ހދ. ނޮޅިވަރަމުގައި މަރާލައިފައި އޮއްވައި ފެނުނު އެރަށު ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީ ވިލާ، އަބޫބަކުރު ފައިސަލް 32އ، ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިރޭ ބުނީ، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 12:30 ގައެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ސީނަށް އެޓެންޑުވެ، އޭނާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޝާމާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނިޝާމާގެ މަރުގެ ތުހުމަތު ކުރެވޭ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިޝާމާ މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ.
ނިޝާމާ މަރުވި ސަބަބު ދެނެގަންނަން އޭނާ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމައިފައެވެ.
މަރާލައިފައި އޮއްވައި ފެނުނު ނިޝާމާގެ ތިން ދަރިންވެސް ތިބެއެވެ.
ނޮޅިވަރަމުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިންވެސް ނިޝާމާ ނޭވާ ހާސްކޮށް، މަރައިލުމަށް އޭނާގެ ފިރިމީހާ މަސައްކަތް ކޮށްފައިވާ ކަމަށް، ނިޝާމާ އެރަށުގެ ބައެއް އަވަށްޓެރިން ކައިރީގައި ބުނެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރުތައްވެސް ވަރަށް ގިނައިން އޭނާއަށް ދީފައިވާ ކަމަށް ނިޝާމާ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު