ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުމަކަށް އަންނަނީއެވެ. އެތަކެއް ޑްރާމާޔާއި އެތަކެއް ޝޮކް ފެނިގެންދިއުމަށްފަހު މުބާރާތުގެ ސެމީފައިނަލަށް ހަތަރު ޓީމެއް ވަނީ ހޮވިފައެވެ. ފްރާންސާއި އާޖެންޓީނާއަކީ ކުރިންވެސް މިހިސާބަށް ދަތުރުކުރާނޭކަމަށް ލަފާކުރެވުނު ޓީމުތަކެވެ. ސެމީފައިނަލްގެ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗު މިރޭ ކުޅެވޭނެއެވެ. އާޖެންޓީނާ އާއި ކްރޮއޭޝިއާގެ މެޗެވެ. އަނެއް މެޗު ކުޅެވޭނީ މާދަމާރެއެވެ. ބައްދަލުކުރާނީ މޮރޮކޯ އާއި ފްރާންސެވެ. މި ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރިއަސް އެ ކާމިޔާބީ ވެގެންދާނީ ވަރަށް ތާރީޚީ ކާމިޔާބަކަށެވެ. އެހެންވީމާ ކޮންމެ ބަޔަކު މޮޅުވިއަސް އަދި ބަލިވިޔަސް ގަތަރު ވޯލްޑްކަޕް ވެގެންދާނީ ހުރިހާ ގޮތަކުންވެސް ތާރީޚީ ވޯލްޑްކަޕަކަށެވެ.
މޮރޮކޯގެ ކާމިޔާބީއަކީ މިހާރުވެސް ހައިރާންކުރުވަނިވި ކާމިޔާބީއެކެވެ. މޮރޮކޯ ހިމެނުނީ ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލަށް ހޮވުނު އެފްރިކާގެ ހަތަރުވަނަ ޓީމު ކަމުގައެވެ. ކުރިން އެހިސާބަށް ދަތުރުކޮށްފައިވާ ތިން ޓީމަކީ ކެމެރޫނާއި ސެނެގޯލް އަދި ގާނާއެވެ. އެ ތިން ޓީމުވެސް ބަލިވެފައިވަނީ ކުއާޓަރ ފައިނަލުންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި އެފްރިކާ ތަމްސީލުކުރި ފަސް ޓީމުގެ ތެރޭގައިވެސް ކުރިން ބަޔާންކުރެވުނު ތިން ޓީމު ހިމެނެއެވެ. ގާނާ އާއި ކެމެރޫން މިފަހަރު ކެޓީ ފުރަތަމަ ބުރުންނެވެ. ސެނެގޯލް ކެޓީ ދެވަނަ ބުރުންނެވެ. މިފަހަރު އެފްރިކާ ތަމްސީލުކުރި އަނެއް ޓީމަކީ ޓިއުނީޝިއާއެވެ. ޓިއުނީޝިއާއަކީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް މެޗަކުން މޮޅުވި އެފްރިކާގެ ފުރަތަމަ ޓީމެވެ. އެއީ 1978 ގެ ވޯލްޑްކަޕުގައި މެކްސިކޯ އަތުންނެވެ. ޓިއުނީޝިޔާވެސް މިފަހަރު ފުރަތަމަ ބުރުން ފޭލްވީއެވެ.
ކުއާޓަރ ފައިނަލުގައި ޕޯޗުގަލްގެ މައްޗަށް އެކެއް ސުމަކުން ކުރިހޯދައި ސެމީފައިނަލްގެ ޖާގައެއް ހޯދުމާއެކު މޮރޮކޯ ވަނީ ވޯލްޑްކަޕުގެ ތާރީޚުންވެސް ޖާގަ ހޯދައިފައެވެ. ސެމީފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމުގެ ގޮތުގައެވެ. އެހެންވީމާ ދެން ކުރިއަށްއޮތް ދެމެޗުގެ ތެރެއިން ކޮންމެ މެޗަކުން މޮޅުވިއަސް އަނެއްކާވެސް އެ ލިޔެވެނީ ތާރީޚުގެ އައު ސަފުހާއެކެވެ. ސެމީފައިނަލުގައި ފްރާންސް އަތުން މޮޅުވެއްޖެނަމަ މޮރޮކޯވާނީ ފައިނަލުން ޖާގަހޯދި އެފްރިކާގެ ފުރަތަމަ ގައުމު ކަމުގައެވެ. ފައިނަލް މެޗުން މޮޅުވެއްޖެނަމަ މޮރޮކޯ ހިމެނޭނީ ވޯލްޑްކަޕް ކާމިޔާބުކުރި އެފްރިކާގެ ފުރަތަމަ ގައުމު ކަމުގައެވެ. މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ބުނާގޮތުން މިރިކޯޑު ހެދުމަށް މޮރޮކޯ އޮތީ ތައްޔާރަށެވެ. ހުވަފެން ނުދެކި ހުވަފެން ހަގީގަތަކަށެއް ނުހެދޭނެއެވެ. މޮރޮކޯގެ ހުވަފެނަކީ ބޮޑު ހުވަފެނެއްކަމަށްވެސް އޭނާ ބުނެއެވެ.
ސެމީފައިނަލްގައި މޮރޮކޯއަތުން މޮޅުވެއްޖެނަމަ ވިދިވިދިގެން ދެވަނަ ވޯލްޑްކަޕުގެ ފައިނަލުން ފްރާންސަށް ޖާގަ ލިބުނީއެވެ. އަދި ފައިނަލުން މޮޅުވެއްޖެނަމަ 60 އަހަރުގެ ތެރޭގައި ތަށި ދިފާއިކުރި ދެވަނަ ޓީމުކަމަށްވެސް ވެވޭނެއެވެ. ވޯލްޑްކަޕުގެ ތާރީޚުގައި ތަށި ދިފާއުކުރެވިފައިވަނީ އެންމެ ދެފަހަރަކުއެވެ. އެއީ 1938 ވަނަ އަހަރު އިޓަލީ އާއި 1962 ވަނަ އަހަރު ބްރެޒިލްއެވެ. އިޓަލީ ދެފަހަރުވެސް ތަށި ހޯދީ ވިއްޓޯރިއޯ ޕޮއްޒީގެ ކޯޗުކަމުގެ ދަށުންނެވެ. އޭގެފަހުން ތަށި ދިފާއު ކުރުމުގެ ފުރުސަތު 1990 ވަނަ އަހަރު އާޖެންޓީނާއަށް ލިބުނެވެ. އެކަން ނުވީއެވެ. ހަމައެގޮތަށް 1998 ވަނަ އަހަރު ބްރެޒިލްއަށް އަނެއްކާވެސް އެ ފުރުސަތު ލިބުނެވެ. ދެވަނަ ފަހަރަށް ތަށި ދިފާއުކުރުމުގެ ފުރުސަތެވެ. އެކަމަކު ފައިނަލްގައި ފްރާންސް އަތުން ބަލިވީއެވެ. ވިދިވިދިގެން ތިން ފައިނަލްގައި މިހާތަނަށް ކުޅެފައިވާ ހަމައެކަނި ޓީމަކީ ޖަރުމަނީއެވެ. އެއީ 82، 86 އަދި 90 އެވެ.
ލޫކާ މޮޑްރިޗާއި އޭނާގެ ކްރޮއޭޝިއާ މިފަހަރުގެ ސެމީފައިނަލްގައި އާޖެންޓީނާ އަތުން މޮޅުވެއްޖެނަމަ ވިދިވިދިގެން ދެވަނަ ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބުނީއެވެ. ފައިނަލުން މޮޅުވެއްޖެނަމަ ކްރޮއޭޝިއާގެ ތާރީޚުގައި އަލަށް ދުނިޔޭގެ ޗެމްޕިއަނުންކަމުގައި ވެވޭނެއެވެ. ބަލިވެއްޖެނަމަ ވިދިވިދިގެން ދެފައިނަލުން ބަލިވި ތިންވަނަ ޓީމުކަމުގައި ހިމެނޭނެއެވެ. މީގެކުރިން ހޮލެންޑާއި ޖަރުމަނީވެސް ވަނީ ވިދިވިދިގެން ދެ ފައިނަލުން ބަލިވެފައެވެ. ވިދިވިދިގެން ނޫނަސް ދެ ފައިނަލުން މީގެކުރިން ބަލިވެފައިވާ އެހެން ދެ ގައުމެއްވެސް ވެއެވެ. އެއީ ޗެކޮސްލޮވޭކިޔާއާއި ހަންގޭރީއެވެ. ވޯލްޑްކަޕުގެ ތާރީޚުގައި ތިން ފައިނަލެއްގައި ކުޅެގެން ތިންފަހަރުވެސް ބަލިވުމުގެ ރިކޯޑު އޮތީ ހޮލެންޑުގެ އަތުގައެވެ. ހޮލެންޑުގެ ދަތުރު މިފަހަރު ނިންމައިލީ ކުއާޓަރ ފައިނަލުގައި ލިއޯ މެސީގެ އާޖެންޓީނާއިންނެވެ.
ކްރޮއޭޝިއާ އަތުން ލިއޯ މެސީގެ އާޖެންޓީނާ މޮޅުވެއްޖެނަމަ އެއީ އާޖެންޓީނާގެ ތާރީޚުގައި ވޯލްޑްކަޕުގެ ފައިނަލް ކުޅޭ ހަވަނަ ފަހަރު ކަމުގައިވާނެއެވެ. މީގެކުރިން ފަސްފަހަރު ފައިނަލްކުޅެ ދެފަހަރު ތަށި ހޯދައި ތިންފަހަރު ބަލިވެފައިވެއެވެ. އެންމެ ފަހުން ބަލިވެފައިވަނީ 2014 ގައެވެ. އެންމެފަހުން މޮޅުވެފައިވަނީ 1986 ގައެވެ. މި ދެފަހަރުވެސް އާޖެންޓީނާއަށް ކުރިމަތިލާންޖެހުނީ ޖަރުމަނާއެވެ. މިފަހަރުގެ ފައިނަލަކީ އާޖެންޓީނާގެ ހަވަނަ ފައިނަލް ކަމަށްވިޔަސް މިއީ ލިއޯ މެސީގެ ދެވަނަ ފައިނަލެވެ. މިފަހަރަކީ އޭނާގެ ފަހުފަހަރެވެ. މިފަހަރު ތަށި ނުލިބިއްޖެނަމަ ލިއޯ މެސީގެ ކެރިއަރު ވޯލްޑްކަޕްގެ ތަށި އުފުލައިލުމުގެ ފުރުސަތު ނުލިބި ނިންމައިލާން ޖެހުނީއެވެ. މިއީ އުމުރުން މިހާރު 35 އަހަރުވީ މެސީ ކުޅޭނެ އެންމެފަހު ވޯލްޑްކަޕެވެ.