފުރައިގެން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމާއެކު ކަމަށެވެ.
މިސްބާހް އައްބާސް ވިދާޅުވީ، ރިލްވާގެ މަރުގެ ތަހުގީގެ ތެރެއިން އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުލުހުން، ރިލްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުގީގަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާކަން މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް މިސްބާހް ވިދާޅުވިއެވެ.
މިސްބާހު ވިދާޅުވީ، ރިލްވާން މަރާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮތްކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް އަހްމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާ އެކަންކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވޭ. އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުންކަން ވެސް ތަހުގީގަށް އެނގިފައިވޭ. މި މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒްއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގާ ހުރެގެން އެ މީހުންނާ ބައިވެރިވެ ހަނގުރާމަކުރުމަށް ސީރިއާއަށް ދާން ރެކްރޫޓްކުރަން އުޅުނު ފަރާތެއްކަން ފާހަގަކުރެވޭ،" މިސްބާހް ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ޔާމީންގެ ގާނޫނީވަކީލުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މިސްބާހުގެ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޔާމީންއާ ގުޅޭ ގޮތުން އަސްލެއް ނެތް ވާހަކަތަކެއް މިސްބާހު ދެއްކެވީ ވަކި ފަރާތަކަށް ސިޔާސީ ފައިދާއެއް ހޯދައިދޭން ކަމަށް ބަޔާނުގައިވެއެވެ.
"އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ކަތިލައި، ރައްޔިތުންގެ މެދުގައި އެ މަނިކުފާނަށް އޮތް މަގުބޫލުކަން ކުޑަކުރުމަށްޓަކައި ދުރާލާ ރާވައިގެން މިސްބާހް އައްބާސް ހިންގާފައިވާ ދަށްފަންތީގެ ސިޔާސީ ސްޓަންޓެއް ކަމަށް ދެކެން. އަދި އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ނަގައިލުމުގެ ދައުވާ މިސްބާހް އައްބާސްއާ ދެކޮޅަށް ކުރުމަށްޓަކައި، މައްސަލައިގެ ދައުވާ ފޯމް މިހާރު ތައްޔާރުކުރަމުންދާ ވާހަކަ އާއި އަދި މިކަމުގައި އަޅަންޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއްނެތި އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު އިތުރަށް ވިދާޅުވީ ރިލްވާން މަރުގެ ހާދިސާގެ ކަންކަން މުނާޒް، ޔާމީނަށް ކިޔައިދިންކަމުގެ ހެކި ހުރި ކަމަށް ބައެއް ފަރާތްތަކުން ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޮމިޝަނަށް ގަބޫލުކުރެވޭ މިންވަރަށް ތަހުގީގު ކޮށްފައިވާނެ ކަމަށާއި ނަމަވެސް މައްސަލައިގައި ޔާމީނަށް ދައުވާކުރުމުގެ ބާރު ލިބިގެންވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކަމަށް މިސްބާހު ވިދާޅުވިއެވެ.
ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ ރިޔާސީ ކޮމިޝަނަށްވެސް ހާޒިރުކޮށްފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ.