ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ދީނުގެ ނަމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން ގެންދާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރު ކުރި ސ. މަރަދޫފޭދޫ/ އާޒާ، ހުމައްމަދު ގައިސް އަލުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި 14 މީހަކު ހައްޔަރުކުރި އިރު, ގައިސް އެންމެ ފުރަތަމަ ހާޒިރުކުރީ އައްޑޫ އަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރާށެވެ. ނަމަވެސް އެ މައްސަލަ ގައިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން, އެ ކޯޓުން އޭނާ ދޫކޮށްލިއެވެ.
ހައިކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ބަންދުކުރުމަށް ފުލުހުންގެ އިންޓެލް ރިޕޯޓް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ.
އަދި ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދު ކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށާއި އެއަށް ބާރު ދޭ އިތުރު ހެކި ގަރީނާ ހުރެގެން ކަމަށްވެސް ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ މައްސަލައިގެ ހުކުމުގައި ބުނެފައިވެއެވެ.
ނަމަވެސް ގައިސް ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ އަލުން ހައްޔަރުކޮށްފައެވެ.
އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ގައިސްއާ ދެކޮޅަށް ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައި ނުވަނީ އިތުރު ހެކި ތަހުލީލު ކުރެވިފައި ނުވާތީ ކަމަށެވެ. އެގޮތުން، އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ނެގިފައިވީ ނަމަވެސް އެތަކެތި، ގައިސްގެ ބަންދަށް މުއްދަތު ޖެހި ވަގުތު ތަހުލީލު ކުރެވިފައި ނުވާތީ އެކަމާ ގުޅޭ ރިޕޯޓު ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު