ނެދަލޭންޑްސްއިން އަބަދުވެސް ކުޅެނީ ރީތި ހިތްގައިމު ފުޓުބޯޅައެއް ކަމަށް ކޯޗު ލުއިސް ވެން ހާލް ބުނަމުންދާ ނަމަވެސް، ފެނުނީ ދިގު ބޯޅަތަކެއް ކުރިއަށް އުކައިގެން، ދިގު ކުޅުންތެރިންތަކެއްގެ ބޭނުންކުރިތަން ކަމަށް އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާ އާއި ނެދަލޭންޑްސް ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ވެގެން ދިޔައީ ވާދަވެރި، ފޯރިގަދަ، ވޯލްޑް ކަޕްގެ ކްލެސިކް މެޗަކަށެވެ. މެސީ އާޖެންޓީނާގެ ފުރަތަމަ ގޯލަށް ހިތްގައިމު އެސިސްޓެއްކޮށްދިން އިރު، ދެވަނަ ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ. ނެދަލޭންޑްސްއިން ފަހަތުން އަރަން ކުރި މަސައްކަތުގައި ދެ ގޯލު ޖެހީ ވޫޓް ވެގްހޯސްޓެވެ. އިސްކޮޅުން ދިގު ވެގްހޯސްޓް ޖެހި ފަހު ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައެވެ. އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސް، ނަތީޖާ ކަނޑައެޅީ ޕެނަލްޓީގައެވެ.

ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހުވެސް މެސީ ނެދަލޭންޑްސް ބެންޗަށް އިޝާރާތްކޮށް އުފާފާޅުކޮށްފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ރައްދު ދިނީ މެޗު ކުރިން ވެން ހާލް ދެއްކި ވާހަކަ ތަކަކަށެވެ. މެސީއަކީ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ނަމަވެސް، ބޯޅަ ނެތި މެސީ ނުކުޅޭތީ، އޭނާ ހުއްޓުވޭނެ ކަމަށް ވެން ހާލް ބުނެފައިވާ ބުނުމަށް މެސީ ހިތްހަމަ ނުޖެހި ހުރިކަން މެޗު ނިމުމުންވެސް އޭނާގެ ފަރާތުން ފާހަގަވެފައިވެއެވެ.

މެސީ ރުޅިގަދަވެފައި ހުރެ ރޭ ދިން އިންޓަވިއުގައި ވެން ހާލަށް އަމާޒުކޮށް ބުނެފައި ވަނީ ރީތި ފުޓުބޯޅައެއްގެ ބަދަލު ނެދަލޭންޑްސް ކުޅުނީ "ބޮޑު ބޯޅަ" ކަމަށެވެ.

"ވެން ހާލް އަބަދުވެސް ބުނާނެ ނެދަލޭންޑްސް ކުޅެނީ ރީތި ފުޓުބޯޅައެކޭ. އެކަމަކު އޭނާ ކުރާ ކަމަކީ އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް އަރުވާފައި ފަހަތުން ބޮޑެތި ބޯޅަތަކެއް ކުރިއަށް ޖަހަނީ،" މެސީ ބުންޏެވެ.

ރޭގެ މެޗުގައި ގިނަ ރީނދޫ ކާޑުތަކެއްވެސް ފެނިގެން ގޮސްފައިވާ އިރު، ރެފްރީއަށް ޝަކުވާކޮށް ރުޅިގަދަވުމުގެ ސަބަބުން މެސީއަށްވެސް ރެފްރީ ކާޑު ދައްކާފައިވެއެވެ. ސްޕެއިންގެ ރެފްރީ އެމްޓޯނިއޯ މަޓޭއޫއަށް އަމާޒުކޮށްވެސް ރޭގެ މެޗުގައި މެސީ ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.

"އަހަރެން ބޭނުމެއްވެސް ނޫން ރެފްރީގެ ވާހަކަ ދައްކާކަށް. އެއީ ތެދަށް ރެފްރީގެ ވާހަކަ ދައްކައިފިއްޔާ ފިޔަވަޅު އަޅާނެ. އެކަމަކު ފީފާއިންވެސް ވިސްނާލަން ޖެހޭ މިކަހަލަ ވާދަވެރި މެޗުތަކަށް ރަނގަޅު ރެފްރީން ނެރެން. މި ކަހަލަ ހާލަތްތައް ހެންޑަލް ކުރެވޭނެ ފެންވަރުގެ ރެފްރީން ނެރެން،" މެސީ ބުންޏެވެ.

ރޭގެ މެޗުގައި މެސީ ޖެހި ގޯލަކީ އޭނާ ވޯލްޑް ކަޕްގައި ޖެހި 10 ވަނަ ގޯލެވެ. ވޯލްޑް ކަޕްގައި 10 ގޯލު ހަމަކޮށް، މެސީ މިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީ އަދި ބަޓިސްޓޫޓާ ވެސް ވަނީ ވޯލްޑް ކަޕް 10 ގޯލު ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗަށްފަހު މެސީ ވަނީ މަރަޑޯނާއަށް ހާއްސަ ވާހަކަތަކެއްވެސް ފާހަގަކޮށްފައެވެ. 2020 ވަނަ އަހަރު މަރުވެފައިވާ އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާއާ ގުޅިގެން މެސީ ބުނީ، މަރަޑޯނާގެ ހިތްވަރު އާޖެންޓީނާ ކިބައިން ފެންނަ ކަމަށާއި މަރަޑޯނާއަށްޓަކައި މި ކުޅުމުގައި މުބާރާތް ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އާޖެންޓީނާއަކީ ވޯލްޑް ކަޕްގެ ގަދަ ހަތަރެއްގެ ޓީމަކަށްވީ ހިތްވަރާއެކު، ވަރުގަދައަށް ކުޅެގެން ކަމަށްވެސް އުމުރުން 35 އަހަރުގެ މެސީ ބުންޏެވެ.

އާޖެންޓީނާ އާއި މެސީއަށް ދެން އޮތް ޗެލެންޖަކީ ސެމީ ފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށް އޮތް ޗެލެންޖެވެ.