ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ދުވަސްތަކަކަށްފަހު އަނެއްކާވެސް ވަނީ ގައުމީ ސްކޮޑަށް ނަގައިފައެވެ.

އަހަރެއްހާ ދުވަސް ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައި ވަނީ ކުރިއަށް އޮތް އެކުވެރިކަމުގެ ދެމެޗަށް ނެގި ސްކޮޑުގައެވެ. ރާއްޖެއިން ކުރިއަށް އޮތް ފީފާ ބްރޭކްގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ކުޅޭނީ މެލޭޝިއާއާއި ސިންގަޕޫރާ ދެކޮޅަށެވެ. މިމަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ގައުމީ ޓީމުން ނުކުންނަ އިރު، ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ 17 ވަނަ ދުވަހުއެވެ. ދެމެޗަށް މެލޭޝިއާއަށް ޓީމު ފުރީ ހޯމަ ދުވަހުގެ ރޭގައެވެ.

ޓީމާއެކު ދިޔަ 23 ކުޅުންތެރިންގެ ސްކޮޑުގައި، ދަގަނޑޭ، 37، ހިމަނާފައިވާއިރު، އޭނާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ މުބާރާތުގައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާއަށް ދަގަނޑޭ ކުޅުނެވެ. އެކަމަކު، އޭގެ ފަހުން ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އިރު، ސީޒަންގައި އޭނާ ކުޅެފައެއް ނުވެއެވެ.

ދަގަނޑޭ، އޭނާގެ ފިޓްނަސް ލެވަލް ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅި، ތަމްރީނުތައް ހަދާފައިވެއެވެ. އޭގެ ފަހުން ބައެއް ރަށްރަށުގެ މުބާރާތްތަކުގައިވެސް ދަގަނޑޭ ކުޅެފައިވާ އިރު، ބެލެވޭ ގޮތުގައި ގައުމީ ޓީމަށް 100 މެޗު ހަމަކުރަން ދަގަނޑޭއަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ކޯޗިން ޓީމުގައި އެބަހުއްޓެވެ.

މީގެ ކުރިން ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު، އަލީ ސުޒޭން ބުނެފައި ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާގެ ސެންޗަރީ ކްލަބަށް ދަގަނޑޭ ވަނުމަށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކަނާތް ފަރާތުން މީނީ ފީފާ ސެންޗަރީ ކްލަބްގެ ކުޅުންތެރިއެއް. އަޝްފާގު އެ ހިސާބަށް ދާން ބައިވަރު ވަގުތު އެބައޮތް. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، (އަޝްފާގު) ސެންޗަރީ ކްލަބުގައި ހުންނަން އަޅުގަނޑުމެން ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކުވެސް ބޭނުންވާނެ. އިމްރާން ވެސް ވަރަށް ބޭނުންވާނެ." ގައުމީ ޓީމުގެ ގޯލްކީޕަރަކަށް 17 އަހަރު ދުވަހު ކުޅުނު އިމްރާން މުހައްމަދު (އިންމަ) އަށް އިޝާރާތްކޮށް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ބުނެފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކުރި ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީމުގައި ނެތްއިރު، ދަގަނޑޭ އަލުން ނެގީ ކެޕްޓަނެއްގެ ޒިންމާ ހަވާލުކުރުމުގެ އިތުރުން ކުރިން ސުޒޭން ބުނި މަގުސަދު ހާސިލު ކުރުމަށް ކަމަށް ބެލެވެއެވެ. ދަގަނޑޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 89 މެޗު ކުޅެ، ރެކޯޑު 57 ގޯލް ޖަހައިފައެވެ. ފީފާ ސެންޗަރީ ކްލަބަށް ވަނުމަށް ދަގަނޑޭއަށް ބޭނުންވަނީ 11 މެޗެކެވެ.

މިވަގުތަކީ ރާއްޖޭގެ އޮފް ސީޒަން ކަމަށްވުމާއެކު މިފަހަރު ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ. އެއީ ކުޅުންތެރިން ރަށްރަށުގެ މުބާރާތްތަކުގައިވެސް މިވަގުތު ކުޅެމުންދާތީއާވެސް އެކުގައެވެ. އެހެންކަމުން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ވެލެންސިއާ ޔޫތު ޓީމަށް ކުޅެމުން އަންނަ 13 އަހަރުގެ މުހައްމަދު އިލާން އިމްރާނަށްވެސް ކޯޗު މޮރިއޭރޯ ދިނެވެ. އިލާން ވަނީ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި އަށް މެޗުން 35 ގޯލު ޖަހައިފައެވެ.

  • ސަމޫހު އަލީ (ސަމުއްޓެ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސެއިން ސިފާއު ޔޫސުފް (ކުރޯ)
  • އިބްރާހިމް އައިސަމް
  • ހައިޝަމް ހަސަން (ބިޑި)
  • ހަސަން ރާއިފް އަހުމަދު (ހަންނަ)
  • ހުސެއިން ނިހާން (ނިހާޓް)
  • ހަސަން ޝިފާޒް (ޑުންގާ)
  • އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)
  • އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ހުސެއިން ޝަރީފް
  • ހަސަން އަލީފް އިބްރާހިމް
  • ހަސަން ސުފިއާނު
  • ނިޝާމް މުހައްމަދު ރަޝީދު
  • ޝިފާން ހަސަން (ޝިފާންޓެ)
  • މުހައްމަދު މިރާޝް އިމްތިޔާޒް
  • އިޔާން އަބްދުލް އަލީމް (ޗިކީ)
  • މުހައްމަދު ސަހާއު (ބޭލް)
  • މުހައްމަދު އުމެއިރު
  • އަލީ އަޝްފާގު (ދަގަނޑޭ)
  • ހުމައިދު ހުސެއިން
  • އަހުމަދު މާއިޝް ރަޝީދު