ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑު ކިޔަނީ ސަމާލުކަން ހޯދުމަށް ކަމަށްބުނެ މީޑިއާތަކާއި އެނަލިސްޓުންނަށް ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މެސުޓް އޮޒިލް ރައްދު ދީފިއެވެ.
އޮޒިލް އެފަދަ ގޮތަކަށް ރޮނާލްޑޯ ދިފާއު ކޮށްފައި ވަނީ މީޑިއާތަކުގައި ރޮނާލްޑޯގެ ގިނަ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން ރޮނާލްޑޯ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ޖެހުނު މައްސަލަތައްވެސް ފެންމަތިވެފައިވާ އިރު، އެ މައްސަލައިގައި ރޮނާލްޑޯ ދިން އިންޓަވިއުއަކަށްވެސް ސަމާލުކަން ހުއްޓިފައިވެއެވެ.
އޭގެ އިތުރުން ޕޯޗުގަލް ޓީމު ތެރޭގައި ރޮނާލްޑޯ އާއި ކޯޗު ފެނާންޑޯ ސަންޓޯސް މައްސަލަ ޖެހުނު ކަމަށް ވާހަކަތައް ފެތުރިފައިވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ އެންމެފަހުން ޕޯޗުގަލް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ރޮނާލްޑޯ ނޭރުވީ ކޯޗު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
ރޮނާލްޑޯއަށް ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޭނާގެ ދިފާއުގައި އޮޒިލް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މީޑިއާ އާއި އެނަލިސްޓުންގެ ބޭނުމަކީ ރޮނާލްޑޯގެ ނަން ބޭނުންކޮށްގެން ސަމާލުކަން ހޯދަން ކަމަށެވެ.
"އަހަންނަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ ރޮނާލްޑޯއަށް ނަފުރަތު އަމާޒުކުރަންވީ ސަބަބެއް މީޑިއާއިންވެސް. އެ މީޑިއާތަކުން މަސައްކަތް ކުރަނީ ކްލިކްސް ހޯދަން، އަދި ކުރިން ކުޅެ ކެރިއަރު ގެއްލިފައިވާ ކުޅުންތެރިން މަސައްކަތް ކުރަނީ ސަމާލުކަން ހޯދަން، އެއީ ރޮނާލްޑޯގެ ނަން ބޭނުން ކޮށްގެން،" އޮޒިލް ބުންޏެވެ.
އޮޒިލް ބުނީ ރޮނާލްޑޯގެ އުމުރުން އެދަނީ 38 އަހަރު ފުރުމަށް ކަމަށާއި ސީޒަނެއްގައި އޭނާއަށް 50 ގޯލް މިހާރު ނުޖެހުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ރޮނާލްޑޯގެ ކުޅުން ފެނުނު ހުރިހާ ސަޕޯޓަރުންވެސް، ހިތްގައިމު އެތުލީޓެއްގެ 20 އަހަރު ދުވަހުގެ ކެރިއަރު ބަލާލަން ލިބުނުކަމަސްޓަކައި އުފާކުރަން ޖެހޭ ކަމަށްވެސް އޮޒިލް ބުނެފައިވެއެވެ.
އޮޒިލް އިތުރަށް ބުނީ ރޮނާލްޑޯގެ ނަންބަރުތަކާ، އަލަށް އަންނަން އޮތް ޖީލަށްވެސް ހަމަކުރެވޭނެ ކަމާމެދު ޝައްކު ކަމަށާއި ރޮނާލްޑޯއަކީ އަބަދުވެސް އެހެން ހަރުފަތެއްގެ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ ތާރިހު ދުށް އެންމެ ވަރުގަދަ އެތުލީޓަށް ދޭން ޖެހޭ އިހުތިރާމް ދިނުމަށް އޮޒިލް ވަނީ ގޮވާލައިފައެވެ.
އޮޒިލް އާއި ރޮނާލްޑޯއަކީ ރެއާލް މެޑްރިޑްގައި އެކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ކާމިޔާބީތަކެއްވެސް ހޯދި ދެކުޅުންތެރިންނެވެ. އޮޒިލް މިވަގުތު ގައުމީ ޓީމުންވެސް ދުރުގައި ހުރި އިރު، އޮޒިލްއަކީ އެތައް ބައެއްގެ އިހުތިރާމް ދަނޑު ބޭރުންވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ހާއްސަކޮށް މުސްލިމުންގެ ދިފާއުގައި އޮޒިލް ދައްކަމުންދާ ވާހަކަތަކަށް ގިނަ ބައެއްގެ ތައުރީފާއި ލޯބި އޭނާއަށް ދީފައިވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022