ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑްގެ ތަމްރީނު ހަދާ މަރުކަޒު ކަމަށްވާ ވަލްޑެބޭބާސްގައި ތަމްރީނުތަކެއް ފުރިހަމަ ކޮށްފިއެވެ.
މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރޮނާލްޑޯ، ރެއާލްގެ ތަމްރީނު ހަދާ މަރުކަޒުގައި މަސައްކަތްތަކެއް ކުރީ އޭނާގެ ފިޓްނަސް ލެވެލް ރަނގަޅަށް ހިފެހެއްޓުމަށެވެ. ރޮނާލްޑޯ ތަމްރީނުތައް ކުރީ އެކަނި އެއް ދަނޑުގައެވެ. ރެއާލްގެ ސީނިއާ ކުޅުންތެރިންނާ ވަކިން، އަމިއްލަ ދަރިފުޅު ގޮވައިގެން ގޮހެވެ.
މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ރޮނާލްޑޯ ރެއާލްގެ ތަމްރީނު މަރުކަޒުގެ ބޭނުންކުރަނީ ރެއާލްއާ އޮންނަ ގާތް ގުޅުމުގެ ތެރެއިން އެކަމަށް ފުރުސަތުފަހިކޮށްގެން ކަމަށެވެ. ރެއާލްގެ ތަމްރީނު މަރުކަޒުތަކުގެ ބޭނުން ރޮނާލްޑޯއަށް ހިފޭނެ ކަމަށް މީގެ ކުރިންވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފައިވާ އިރު، ރޮނާލްޑޯ މިވަގުތު ރެއާލްއާއެކު ޓްރާންސްފާގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޕޯޗުގަލުން ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލް މެޗުގައި މޮރޮކޯ ކައިރިން 1-0 އިން ބަލިވެގެންނެވެ. އެ މެޗުގެ ފުރަތަމަ 11 އަށްވެސް ކޯޗު ފެނާންޑޯ ސަންޓޯސް ރޮނާލްޑޯ ނެރެފައެއް ނުވެއެވެ. ގަދަ 16ގައި ޕޯޗުގަލުން ސްވިޒަލޭންޑްގެ މައްޗަށް 6-1 އިން ކުރި ހޯދި އިރު، އެ މެޗަށްވެސް ސަންޓޯސް ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައެއް ނުވެއެވެ. އެހެންކަމުން މައްސަލަތަކެއް ދިމާވި ކަމަށް ނޫސްތައް ބުނި ނަމަވެސް، ރޮނާލްޑޯ ވަނީ އެކަން ދޮގު ކޮށްފައެވެ.
ރޮނާލްޑޯ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އޭނާ މިހާރު ވަނީ އެ ކްލަބާއެކު ވެފައިވާ އެެއްބަސްވުން އުވާލައިފައެވެ. ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ސީޒަނުގެ ކުރިންވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން ޔުނައިޓެޑާއި ރޮނާލްޑޯ ވާހަކަ ދައްކައި، އެއްބަސްވުން އުވާލިއެވެ.
ރޮނާލްޑޯ ހޯދުމަށް މިވަގުތު އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ކްލަބަކީ ސައުދީ އަރަބިއާގެ އަލް ނަސްރެވެ. ހަބަރުތައް ބުނާ ގޮތުގައި އެ ކްލަބުން ވަނީ ރޮނާލްޑޯ ހޯދަން ރެކޯޑު މުސާރައެއް އެކުލެވޭ ބިޑެއް ކޮށްފައެވެ.
ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބު ދުވަސްތަކެއް ރެއާލްގައި މީގެ ކުރިން ހޭދަކޮށްފައިވާ އިރު، އޭނާ އެ ކްލަބަށް ކުޅެފައި ވަނީ 2009 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށެވެ. އެ ކްލަބަށް ރޮނާލްޑޯ ކުޅުނު 292 މެޗުން އޭނާ ވަނީ 311 ގޯލް ޖަހައިފައެވެ. ރޮނާލްޑޯ ރެއާލްއާއެކު ދެ ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ޗެމްޕިއަންސް ލީގު ހޯދާފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ