މޮރޮކޯ ކައިރިން ހޯދުނީ އުނދަގޫ މޮޅެއް ކަމަށާއި، ފައިނަލްގައި އޮތީ އާދަޔާހިލާފު ފޯމެއްގައި ހުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ކުރިމަތިލުން ކަމަށް ފްރާންސްގެ ކޯޗު ޑިޑީއޭ ޑިޝޭމްޕްސް ބުނެފިއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލްގައި ފްރާންސުން މޮރޮކޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ފްރާންސުން ދަތުރު ކޮށްފައިވަނީ އެގައުމުގެ ތާރީހުގައި ހަތަރު ވަނަ ވޯލްޑް ކަޕް ފައިނަލަށެވެ. މީގެ ކުރިން ދެފަހަރު ވޯލްޑް ކަޕް ތަށި ކާމިޔާބުކޮށްފައިވާ ފްރާންސުން މީގެ ކުރިން ތަށި ހޯދީ 1998 ވަނަ އަހަރާއި، 2018 ވަނަ އަހަރުއެވެ.

ރޭގެ އެ ނަތީޖާއާއެކު ފްރާންސް ވެފައި ވަނީ 2002 ވަނަ އަހަރު ބްރެޒިލަށްފަހު ވޯލްޑް ކަޕްގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ފުރަތަމަ ޓީމަށެވެ. އެ ޝަރަފާއެކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ޑިޝޭމްޕްސް ބުނީ ސެމީފައިނަލް ފަސޭހަ ނޫން ކަމަށާއި، ދެން އޮތީ އަދި މާ އުނދަގޫ ޗެލެންޖެއް ކަމަށެވެ.

"ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ޝަރަފެއް. މި ހޯދުނީ ފަސޭހަ މޮޅެއް ނޫން. އުނދަގޫ ހާލަތްތަކަކާވެސް ކުރިމަތިލާން ޖެހުނު. ހާއްސަކޮށް މެޗުގައި މޮރޮކޯއިން ނުރައްކާތައް ކުރިމަތިކުރުވި. އެކަމަކުވެސް އަހަރެމެންގެ ޓީމުން ދެއްކީ ހިތްވަރު، ކޮލިޓީއާއި ތަޖުރިބާ. ދެން އޮތީ އާޖެންޓީނާ. ޔަގީނުންވެސް މެސީ ހުރީ އާދަޔާހިލާފު ފޯމެއްގައި. މީގެ ހަތަރު އަހަރު ކުރިން ކުޅުނު މެޗާއި ތަފާތުވާނެ އެއް ސަބަބަކީ އެއީ،" ޑިޝޭމްޕްސް ބުންޏެވެ.

އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ގަދަ 16 ގައި އާޖެންޓީނާ އާއި ފްރާންސް ވަނީ ކުރިމަތިލައިފައެވެ. އެ މެޗު 4-3 އިން ފްރާންސް ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗާއި މިފަހަރުގެ ފައިނަލް އަޅައި ނުކިޔޭނެ ކަމަށް ޑިޝޭމްޕްސް ބުންޏެވެ.

"މެސީ އެ މެޗުގައި ކުޅުނީ ސެންޓަ ފޯވަޑަކަށް. އަހަރެމެންނަށްވެސް އެކަންވީ ސަޕްރައިޒަކަށް. މިހާރު ހަތަރު އަހަރުފަހުން މެސީ ކުޅެނީ ސެންޓަ ފޯވަޑްގެ ފަހަތުން. މެސީ ބޯޅަ ނަގައި، ގިނަ ދުވުންތަކެއްވެސް ބޯޅައާއެކު ދުވޭ. ނުރައްކާ ފޯމެއްގައި ކުޅެމުން އެދަނީ. މެސީއަކީ ޔަގީނުންވެސް ދުނިޔާގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަން އޭނާ ސާބިތުވެސް ކޮށްދެމުން އެދަނީ. އަހަރެމެން މެސީގެ ނުރައްކާ ހުއްޓުވޭތޯ ބަލާނަން. ހަމަ އެހެން އާޖެންޓީނާއިން އަހަރެމެންގެ ގިނަ ކުޅުންތެރިންތަކެއްގެ ނުރައްކާ ހުއްޓުވަންވެސް މަސައްކަތް ކުރާނެ. އެހެންވީމަ އެންމެ މަދު ގޯސްތަކެއް ހެދޭ ޓީމު މޮޅުވާނެ ކަމަށް ބެލެވެނީ،" ޑިޝޭމްޕްސް ބުންޏެވެ.

ފްރާންސާއި އާޖެންޓީނާ ވާދަކުރާ ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:00 ގައެވެ.