ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލް ކަޓުވާލައި، މޮރޮކޯއިން ސެމީ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.
ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މޮރޮކޯ ސެމީއަށް ދިޔުމާއެކު އެގައުމު ވެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ހަމައެކަނި އެފްރިކާގެ ޓީމަށެވެ. އެ ތާރީހާއެކު މޮރޮކޯ ވަނީ ފުޓުބޯޅައިގެ ތާރީހުން މުހިއްމު ޖާގައެއް ހޯދައިފައެވެ.
ޕޯޗުގަލް މިރޭގެ މެޗަށް ނުކުތީ ގަދަ 16 ގައި ބޮޑު ތަފާތަކުން ސްވިޒަލޭންޑް ބަލިކޮށްފައި އޮވެގެންނެވެ. ގަދަ 16 ގެ މެޗުގައި ޕޯޗުގަލްއިން 6-1 އިން ސްވިޒަލޭންޑް ބަލިކުރި އިރު، އަނެއްކޮޅުން ނުކުތް މޮރޮކޯއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު ހައިރާން ކަމެވެ.
ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކޮށް، ކްރޮއޭޝިއާއާ އެއްވަރުކޮށް މޮރޮކޯއިން ގްރޫޕްގެ އެއްވަނަވެސް ހޯދިއެވެ. ގަދަ 16 ގައި އެޓީމުން ވަނީ ޕެނަލްޓީގައި ވަރުގަދަ ސްޕެއިން ކަޓުވާލައި ފުޓުބޯޅައިގެ ތާރިހު ލިޔެލައިފައެވެ. ހާއްސަކޮށް އެގައުމުގެ ފުޓުބޯޅައިގައި މިރޭގެ ކުއާޓާ ފައިނަލް ހާއްސަ ވަނީ، ވޯލްޑް ކަޕެއްގެ ފުރަތަމަ ކުއާޓާގެ ޝަރަފާއެކުގައެވެ.
މެޗުގެ ކުރިން ކޯޗު ބުނީ އެ ޝަރަފާއެކު އެފްރިކާގެ ތާރީހުވެސް ބަދަލުކުރަން މޮރޮކޯ ތައްޔާރު ކަމަށެވެ. ހުވަފެނީ ދަތުރު ނިންމާލަން އަދި ބޭނުން ނުވާ ކަމަށެވެ. އެކަމަށް އެޓީމުގެ އެންމެ މުހިއްމު ހަތިޔާރަކީ ސަޕޯޓަރުންނާއި ބުރަ މަސައްކަތް ކަމަށްވެސް ކޯޗު މެޗު ކުރިން ފާހަގަކުރިއެވެ.
މޮރޮކޯއިން އެކަމަށް ފަސް ނުޖެހޭނެކަން މެޗުގެ ކުރިން ދައްކާލީ ގުގުމަމުން ދިޔަ ސަޕޯޓާއެކުގައެވެ. ހީވީ ގައުމުގައި ކުޅެމުން ދިޔަ މެޗެއްހެންނެވެ. މޮރޮކޯގައި ކުޅުމުގެ އިހުސާސް ޕޯޗުގަލްގެ ކުޅުންތެރިންނަށްވެސް ކުރޭވެނެ ކަން ޔަގީނެވެ.
މޮރޮކޯން މެޗު ފެށީ އެޓީމުގެ ސްޓައިލްގައެވެ. މަޑުކޮށްލައިގެން ތިބެ، އެޓޭކަށް ބަދަލުކުރާ ގަޑީ ބުރަކޮށް މަސައްކަތް ކުރަން ޓީމު ތައްޔާރަށް އޮތެވެ. ހާއްސަކޮށް ބޯޅަ ލިބޭ ކޮންމެ ފަހަރެއްގައި އެޓީމުން ކުރިއަށް ދުވެ، އަނެއްކާވެސް ފަހަތަށް ފައިބައެވެ. ޕޯޗުގަލްއިން މިރޭގެ ފުރަތަމަ 11 އަށްވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ނެރެފައި ނުވާ އިރު، ފަސްވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޮއާ ފީލިކްސް ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ބޯނޯގެ ޗެލެންޖް ޕޯޗުގަލްއަށް ޖެހޭނެ ކަމަށް މާ ކުރިންވެސް ބެލެވުނެވެ. އަނެއްކޮޅުން މޮރޮކޯއިން ކުރިއަށް ޖެހުނު ވަގުތު ހަކީމް ޒިޔެޗްގެ ދެ ހަމަލާއެއް ފާހަގަވި އިރު، މެޗުގެ 34 ވަނަ މިނެޓްގައި ޔަހްޔާ އަތިއަތަﷲ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެލީމް އާމަލާ ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގައި މޮރޮކޯގެ ވަގުތުކޮޅު އައީ 42 ވަނަ މިނެޓުގައެވެ. އަތިއަތަﷲ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް، ޔޫސުފް އެން ނެސީރީ ލީޑު ނަގައިދިނެވެ. ތުމާމާ ސްޓޭޑިއަމް ކައްކުވާލައި، ގުގުމާލިއެވެ. ގައުމީ ރޫހާއި ޖޯޝުގެ އަޑު ގަދަކޮށްލިއެވެ. މޮރޮކޯގެ އެ ގޯލްގައި ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާގެ ގޯސް ފާހަގަކުރެވުނެވެ.
ހާފު ނިމެން ދަނިކޮށް ބްރޫނޯ ފެނާންޑޭޒް ޖެހި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފު ފެށިގެންވެސް ޕޯޗުގަލުން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ރޮނާލްޑޯވެސް ދަނޑު މައްޗަށް ނެރުނެވެ. ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ. އެހެން ނަމަވެސް މޮރޮކޯ ދިޔައީ ހިފަހައްޓަމުންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޕޯޗުގަލްއިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލިއެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފީލިކްސް ފޮނުވާލި ހަމަލާ، މޮރޮކޯ ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް ކީޕަރު ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ހަކީމް ޒިޔެޗާއި ސުފިޔާން ބޫފާލް އަދި ކެޕްޓަން ސައިސްވެސް ބަދަލުކުރަން ޖެހި، މޮރޮކޯއަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދިމާވި ނަމަވެސް، އެކަމުންވެސް ޓީމުގެ ބުންވަރާއި މަސައްކަތަށް ބަދަލެއް ނާދެއެވެ. ޑިފެންސް ކުރީ ޖާނާއި މާލުން ގައުމަށްޓަކައި ގުރުބާން ވެގެންނެވެ. އެފްރިކާގެ މުޅި އާބާދީގެ ޝަރަފާއި ފަހުރަށްޓަކައެވެ.
މެޗުގެ ފަހު ވަގުތުގައި ރޮނާލްޑޯ ޖެހި ބޯޅަވެސް ބޯނޯ މަތަކުރި އިރު، އަނެއްކޮޅުން މޮރޮކޯއަށް ލީޑު ފުޅާކުރަން އަބޫކްލާލްއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލިއެވެ. ސެމީއަށް ދިޔުމަށް މޮރޮކޯ ފަހު ވަގުތު ކޮޅު ހިފަހައްޓާލީ ރަތް ކާޑެއްވެސް ދައްކާފައި ވަނިކޮށެވެ. އިތުރު ވަގުތުގައި މޮރޮކޯގެ ޗެޑީރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވެއެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކާފައި ވަނީ ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ދެ މިނެޓުގެ ތެރޭގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022