ރ. ދުވާފަރު ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ރ. ކަނދޮޅުދޫ/ ޖަޒީރާ، އަބްދުﷲ ނަޒީމްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ އިންތިހާބުގައި އޭނާގެ ކެނޑިޑޭޓްކަން ގަބޫލުކުރުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އަބްދުالله ނަޒީމުގެ ފަރާތުން އީސީގެ މައްޗަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އެ ކޮމިޝަނުން މި މަހު 24ގައި ބާއްވަން ހަމަޖައްސާފައިވާ ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައި ވަނިކޮށް ޝަރުތު ފުރިހަމަނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގު ގެއްލޭ ގޮތަށް އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އީސީގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި އޭނާގެ ކެނޑިޑެންސީ ގަބޫލުކުރުމަށް އީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އޭނާ އެދުނެވެ.

އިންތިހާބަށް ކުރިމަތިލުމަށް ނަޒީމުގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމާފައި ވަނީ، ކަނޑައަޅާފައިވާ ސުންގަޑިއަށް އޭނާގެ ދަރަންޏާއި ކުށުގެ ރެކޯޑު ހުށަހަަޅާފައިނުވާ ކަމަށް ބުނެއެވެ.

މި މައްސަލަ ބެލުމަށްގަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނަޒީމަށް ދޫކުރި ދަރަންޏާއި ކުށުގެ ރެކޯޑް އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އީސީއަށް ހުށަހެޅިކަން އެނގޭ ކަމަށެވެ. އަދި އެ ލިޔުން މުޅިން ފުރިހަމަ ވެފައިނުވަނީ، ޑީޖޭއޭ އިން އެ ރެކޯޑް ތައްޔާރުކުރުމުގައި އަރާފައިވާ އޮޅުމަކުންކަން އެނގޭތީ އާއި ހަމަ އެ ދުވަހު ޑީޖޭއޭއިން ދޫކުރި ރެކޯޑް އިސްލާހުކޮށް ދޫކުރި ލިޔުން ނަޒީމުގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާތީ އާއި އޭނާގެ ފަރާތުން އެ ރެކޯޑް އީސީއަށް ހުށަހެޅީ އޭނާގެ ކެނޑިޑޭޓްކަމާމެދު އެ ކޮމިޝަނުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކަމަށްވާތީވެ، އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް އަދި ސުންގަޑީގެ ކުރިން ހުށަހަޅާފައި ނެތް ކަމަށް ބަލައި ނަޒީމުގެ ކެނޑިޑެންސީގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން ނަޒީމަކީ މި މަހު 24 ގައި ބާއްވަން ހަމަޖައްސާފައިވާ ބައި-އިލެކްޝަންގެ ކެނޑިޑޭޓުކަމުގެ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށް އީސީން ކަނޑައަޅާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ނުވާތީ، ނަޒީމުގެ ކެނޑިޑެންސީ ގަބޫލުކުރުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫންއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.