މޮރޮކޯގެ ވޯލްޑް ކަޕް ދަތުރު ކުއާޓާ ފައިނަލުން ނިންމާލަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ އެފްރިކާގެ ޝަރަފުގައި އިތުރަށް ތާރީހު ލިޔެލަން ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ބުނެފިއެވެ.
މޮރޮކޯއިން މިފަހަރުގެ ވޯލްޑް ކަޕްގައި އެގައުމުގެ ތާރީހު ލިޔެލައިފިއެވެ. ގްރޫޕް ސްޓޭޖު މޮރޮކޯއިން ފެށީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ، އެއްވަރުކޮށްގެންނެވެ. އެއަށްފަހު ޔޫރަޕްގެ ގަދަ ބާރު، ދުނިޔޭގެ ދެވަނައިގައި އޮތް ބެލްޖިއަމް ބަލިކުރިއެވެ. ފަހު މެޗުގައި އެޓީމުން ކެނެޑާ ބަލިކޮށް އެއްވަނަވެސް ހޯދިއެވެ. އަދި ގަދަ 16 ގައި ޕެނަލްޓީއަށް ގޮސް، 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިންވެސް މޮރޮކޯއިން ކަޓުވާލިއެވެ. ސްޕެއިން ކަޓުވާލައި، މޮރޮކޯއިން ހޯދީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ފުރަތަމަ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ފުރުސަތެވެ.
އެތާރީހު އިތުރަށް ލިޔެލުމަށް މޮރޮކޯއިން މިރޭ ނުކުންނަ އިރު، އެޓީމުން ނުކުންނަން ޖެހޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ.
"އަހަރެންގެ ކުޅުންތެރިން ތިބީ މޮޅަކަށް ފެންބޮވައިގެންފައި. މިހާތަނަށް ހާސިލްކުރި ކާމިޔާބީއަކުން ފުއްދާލަން އަދި ބޭނުމެއް ނުވޭ. އަހަރެމެން މިތިބީ އުންމީދާއި އިތުބާރާއެކު. ތާރީހުގެ އިތުރު ސަފުހާއެއް ލިޔެލުމުގެ ފުރުސަތު އެބައޮތް. އަހަރެމެން ބޭނުންވަނީ މޮރޮކޯ ކުއާޓާގައި އޮތީ އެކަމަށް ހައްގުވެގެން ކަން ދައްކަން. އެފްރިކާ މި މަގާމުގައި އޮތީ ހައްގު ވެގެންކަން ދައްކަން. ފުޓުބޯޅައަކީ ދުނިޔޭގެ ކުޅިވަރެއް،" ރަކްރާކީ ބުންޏެވެ.
ރަކްރާކީ ބުނީ މޮރޮކޯއިން ތަމްސީލު ކުރަނީ އެފްރިކާ ކަމަށާއި މި މުބާރާތުގައި މޮރޮކޯއިން ދެއްކި ތަފާތާއެކު އެފްރިކާ އާއި އަރަބި ގައުމުތަކުގެ ކޯޗުންނަށްވެސް ޔޫރަޕްގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަހަރެން އަހަން ބޭނުން ޔޫރަޕްގެ ކްލަބުތަކަށް، އަރަބި ކޯޗުންނާއި އެފްރިކާގެ ކޯޗުން ގެންދަން ބޭނުން ނުވަނީ ކީއްވެތޯ؟ އެއީ ސަގާފަތާވެސް ގުޅޭ ސުވާލެއްކަން އެނގޭ. އަހަރެންގެ ގަބޫލުކުރުމަކީ އެފްރިކާގެ ކޯޗުން ކިބައިގައިވެސް ޔޫރަޕްގެ ކުޅުންތެރިން ތަމްރީނުކުރުމުގެ ހުނަރު އެބަހުރިކަން،" ފްރާންސަށް އުފަން 47 އަހަރުގެ ރަކްރާކީ ބުންޏެވެ.
ޕޯޗުގަލްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އަމާޒުކޮށް ރަކްރާކީ ބުނީ، އެ މެޗަށް ޕޯޗުގަލްއަށް ފޯކަސް ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އަމިއްލަ ޓީމަށް ފޯކަސް ކުރަން ކަމަށެވެ. އެހެން ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުން ފަށައިފިނަމަ، އެއީ ފަސޭހައަކަށް ވާނެ ކަމަށް ރަކްރާކީ ބުންޏެވެ.
"އަހަންނަކަށް ނޭނގެ ރޮނާލްޑޯ މެޗު ފަށާނެ ކަމެއް. އަހަރެން އުންމީދު ކުރަނީ އޭނާ ނުނުކުންނާނެ ކަމަށް ފުރަތަމަ 11 އަށް. ކޯޗެއްގެ ހައިސިއްޔަތުން އަހަންނަށް އެނގޭ ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާކަން. އަހަރެން އުފާވާނީ އޭނާ ނުކުޅޭނަމަ،" ކުރިން ގަތަރުގެ އަލް ދުހައިލަށް ކޯޗުކޮށްދިން ރަކްރާކީ ބުންޏެވެ.
ޕޯޗުގަލްއިން ގަދަ 16 ގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ރޮނާލްޑޯ އެ މެޗުގައި ބެންޗުން ފެށީ ކޯޗު ފެނާންޑޯ ސަންޓޯސްއާ މައްސަލަތަކެއް ޖެހިގެން ކަމަށް ބައެއް މީޑިއާތަކުގައި އަޑު ފެތުރިފައިވީ ނަމަވެސް، ޕޯޗުގަލް ކޯޗު ވަނީ އެކަން ދޮގުކޮށްފައެވެ. ރޮނާލްޑޯގެ ބަދަލުގައި ކޯޗު އެމެޗަށް ނެރުނު އުމުރުން 21 އަހަރުގެ ކޮންސާލޯ ރާމޯސް، އެމެޗުގައި ހެޓްރިކް ހެދުމުން، މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ނުފެނުންވެސް އެކަށީގެންވެއެވެ.
ޕޯޗުގަލް އާއި މޮރޮކޯ ވާދަކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022