ވޯލްޑް ކަޕެއްގެ ނިމުމަކާ ގާތްވެއްޖެއެވެ. ގަތަރުގެ ފުރިހަމަ ވޯލްޑް ކަޕްގައި ދެން އޮތީ އެންމެ މުހިއްމު، އެންމެ އިންތިޒާރު ކުރެވޭ މެޗުތަކެވެ. ސެމީ ފައިނަލުގެ ފޯރިގަދަ ދެ ކުރިމަތިލުމާއި، އޭގެ ފަހުން އޮތް ތިންވަނަ ހޮވާ މެޗު، އަދި ޝަރަފުވެރި، ގަދަރުވެރި ފައިނަލް މެޗެވެ.
މިހާތަނަށް ވޯލްޑް ކަޕް ދިޔަ އިރު، "ހީރޯއިންނާއި ޒީރޯ" އިންގެ ލަގަބު ދެވުނު ކުޅުންތެރިންތަކެއް ފާހަގަވާނެއެވެ. ހާއްސަކޮށް ސަޕޯޓަރުންގެ މެދުގައި އެ ބަހުސް އިންތިހާއަށް ގަދައެވެ. ކެޓުމާއެކު އެތައް ދިމާކުރުންތަކެއް ކުޅުންތެރިންނަށް ވަކިވަކީންވެސް އަމާޒުވާ އިރު، ވަރުގަދަ ކުޅުމަކާއެކު ފާހަގަކޮށްލެވޭ ހީރޯއިންތަކެއް ވެސް ފާހަގަވެއެވެ. މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ފުޓުބޯޅައިގެ އެންމެ ތާޒާ، ޝައުގުވެރި މަންޒަރުތައް ދައްކުވައިދީފިއެވެ. ފަހުވަގުތުގެ ގޯލުތަކާއި ޕެނަލްޓީ ޝޫޓްއައުޓްތަކުން ގަތަރު ވޯލްޑް ކަޕް ވެފައިވަނީ ހިތްގައިމު ވޯލްޑް ކަޕަކަށެވެ. ހައިރާން ކުރުވަނިވި ނަތީޖާތަކުން ޖަޒުބާތީ ވޯލްޑް ކަޕަކަށްވެސް މި ވޯލްޑް ކަޕް ވެއްޖެއެވެ.
ކޮންމެއަކަސް ހުރިހާ މަންޒަރަކުން ކުއާޓާ ފައިނަލް ހަތަރު މެޗުންވެސް ފާހަގަވި އެއް ކަމެއް އެބައޮތެވެ. ކުއާޓާ ފައިނަލް ފަހަނައަޅައި ދަތުރުކުރި ކޮންމެ ޓީމެއްގެ ގޯލުވެސް ބަލަހައްޓަމުން ދިޔަ ގޯލްކީޕަރުންނެވެ. ކުއާޓާ ފައިނަލުގެ މެޗުތަކުގައި ދަނޑުމަތިން އައުޓްފީލްޑް ދިހަ ކުޅުންތެރިން ކޮންމެ ޓީމަކުންވެސް ބުރަ މަސައްކަތްތަކެއް ކުރިކަންވެސް އެނގެއެވެ. އެހެން ނަމަވެސް ހަގީގީ ތަފާތު، ގޯލްކީޕަރުންގެ ކިބައިން ފެނުނެވެ.
ފަސް ތަރީގެ ޗެމްޕިއަން، އަދި މި މުބާރާތުގެ ފެވަރިޓް ޓީމު ބްރެޒިލް ކަޓުވާލައި، މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއިން މިފަހަރުވެސް ދައްކަނީ ހިތްވަރު ދޫނުކުރާ ވަރުގަދަ ކުޅުމެކެވެ. މާބޮޑަށް ޕާސްތައް ޖަހައި ކުޅެން މަސައްކަތް ނުކުރާ ޓީމެއް ނަމަވެސް ކްރޮއޭޝިއާ ބަލިކުރުން އަނެއްކާވެސް ޗެލެންޖަކަށް ވެއްޖެއެވެ. ބްރެޒިލް ކަޓުވާލި މެޗުގައި ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ހީރޯއަކީ ކީޕަރެވެ. ޕެނަލްޓީއާ ހަމައަށް ދިޔުމުގައިވެސް އެންމެ އިސް ރޯލެއް އަދާކޮށްދިނީ ޑައިނަމޯ ޒަގްރަބަށް ކުޅެމުން އަންނަ ޑޮމިނިކް ލިވަކޮވިޗެވެ.
ގަދަ 16 ގައި ޖަޕާން ބަލިކުރި މެޗުގައި ކްރޮއޭޝިއާއަށް ތިން ޕެނަލްޓީ މަތަކޮށްދިން ލިވަކޮވިޗް ކުއާޓާގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގެ 120 މިނެޓް ތެރޭގައި ޖުމުލަ 11 ސޭވްއެއް ކުރިއެވެ. ހާއްސަކޮށް ނޭމާގެ ހަތަރު ހަމަލާއެއް އޭނާ ހުޝިޔާރުކަމާއެކު މަތަކުރިއެވެ. އޭގެ އިތުރުން ލޫކަސް ޕަކެޓާގެ ދެ ހަމަލާއަކާއި ވިނީޝިއަސް ޖޫނިއާ އަދި އެންޓޮނީގެ ބޯޅަތައްވެސް އޭނާ މަތަކުރިއެވެ.
ޕެނަލްޓީގައި ބްރެޒިލްގެ ރޮޑްރީގޯ ޖެހި ޕެނަލްޓީވެސް ލިވަކޮވިޗް މަތަކުރި އިރު، އޭނާ ވަނީ އޭރިއާ ތެރެއިން ދިހަ ބޯޅައެއް ކުރިއަށް ޖެހި ނަގައިފައެވެ. މިހާތަނަށް މުބާރާތުގައި ލިވަކޮވިޗްގެ ސޭވް ޕަސެންޓޭޖަކީ 91 ޕަސެންޓެވެ.
އާޖެންޓީނާއިން ކޮޕާ އެމެރިކާ ނެގި ޓީމުގެ ތަނބު، އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނޭ ބުނެވިދާނެއެވެ. އެއީ އޭނާގެ ފެންވަރަށް ބަލައި، އަޅައިކިޔާލުމުން ދެވިދާނެ ޖަވާބެކެވެ.
ކުއާޓާ ފައިނަލުގައި އާޖެންޓީނާއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށްވެފައިވެސް އޮތް އިރު، އެއީވެސް މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ނޫނެވެ. މެސީގެ ފެންވަރު އެ މެޗުގައި ފެނުނެވެ. އާޖެންޓީނާއިން މެޗުގައި ދެ ގޯލު ޖަހައި ކުރި ހޯދާފައިވަނިކޮށް، ނެދަލޭންޑްސްއިން ފަހަތުން އެރީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. އެ ދެ ގޯލުގައި މާޓިނޭޒްގެ މާ ބޮޑު ގޯހެއް ނުފެނުނު އިރު، އޭނާގެ ފެންވަރު ދައްކާލީ ޕެނަލްޓީގައެވެ.
އަބަދުވެސް ޕެނަލްޓީއަށް ތަފާތު މޮޅު މާޓިނޭޒް ވަނީ ނެދަލޭންޑްސްއިން ފުރަތަމަ ޖެހި ދެ ޕަނަލްޓީ މަތަކޮށްފައެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކާއި ސްޓީވަން ބާގްހައުސް ޖެހި ޕެނަލްޓީތަކެވެ. އާޖެންޓީނާއިން 4-3 އިން ޕެނަލްޓީގައި މޮޅުވި އިރު، އެންމެ ބޮޑު ހިތްވަރަކަށްވީ މާޓިނޭޒް މަތަކުރި ޕެނަލްޓީތަކެވެ.
މިހާތަނަށް މުބާރާތުގައި އެންމެ ތަފާތު ބޮޑު ގޯލްކީޕަރަކަށް ފާހަގަކުރެވިފައިވަނީ ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އަންނަ މޮރޮކޯގެ ޔަސީން ބޯނޯއެވެ. މޮރޮކޯއިން ތާރީހު ލިޔެލައި ސެމީ ފައިނަލަށް ދަތުރު ކުރީ ފަސް މެޗުން ހަތަރު ކްލީންޝީޓް ހޯދައިގެންނެވެ.
މޮރޮކޯ ކޮޅަށް މިހާތަނަށް ވޯލްޑް ކަޕްގައި ވަދެފައިވަނީ ގްރޫޕް ސްޓޭޖުގައި ވަން އެންމެ ގޯލެކެވެ. އެއީ ކެނެޑާ ކައިރިން ވަން ގޯލެކެވެ. އެ ގޯލަކީ މޮރޮކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑިފެންސިވް ވަރުގަދަ ޕާފޯމަންސްތަކުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ބޯނޯ އަތުގައެވެ. ޑިފެންސް އޯގަނައިޒްކޮށް، ޕާސްތައް ޖެހުމުގައިވެސް ބޯނޯގެ ދައުރު ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ޕޯޗުގަލް ކައިރީ ކުޅުނު ކުއާޓާ ފައިނަލް މެޗުގައިވެސް އޭނާ ވަނީ 70 ޕަސެންޓްގެ އެކިއުރެސީއެއްގައި ފަހަތުން ގިނަ ޕާސްތަކެއް ޖަހައިފައެވެ.
ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ބޯނޯ ވަނީ ތަފާތު ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އެ މެޗު ޕެނަލްޓީގައި މޮރޮކޯ ކާމިޔާބުކުރި އިރު، ބޯނޯ ވަނީ ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ.
ޕޯޗުގަލްއާ ދެކޮޅަށް ކުޅެ، މޮރޮކޯއިން 1-0 އިން މޮޅުވި އިރު، ޖާއޯ ފީލިކްސްގެ ބާރު ދެ ހަމަލާއަކާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނުރައްކާތެރި ހަމަލާއެއް ބޯނޯ ހުޝިޔާރުކަމާއެކު މަތަކުރިއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. މަތިން އޭރިއާ ތެރެއަށް ދިޔަ ގިނަ ބޯޅަތަކެއް ހަމަޖެހިލާފައި ނަގައި ބޯނޯ ޓީމު ހިފަހައްޓައިދިނެވެ.
ފްރާންސާއި އިންގްލެންޑުން ކުއާޓާ ފައިނަލުގައި ކުރިމަތިލި މެޗަކީ ވާދަވެރި، ހަމަހަމަ މެޗަކަށްވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. އެ މެޗުގައި އެންމެ ކުދިކުދި ކަންކަމުންވެސް ނަތީޖާ ބަދަލުވާނެ ކަމަށް އެތައް ބަޔަކު އަންދާޒާ ކުރިއެވެ. އޭގެ ތެރެއިން ފާހަގަވި އެއްކަމަކީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސްގެ ކުޅުމެވެ.
ފްރާންސުން 2-1 އިން މެޗު ކާމިޔާބުކުރި އިރު، އެ މެޗަށް ލޮރިސް ނުކުތީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމަށެވެ. ޖުމުލަ 143 މެޗު ގައުމީ ޖާޒީގައި ހަމަކޮށް، ލޮރިސް ވަނީ ލިލިއަން ތުރާމްގެ އަތުގައި އޮތް ރެކޯޑު މުގުރާލައިފައެވެ. އެ ރެކޯޑު މުގުރާލި މެޗުގައި އިންގްލެންޑް ހިފަހައްޓަން ލޮރިސް ވަނީ ހަ ސޭވެއް ކޮށްފައެވެ.
އޭގެ ތެރޭގައި ނުރައްކާތެރި ހެރީ ކޭން "ވަން އޮން ވަން"އެއްގައި ޖެހި ބޯޅައެއްގެ އިތުރުން ބުކަޔޯ ސަކާއާއި ޖޫޑް ބެލިންހަމްގެ ބާރު ހަމަލާއެއްވެސް ހިމެނެއެވެ. އެ މެޗުގައި 45 ފަހަރު ކުޅުމުގައި ފަހަތުން ބައިވެރިވި ލޮރިސް، 83 ޕަސެންޓް ހަމަލާ ފުރިހަމައަށް މެޗުގައި މަތަކުރިއެވެ. ލޮރިސް ކޮޅަށް މެޗުގައި ވަން ހަމައެކަނި ގޯލަކީ ޕެނަލްޓީއެކެވެ.