މިއަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރާނެ ވަގުތީ މުވައްޒަފުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

އީސީން ރޭ ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުގެ ވަޒީފާއަށް ނަގަން ބޭނުންވަނީ ވަގުތީ 11 މުވައްޒަފުން ކަމަށެވެ. އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު 4،465 ރުފިޔާ، ސާވިސް އެލެވެންސްގެ ގޮތުގައި މަހަކު 1،500 ރުފިޔާ އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 155 ރުފިޔާ ލިބޭނެކަމަށް އީސީން ބުންޏެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އީސީން ބުނީ ވަގުތީ ގޮތުން ނަގާ މުވައްޒަފުން މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބު ނިމެންދެން ކަމަށެވެ. އަދި އީސީގެ ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައި ވެސް އެ މުވައްޒަފުން މަސައްކަތް ކުރަންވާނެކަމަށް އީސީން ބުންޏެވެ.

ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައި ވުމާއެކު، ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވާ މީހުންނަށް ވާންވާނެކަމަށްވެސް އީސީން ބުންޏެވެ. އޮފިސަރު ފެންވަރުގެ މަގާމެއް ނުވަތަ އެއަށްވުރެ މަތީ މަގާމެއްގައި އުޅެ އެއްއަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ، ވޭތުވެދިޔަ އިންތިހާބެއްގައި ޖީ.އެސް ތިނެއް ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައި ހުންނަންވާނެ ކަމަށް ވެސް އީސީން ބުންޏެވެ.

ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ 15:00ގެ ކުރިިން ފޯމު ފުރިހަމަ ކުރުމަށްފަހު އީސީގެ އޮފީހަށް ހުށަހަޅަންވާނެކަމަށް އީސީން ބުންޏެވެ. ނުވަތަ [email protected] މެއިލް ކުރުމަށް އީސީން ވަނީ އެދިފައެވެ. އީސީގެ ވަޒީފާއަށް ކުރިމަތިލާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.