ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުގައި ނެދަލޭންޑްސް ބަލިކޮށް، އާޖެންޓީނާއިން ސެމީ ފައިނަލް ޔަގީންކޮށްފިއެވެ.

ގަތަރުގެ ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްވެސް އިތުރު ގޯލެއް ނުފެނުނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މި ދެ ޓީމުން 2014 ވަނަ އަހަރު އެންމެފަހުން ކުޅުނު ވޯލްޑް ކަޕް މެޗުގެ ނަތީޖާ ކަނޑައަޅަން ޖެހުނީވެސް ޕެނަލްޓީގައެވެ. އެ މެޗުގައި އާޖެންޓީނާއިން ވަނީ ނެދަލޭންޑްސް ބަލިކޮށް ފައިނަލަށް ގޮސްފައެވެ. މިފަހަރުވެސް އެ ތާރީހު ވަނީ ތަކުރާރުކޮށްފައެވެ.

މިރޭގެ މެޗަށް ނެދަލޭންޑްސް ނުކުތީ ގްރޫޕް ސްޓޭޖުން ފެށިގެން ބަލިނުވެ، ގަދަ 16 ގައި އެމެރިކާ ބަލިކޮށްފައެވެ. ނެދަލޭންޑްސްއިން ގަދަ 16 ގައި އެމެރިކާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެމެރިކާ ކައިރިން ހޯދި އެ މޮޅާއެކު ޓީމުގެ ރޫހު ރަނގަޅުކޮށް އޮތް ނަމަވެސް، މިރޭގެ މެޗު އުނދަގޫވާނެ ކަމަށް އެޓީމުން ކުރިންވެސް އަންދާޒާކުރިއެވެ.

އާޖެންޓީނާއިން ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗުގައި މެކްސިކޯއާއި ޕޮލެންޑް ބަލިކުރިއެވެ. އަދި ގަދަ 16 ގައި އޮސްޓްރޭލިއާވެސް ބަލިކުރިއެވެ. އެޓީމުން މިރޭގެ މެޗާ ހަމައަށް ކުރި ދަތުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ލިއޮނަލް މެސީއެވެ. މިރޭގެ މެޗުގައި ނެދަލޭންޑްސްއަށް ޗެލެންޖަކީވެސް މެސީއެވެ. އާޖެންޓީނާގެ ބޮޑު ޒިންމާއެއް އޭނާގެ ކޮނޑުގައި އެޅިފައި އޮތް އިރު، ޓީމު އަދިވެސް ބަރޯސާ ވަނީ އުމުރުން 35 އަހަރުގެ މެސީއަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ބޯޅަ މެދުތެރެއިން ހޯދައި، އެ ބޯޅަ ހިފަހައްޓަން ކުރި މަސައްކަތުގައި ފުރަތަމަ ހާފުގައި ގިނަ ކާޑުތަކެއް ފެނިގެން ދިޔައެވެ.

ދެވަނަ ހާފު މަޑު ރާގެއްގައި ދަނިކޮށް، ހާފަށް ދިރުން ގެނެސްދިނީ އާޖެންޓީނާއިން ޖެހި ގޯލާއެކުގައެވެ. އާޖެންޓީނާއިން މެޗުގެ 35 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ޑިފެންސް ފޫއަޅުވާލީ، ޓީމުގެ ތަރި މެސީގެ ޖާދުލާ އެކުގައެވެ. މެދުތެރެއިން ނެދަލޭންޑްސްގެ ތިން ކުޅުންތެރިން ކައިރިކޮށްފައި ވަނިކޮށް، އެ ތިން ކުޅުންތެރިން ދޭތެރެއިން ޖާގައެއް ހޯދައި، މެސީ ދުއްވާލި ތުރޫ ޕާހުން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ވިންގް ބެކް ނަހުއެލް މޮލީނާއެވެ.

މެސީއަށް ބޮޑު ތައުރީފެއް ހައްގު ގޯލާއެކު ލީޑު ނަގައި އާޖެންޓީނާއިން ހާފު ނިންމާލީ ލީޑުގައެވެ. ނެދަލޭންޑްސްގެ ނުރައްކާތެރި ހަމަލާއަކަށް ޖާގަ ނުދީއެވެ.

މިހާތަނަށް މުބާރާތުގައި މޮޅު ކައުންޓާ އެޓޭކެއް ކުރަމުންދިޔަ ނެދަލޭންޑްސްއަށް ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މެސީ ނުރައްކާ ކުރިއެވެ. އެގޮތުން 63 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން ހުރަސް ދަނޑިމަތިން ބޭރަށް ދިޔައީ ކުޑަތަންކޮޅެއް މަތިންނެވެ.

ނެދަލޭންޑްސްއަށް މާ ބޮޑު ޖާގައެއް ނުދީ ކުޅެމުން ދިޔަ އާޖެންޓީނާއިން މެޗުގެ 73 ވަނަ މިނެޓުގައި ލީޑު ފުޅާވެސް ކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާކޮސް އަކޫނާއަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީޒް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ މެސީއެވެ.

އެ ގޯލަކީ މެސީ ވޯލްޑް ކަޕްގައި ޖެހި 10 ވަނަ ގޯލެވެ. ވޯލްޑް ކަޕްގައި 10 ގޯލު ހަމަކޮށް، މެސީ މިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީ އަދި ބަޓިސްޓޫޓާ ވެސް ވަނީ ވޯލްޑް ކަޕް 10 ގޯލު ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޯލާއެކު އާޖެންޓީނާއިން ވަރަށް ބޮޑަށް ހަމަޖެހިލިއެވެ. އެހެން ނަމަވެސް ނުރައްކާ ކުރުމަށް އިސްކޮޅުން ދިގު ވޫޓް ވެގްހޯސްޓާއި ލޫކް ޑިޔޯންގެ ކުޅެން އެރުމުން އާޖެންޓީނާއަށް އުނދަގޫތަކާ ކުރިމަތިވި އިރު، 83 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ނަތީޖާގެ ފަރަގުވެސް ކުޑަކުރިއެވެ. އެޓީމުގެ ފުރަތަމަ ނުރައްކާތެރި ހަމަލާވެސް މެއެވެ.

ސްޓީވަން ބާގްހައުސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވެގްހޯސްޓެވެ. އެ ގޯލާއެކު ނެދަލޭންޑްސްއިން އުންމީދު ހޯދައި ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިލިވެސް މެއެވެ. މެޗުގެ ފަހު ކޮޅުގައި ނެދަލޭންޑްސް ނުރައްކާ ބޮޑުކޮށް ފެނުނު އިރު، އާޖެންޓީނާ ފެނުނީ ހާސްކަމެއްގެ ތެރޭގައެވެ.

ފަހުވަގުތުގެ ނެދަލޭންޑްސްއިން ނުރައްކާ ކުރަމުން ދިޔަ އިރު، ލޫކް ޑި ޔޮންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބާގްހައުސް ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަހުންވެސް ނެދަލޭންޑްސްއިން އޭރިއާ ތެރެއަށް ހުރަސްތައްކޮށް ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް އެޓީމުން މެޗުގެ ފަހު ސިކުންތުގައި ކާމިޔާބުވެސް ކުރިއެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓްގެވެސް ފަހު ސިކުންތުގައި ނެދަލޭންޑްސްގެ ހިލޭ ޖެހުމުން ކޫޕްމައިނާސް ޖައްސާލި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސް ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ވެގްހޯސްޓެވެ. އެ ވަގުތާއެކު މެސީއާއި އާޖެންޓީނާ ނާއުންމީދުވެ ސިހުމަކަށް ދިޔަ އިރު، ނެދަލޭންޑްސްއަށް ކަރުނައިގެ އުފާވެރިކަމަކާއެކު އިތުރު ވަގުތަށް މެޗު ދިޔައެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި އެއްވެސް ޓީމަކުން ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދަނިކޮށް އާޖެންޓީނާއިން ފުލުފުލުގައި އެޓޭކް ކުރިއެވެ. ލައުޓާރޯ މާޓިނޭޒް އޭރިއާ ތެރެއިން ހުސްކޮށް އޮވެ ފޮނުވާލި ބާރު ހަމަލާ ނެދަލޭންޑްސްގެ ޑިފެންޑަރު ވެން ޑައިކް ބްލޮކްކޮށް ބޭރުކޮށްލި އިރު، ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ވެގްހޯސްޓްގެ ފައިގައި ޖެހި، ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުންވެސް މާޓިނޭޒާއި މެސީ ޖެހި ބޯޅަތައް ނާކާމިޔާބުވި އިރު، އެންޒޯ ފެނާންޑޭޒް ޖެހި ބޯޅަ އަަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އާޖެންޓީނާއިން ފަހު ވަގުތު ގޯލަކާ ގާތަށް ޖެހިި ނަމަވެސް، އިތުރު ގޯލެއް ނުފެނި މެޗުގެ ނަތީޖާ ނެރުމަށް ޖަހަން ޖެހުނީ ޕެނަލްޓީއެވެ.

ޕެނަލްޓީގައި ނެދަލޭންޑްސްގެ ކެޕްޓަން ވެން ޑައިކް ފުރަތަމަ ޖެހި ޕެނަލްޓީވެސް އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ޖަހަން މެސީ ގޮސް، ހަމަޖެހިލައިފައި ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަނެއްކާވެސް އާޖެންޓީނާގެ ކީޕަރު މާޓިނޭޒްގެ ތަފާތު ފެނުނެވެ. ނެދަލޭންޑްސްގެ ދެވަނަ ޕެނަލްޓީ ބާގުހައުސް ޖެހުމުން މާޓިނޭޒް މަތަކުރިއެވެ. އާޖެންޓީނާގެ ދެވަނަ ޕެނަލްޓީ ޕަރަޑޭސް ވައްދާލި އިރު، ނެދަލޭންޑްސްގެ ތިންވަނަ ޕެނަލްޓީ ކޫޕްމައިނާސް ކާމިޔާބުކުރިއެވެ. އަދި އާޖެންޓީނާގެ ތިންވަނަ ޕެނަލްޓީ ގެބްރިއަލް މޮންޓިއާލް ކާމިޔާބުކޮށް އާޖެންޓީނާގެ އުންމީދު ދަމަހައްޓައިދިނެވެ.

ނެދަލޭންޑްސްގެ މަޖުބޫރު ޕެނަލްޓީ ޖަހަން ގޮސް ވާގްހޯސްޓް ކާމިޔާބުކުރި އިރު، އާޖެންޓީނާގެ އެންމެ މުހިއްމު ޕެނަލްޓީ ޖަހަން ދިޔައީ އެންޒޯ ފެނާންޑޭސްއެވެ. އޭނާ ޕެނަލްޓީން މޮޅުވާން އޮއްވައި، ދިޔައީ ބޭރަށެވެ. އެއާއެކު އަނެއްކާވެސް ނެދަލޭންޑްސްއަށް އުންމީދު ލިބުނީ ލޫކް ޑިޔޯންގެ ޖެހި ޕެނަލްޓީ ކާމިޔާބުކުރުމުންނެވެ. އެހެން ނަމަވެސް ލައުޓާރޯ މާޓިނޭޒްގެ ޕެނަލްޓީ ކާމިޔާބުކޮށް އާޖެންޓީނާއިން މެޗު ކާމިޔާބުކުރިއެވެ.

އާޖެންޓީނާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި ކުޅެން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ކްރޮއޭޝިއާ ސެމީއަށް ދިޔައީ ބްރެޒިލް ކަޓުވާލައިފައެވެ.